Advertisement
ކ. މާލެ
|
1 ޖެނުއަރީ 2023 | އާދީއްތަ 22:56
ރައީސް ނަޝީދު
ރައީސް ނަޝީދު
އެމްޑީޕީ
އެމްޑީޕީގެ ޕްރައިމަރީ
އިންތިޚާބުތަކުން ބަލިވުމަކީ އަޅުގަނޑު ދަންނަ ކަމެއް ނޫން، ޕްރައިމަރީ ކާމިޔާބުކުރާނަން: ރައީސް ނަޝީދު
ޕްރައިމަރީ ބޭއްވުމަށް ތާވަލުކޮށްފައިވަނީ 2023 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 28 ވަނަ ދުވަހު
ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހާއި ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު

އިންތިޚާބުތަކުން ބަލިވުމަކީ އެމަނިކުފާނު ދެނެވަޑައިގަންނަވާ ކަމެއް ނޫންކަމަށާއި, ކުރިއަށް އޮތް އެމްޑީޕީގެ ޕްރައިމަރީ ފަސޭހަކަމާއެކު ކާމިޔާބުކުރައްވާނެ ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ޕްރައިމަރީއާ ގުޅޭގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ނަޝީދު ވަނީ އެމްޑީޕީގެ ޕްރައިމަރީ ކާމިޔާބުކުރައްވާނެ ކަަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ. އަދި އިންތިޚާބު ކާމިޔާބު ނުވެދާނެ ހާލަތަކާމެދު ނުވިސްނަވާކަމަށާއި، އެފަދަ ހާލަތެއް އަންދާޒާވެސް ނުކުރައްވާ ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ. ކުރިއަށް އޮތް ޕްރައިމަރީއާމެދު އެހާވެސް ޔަގީންކަން އޮތް ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

Advertisement

އެހެންނަމަވެސް ވޯޓަރސް ލިސްޓާމެދު ބޮޑެތި ޝަކުވާތަކެއް ހުރިކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެމްޑީޕީން ހާމަކުރި ވޯޓަރސް ލިސްޓުގައިވާ ގޮތުން 57،714 މީހުންނަށް ވޯޓުލެވޭނެ ކަމަށް އެމްޑީޕީން ބުނާއިރު، އެއީ އެމްޑީޕީގެ ގިނަ އަދަދެއްގެ މެމްބަރުން ވަކިކުރުމަށްފަހު އެކުލަވާލި ލިސްޓެއް ކަަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ. އެމްޑީޕީގެ ދަފްތަރުން 39،000 މެމްބަރުން ވަކިކޮށްފައިވާކަމަށާއި، އެ ފަރާތްތަކުގެ ތެރޭގައި ގިނައީ ރައީސް ނަޝީދަށް ކުރިއަށް އޮތް ޕްރައިމަރީގައި ވޯޓުލާން ތިބި ފަރާތްތައް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެކަމުގެ ސަބަބުން އެމްޑީޕީގެ ގިނަ ބަޔަކު މާޔޫސްވެފައިވާ ކަމަށް ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. އެ މެމްބަރުން ނުލައި ޕްރައިމަރީ ބޭއްވިނަމަވެސް ޕްރައިމަރީ ކާމިޔާބުވާނެކަމާމެދު ސުވާލު އުފެދޭ ހާލަތެއް ނެތްކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރާނެ ފަރާތެއް ހޮވުމަށް ބާއްވާ ޕްރައިމަރީ ބޭއްވުމަށް ތާވަލުކޮށްފައިވަނީ 2023 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 28 ވަނަ ދުވަހުއެވެ. ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހާއި ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް