ކ. މާލެ
|
7 ޖެނުއަރީ 2023 | ހޮނިހިރު 14:45
ރައްޔިތުންގެ މަޖިލީހުގެ ދުވާފަރު ދާއިރާގެ މެމްބަރު އިސްމާއީލް އަހުމަދު
ރައްޔިތުންގެ މަޖިލީހުގެ ދުވާފަރު ދާއިރާގެ މެމްބަރު އިސްމާއީލް އަހުމަދު
ރާއްޖެއެމްވީ
އެމްޑީޕީ ޕްރައިމަރީ
ޕްރައިމަރީގައި ރ އަތޮޅުން ރައީސަށް %70 ވޯޓު ޔަގީން: އިއްސެ
ރައީސް ސާލިހަކީ ރާއްޖެ މުޅިން އެހެން މިސްރާބަކަށް ގެންގޮސްދެއްވާފައިވާ އުންމީދީ ވެރިއެއް ކަމަށް އިއްސެ ވަނީ ވިދާޅުވެފައި
ރާއްޖޭގެ ރައީސްކަން ކުރައްވަން އެންމެ އެކަށީގެންވާ ބޭފުޅަކީ ރައީސް ސާލިހުކަމަށާއި އެމަނިކުފާނަކީ ތަފާތު ދައްކަވާ ބޭފުޅެއް ކަަަމަށް އޭނާ ވިދާޅުވި

ކުރިއަށް އޮތް އެމްޑީޕީގެ ޕްރައިމަރީގައި ރ. އަތޮޅުން ރައީސް އިބްރާހީމް މުހައްމަދު ސާލިހަށް %70 ވޯޓު ޔަގީންކަމަށް ރައްޔިތުންގެ މަޖިލީހުގެ ދުވާފަރު ދާއިރާގެ މެމްބަރު އިސްމާއީލް އަހުމަދު ވިދާޅުވެއްޖެއެވެ.

ހުކުރު ދުވަހުގެ ރޭ ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަފުޅުދައްކަވަމުން އޭނާ ވަނީ، ރައީސް ސާލިހަށް ތައުރީފްކުރައްވާފައެވެ. އެގޮތުން މިދިޔަ ހަތަރު އަހަރު ދުވަހުގެ ތެެރޭގައި މަޖިލީހުގައި ޖަވާބުދާރީވާން އުނދަނގޫ ކަމެއް ކުރަން ރައީސް ވިދާޅުވެފައި ނުވާކަމަށް އޭނާ ވިދާޅުވިއެވެ. އެންމެ ބޮޑު ކަންބޮޑުވުމެއް އައި ބިލަކީ ޓެކްސް ބޮޑުކުރުމާގުޅޭ ބިލް ކަމަށާއި، އެ ބިލަށްވެސް ވޯޓުދެއްވީ ފަޚުރުވެރިކަމާއެކު ކަމަށް އޭނާ ވިދާޅުވިއެވެ. ސަބަބަކީ އެއީ ރާއްޖޭގެ ސަލާމަތަށްޓަކައި އަޅަން ޖެހުނު މުހިންމު ފިޔަވަޅަކަށް ވުމުން ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ކޮވިޑް-19އާއި ދުނިޔޭގެ މަސްރަހަށް އަންނަ ބަދަލުތަކުން ރައްޔިތުންނަށް ކުރާ އަސަރު ކުޑަވާނެ ގޮތަކަށް ރައީސް އަަމަލުކުރައްވާކަން ފާހަގަކުރައްވައި އޭނާ ވަނީ، ރައީސް ސާލިހަށް ވަރަށް ބޮޑަށް ތައުރީފްކުރައްވާފައެވެ. 2019ގައި ރާއްޖޭގެ އިގްތިސާދު އޮތް ހާލަތަށް އަނބުރާ ރާއްޖެ ގެންދެވުނީ ރައީސް ސާލިހުގެ ހިންގުންތެރިކަމުން ކަަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ. އޭނާ ވަނީ ދުވާފަރުން %75 ވޯޓު ރައީސަށް ލިބިވަޑައިގަންނަވާނެ ކަމަށްވެސް ވިދާޅުވެފައެވެ. ރ އަތޮޅަށް ރައީސް ސާލިހު ވަނީ އިންގިލާބީ ބަދަލުތަކެއް ގެންނަވާފައިކަން އޭނާ ފާހަގަކުރެއްވިއެވެ.

ތަފާތު ޚިޔާލާއެކު ވެރިކަން ކުރައްވަން ރައީސް ސާލިހާ ވެރިކަން ހަވާލުކުރަން ޖެހޭ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އޭނާ އިތުރަށް ވިދާޅުވީ، ޕްރައިމަރީއެއްގެ ބަދަލުގައި ހަގީގަތުގައި މަސައްކަތްކުރަންވީ ރައީސް ސާލިހު ވެރިކަމަށް ގެނައުމަށް ކަމަށެވެ. ރާއްޖޭގެ ރައީސްކަން ކުރައްވަން އެންމެ އެކަށީގެންވާ ބޭފުޅަކީ ރައީސް ސާލިހުކަމަށާއި އެމަނިކުފާނަކީ ތަފާތު ދައްކަވާ ބޭފުޅެއް ކަަަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން ރައީސް އެމަނިކުފާނަކީ ރާއްޖެ މުޅިން އެހެން މިސްރާބަކަށް ގެންގޮސްދެއްވާފައިވާ އުންމީދީ ވެރިއެއްކަމަށް އިއްސެ ވަނީ ވިދާޅުވެފައެވެ.

- ކޮމެންޓް