ދިވެހިރާއްޖެ ކޮށްފައިވާ ޑިމޮކްރެސީގެ ދަތުރުގައި, އެ ނިޒާމު ހަގީގަތުގައި ބައްޓަންވެފައި އޮންނަންޖެހޭ ގޮތް ދައްކަވައިދެއްވި ރައީސަކީ، ރައީސް އިބްރާހީމް މުހައްމަދު ސާލިހު ކަމަށް، އާރްޑީސީގެ އެމްޑީ މޫސާ އަލީ މަނިކު ވިދާޅުވެއްޖެއެވެ.
އޭނާ މިފަދައިން ވިދާޅުވީ ހުކުރު ދުވަހުގެ ރޭ ރ. މީދޫގައި ރައީސް އިބްރާހީމް މުހައްމަދު ސާލިހަށް، އެމްޑީޕީ ޕްރައިމަރީ ކެމްޕެއިން ކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަަފުޅުދައްކަވަމުންނެވެ.
މި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން، ރައީސް ސާލިހަކީ އަނިޔާވެރި ވެވަޑައިގަންނަވާނެ ބޭފުޅެއް ނޫން ކަމަށާއި، އެއީ މޫނު ހައްދަވާފައި ހުންނަވާނެ ވެރިއެއް ނޫންކަމަށް އޭނާ ވަނީ ވިދާޅުވެފައެވެެ. މީގެ އިތުރުން ކުރީގެ ވެރިންނާ ޚިލާފަށް ރައީސް ސާލިހު ވަނީ ތަފާތުތަކެއް ދައްކަވާފައި ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ. އެގޮތުން ކޮވިޑްގެ ދަތި ހާލަތުގައި ވެސް، އެއްވެސް ރަށެއްގައި ހިންގަވަމުންދިޔަ މަޝްރޫއުތައް ހުއްޓަވާނުލައްވާކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ. އޭނާ ވިދާޅުވީ ރާއްޖޭގެ ހުރިހާ ރަށެއް އެގޮތުގެ މަތީގައި ދެމިއޮތުމަށް ރައީސް މަސައްކަތްކޮށްދެއްވާ ކަމަށެވެ. މީގެ އިތުރުން 21 ވަނަ ގަރުނާ ހިސާބަށް އައިއިރު އަސާސީ ޚިދުމަތްތައް ހޯއްދަވައިދެއްވަން މަސައްކަތްކުރެއްވި ހަމައެކަނި ބޭފުޅަކީ ރައީސް ސާލިހު ކަމަށް މޫކޭ ވިދާޅުވިއެވެ.
އެމްޑީޕީއަށް ވެރިކަން ލިިބި ހަމަޖެހިލެވުނީ 2018 ވަނަ އަހަރު ކަަމަށާއި، އެ މަނިކުފާނު ވެރިކަން ކުރެއްވީ ވަރަށް ގިނަ ގޮންޖެހުންތަކާއެކު ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އަދި ރައީސް ސާލިހުގެ ޚިދުމަތްތައް ފެނި ރައްޔިތުން ތިބީ އެމަނިކުފާނު ދެކެ ލޯބިވެވިފައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އެހެންކަމުން ޖެނުއަރީ މަހުގެ 28 ވަނަ ދުވަހު ބާއްވާ ޕްރައިމަރީގައި އެ ލޯބި ފެނިގެންދާނެ ކަމަށް މޫކޭ ވަނީ ވިދާޅުވެފައެވެ. ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވިސްނަންވީ ކަމަކީ، އެކި ފިކުރު ގަތާލައިގެން އެންމެން އެކުގައި ހުންނެވި ބޭފުޅަކީ ކޮބައިތޯ ބެލުމަށް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އަނިޔާވެރި، ހަންފަތުރާފައިވާ ވެރިކަމެއް ކުރާ ޕީޕީއެމަށް ޖާގަ ނުދީ ވާނެ ގޮތެއް ވިސްނަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.
އެ ޖަލްސާގައި އިތުރަށް ވާހަކަދައްކަވަމުން މޫކޭ ވަނީ، ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އެގޮތުން އެމަނިކުފާނު ކުރެއްވީ ބިރުވެރި ޚުދުމުޚުތާރު ވެރިކަމެއްކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ ރައީސް ޔާމީން ކުރެއްވި ވައްކަން ކޯޓުން ސާބިތުވެފައިވާ ކަަމަށެވެ. އަދި ކޯޓު މަރުހަލާއިން، ރައީސް ޔާމީން ޚިޔާނާތްތެރި ވެވަޑައިގެންފައިފައި ވާކަން ސުވާލެއް ނެތް މިންވަރަށް އެނގި ހާމަވަމުންދާކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ.