Advertisement
ކ. މާލެ
|
3 ޖެނުއަރީ 2023 | އަންގާރަ 07:13
ކުރީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު
ކުރީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު
ރާއްޖެއެމްވީ
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ
އެމްޑީޕީގެ ގިނަ މެންބަރުން ސަރުކާރާ ނުރުހި ދުރައްދާން ޖެހޭ އެއް ސަބަބަކީ ބޯހިޔާވަހިކަމުގެ މައްސަލަ: ނަޝީދު
މިއަދާ ހަމައަށްވެސް ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުނުވެ އޮތުމަކީ ލަދުވެތިވާން ޖެހޭ ކަމެއް
ބޯހިޔާވަހިކަމަކީ އަލުން އަނބުރާ، އައު ވައުދުތަކުގެ ގޮތުގައި ވާން ޖެހިފައިވާ ވައުދުތައް

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ގިނަ މެންބަރުން ސަރުކާރާ މެދު ނުރުހި ދުރައްދާން ޖެހިފައިވާ އެއްމެ ބޮޑު އެއް ސަބަބަކީ ބޯހިޔާވަހިކަން ކަމަށް އެ ޕާޓީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިފަދައިން ވިދާޅުވީ "ފިކުރެއްގެ ދިރުން" ގެ ނަމުގައި ހޯމަ ދުވަހުގެ ރޭ ބޮނޑިބަތްޕާކުގައި ބޭއްވި އެމަނިކުފާނުގެ ކެމްޕެއިން ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުންނެވެ. އެގޮތުން، ބޯހިޔާވަހިކަން ލިބުމުގައި ދަތިތައް ހުރިކަމުގެ ޝަކުވާތައް އެމަނިކުފާނާ ރައްޔިތުން ހިއްސާ ކުރަމުން ގެންދާ ކަމަށް ވިދާޅުވިއެވެ.

Advertisement

ނަޝީދު ވިދާޅުވީ މާލޭގެ ރައްޔިތުންނަށް ވެސް އެންމެ ބޮޑު ކަންބޮޑުވުމެއް އޮތް ކަމަކީ ބޯހިޔާވަހިކަމުގެ މައްސަލަ ކަމަށާއި ނަމަވެސް 2019 އަދި 2020 ވަނަ އަހަރު ނިމުނު އިރުވެސް ސަރުކާރުގައި ގޯތި ދޫކުރުމުގެ ސިޔާސަތެއް ނެތް ކަމަށެވެ. ވެށިފަހި މާލެ ހިނގުމުގެ އެއްވެސް ވިސްނުމެއް ނުގެންގުޅޭ ކަމަށާއި މަޖިލީހުގައި މާލެ ތަމްސީލު ކުރާ މެންބަރުންތައް އެކަމާ ކަންބޮޑުވެ، ސަރުކާރާ ވާހަކަދައްކަން ފެށި ކަމަށާއި އެމަނިކުފާނު ދެކެވަޑައިގަންނަވާ ގޮތުގައި ރާއްޖޭގެ ރައްޔިތުންނަށް ދިމާވެފައި އޮތް އެންމެ ބޮޑު މައްސަލައަށް އެކަން ވެފައިވާއިރު އެކަމަށް ސަރުކާރުން ދޭން ޖެހޭ އަހައްމިއްޔަތުކަން ބޮޑުވާން ޖެހޭނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.

މިނިސްޓަރު މުޙައްމަދު އަސްލަމް ހައުސިންގ މިނިސްޓްރީއާ ހަވާލުވެވަޑައިގެން ބޯހިޔާވަހިކަމުގެ ސިޔާސަތު އެކުލަވައިލުމަށް މަސައްކަތް ފެއްޓެވިކަން ފާހަގަކުރައްވައި ނަޝީދު ވިދާޅުވީ އެއީ އެމްޑީޕީގެ ސިޔާސަތުގެ ތެރޭގައި ހިމެނޭ ކަމަކަށްވާއިރު މިއަދާ ހަމައަށްވެސް އެކަން ނުވެ އޮތުމަކީ ލަދުވެތިވާން ޖެހޭ ކަމެއް ކަމަށެވެ. އަދި އެމަނިކުފާނު މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަން ނިންމެވީ ވެސް އެ ސިޔާސަތު އެކުލަވާލުމުގެ ބޭނުމުގައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެމްޑީޕީ ކޮންމެ ފަހަރަކުމެ އިންތިޚާބަށް ކުރިމަތިލަނީ އެ އިންތިޚާބެއް ކާމިޔާބު ކުރުމަށްފަހު ޕާޓީން ތަންފީޒު ކުރާނެ ސިޔާސަތުތައް ކަނޑައަޅައި، ބަޔާންކުރަމުން. އެ ސިޔާސަތުތަކުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށަކުންވެސް ގޯތި ކަނޑާފައި ދިނުން އެއީ އެމްޑީޕީން ކަނޑައެޅިގެން ރައްޔިތުންނަށް ވައުދުވެފައިވާ ސިޔާސަތެއް. އަޅުގަނޑުމެނަށް މިއަދާ ހަމައަށް އައިއިރުވެސް އެކަން ނުނިންމި އޮތް ކަމީ ވަރަށް ބޮޑު ލަދުވެތި ކަމެއް،
ރައީސް ނަޝީދު

ރައްޔިތުންނަށް ބޭނުންވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް މި ސަރުކާރުން ހައްލު ހޯދައިނުދެވޭކަން ތަކުރާރުކުރައްވައި ރައީސް ނަޝީދު ވިދާޅުވީ ނިކަމެތިން ނިކަމެތިވަމުންދާ ކަމަށާއި މުއްސަނދިންނާއި ނިކަމެތިންގެ ފަރަގު މާބޮޑަށް ފެންނަން ފަށާފައިވާ ކަމަށެވެ. އެހެންކަމުން ބޯހިޔާވަހިކަމަކީ އަލުން އަނބުރާ، އައު ވައުދުތަކުގެ ގޮތުގައި ވާން ޖެހިފައިވާ ވައުދުތައް ކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އަޅުގަނޑު ދަންނަވާނީ ކުރިމަތިލާ މިފަހަރުވެސް މިހުންނެވީ، ފްލެޓް ދޮންބެ އޭ. އަޅުގަނޑުމެންނަށް މިކަން ހިންގޭނެ، އެއީކީ އަޅުގަނޑުގެ ހިތުގައި ޝައްކު ހިނގާ ކަމެއް ނޫން،
ރައީސް ނަޝީދު

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ނަޝީދުގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު ވާދަކުރައްވައެވެ. ދެ ބޭފުޅުން ވެސް ގެންދަވަނީ ޕްރައިމަރީ ބޮޑުތަނުން ކާމިޔާބު ކުރައްވާނެ ކަމަށް ވިދާޅުވަމުންނެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބާއްވަން ތާވަލު ކޮށްފައިވަނީ މި މަހުގެ 28ގައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް