އެމްޑީޕީ އަކީ އެ ފިކުރު ބަލައިގަތް އެންމެންގެ އެއްޗެއް ކަމަށާ، ވަކި މީހެއްގެ އެއްޗެއް ނޫން ކަމަށް އެމްޑީޕީގެ އެއް ފައުންޑިންގ މެންބަރު އަދި އެޕާޓީގެ ކުރީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.
ރ.މީދޫގައި ބޭއްވި ރައީސް ސާލިޙްގެ ކެމްޕެއިން ޖަލްސާގައި ވާހަކަދައްކަވަމުން މޫސަ ވިދާޅުވީ އެމްޑީޕީ އިން ނުކުތީ ރާއްޖޭގައި ހުރި މައްސަލަތައް ހައްލުކުރަން ކަމަށެވެ. އެމްޑީޕީ ވުޖޫދަށް އައީ އޭރު ރާއްޖޭގައި ނުރަނގަޅުކޮށް ހިނގަމުން ދިޔަ ވަރަށް ގިނަ ކަންކަން ރަނގަޅުކުރަން ނުކުތް ގިނަ ބައެއްގެ މަސައްކަތުން ކަަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އޭރު އެމްޑީޕީ އިން ވައުދުތައް ހިފައިގެން ނުކުތީ ރައްޔިތުންނަށް ބޭނުންވި ކަންކަމާއި އެކުގައި ކަމަށާއި ރީނދޫ ލަޝްކަރެއް ތައްޔާރު ކުރީ އެގޮތަށް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
މޫސަ މި މޭރުމުން ވާހަކަދައްކަވާފައި މި ވަނީ މިހާރު ކުރިއަށްދާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިންގައި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރާ ފަރާތްތަކުން އެމްޑީޕީގެ އަސްލު ގެއްލުވާލަން މިހާރު އެމްޑީޕީގެ އިސް ސަފުގައި ތިބި ފަރާތްތަކުން މަސައްކަތް ކުރާ ކަމަށް ތުހުމަތުކުރަމުންދާ ދަނޑިވަޅެއްގައެވެ. މޫސަ ވަނީ ޕާޓީގެ އެތެރޭގެ އިންތިޚާބުގެ ތެރޭގައި ޖެހޭ މައްސަލަ ތަކަކީ ގޭތެރޭގައި ހިނގާ ކަންކަން ކަމަށާއި އެ ވާހަކަތައް ބޭރު މީހުން ކައިރީގައި ނުދައްކާނެ ކަަމަށް ވިދާޅުވެފައެވެ. އަދި ޕާޓީގެ ތެރޭގައި އެއްވެސް ބަޔަކު ހަމަނުޖެހުން އުފައްދަން ޖާގަ ނުދެއްވާނެ ކަމަށް މޫސަ ވަނީ ވިދާޅުވެފައެވެ.
މޫސަ ވަނީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު އަށް ވަރަށް ބޮޑަށް ތައުރީފްކުރައްވާފައެވެ. އެގޮތުން ފެނާއި ނަރުދަމާ އާއި ބަނދަރު ހެދުން ފަދަ ކަންކަން ކުރުމުގައި ރައީސް ޞާލިހުގެ ސަރުކާރުން ކޮށްފައިވާ މަސައްކަތްތައް ރައްޔިތުން ބަލައިގަންނަ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އަދި ކައުންސިލްތަކަށް ބާރު ދެއްވާ ހަގީގީ މާނައިގައި ރާއްޖޭގެ ލާމަރުކަޒީ ސިފަ ގެނެސްދެއްވީ ރައީސް ޞާލިހުކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމާއި ތައުލީމީ ދާއިރާގެ މުސާރަ ބޮޑު ކުރުން ފަދަ މުހިންމު މަސައްކަތްތައް މި ސަރުކާރުން ކޮށްފައިވާ ކަމަށް މޫސަ ވިދާޅުވިއެވެ.