ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އަނިޔާވެރި، ޚުދުމުހުތާރު އަދި ކޮރަޕްޓް ސިފަތައް އަލުން އިޔާދަވިޔަ ނުދިނުމަށް މިފަހަރުގެ ރިޔާސީ އިންތިޚާބަށް ނެރެން ޖެހޭނީ އިންތިޚާބު ކާމިޔާބު ކުރެވޭނެ ފަދަ ކެންޑިޑޭޓެއް ކަމަށާއި އެހެންކަމުން ޕްރައިމަރީގައި ހިޔާރުކުރަން ޖެހޭނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަދި ޑީއާރުޕީގެ ކުރީގެ ލީޑަރު އަހުމަދު ތަސްމީން އަލީ ވިދާޅުވެއްޖެއެވެ.
ތަސްމީން މިފަދައިން ވިދާޅުވީ މޯލްޑިވިއަން ޑިމޮކްރެކްޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ރައީސް ޞާލިހުގެ ކެމްޕޭނު ޖަލްސާގައި ވާހަކަދައްކަވަމުންނެވެ. އެގޮތުން، މި ސަރުކާރު ދިވެހިން ގެނައީ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ހިންގި އަނިޔާވެރިކަމާއި ކޮރަޕްޝަން ނައްތާލުމަށް ކަމަށާއި އެކަން އެއްވެސް މީހަކު ހަނދާން ނައްތާލައިގެން ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ސިޔާސީ ހަރަކާތްތަކާ ދުރުގައި ހުންނަވާތާ ގިނަ ދުވަސްތަކަކަށްފަހު ޕޯޑިއަމެއްގައި ފުރަތަމަ ފަހަރަށް ވާހަކަދައްކަވަމުން ތަސްމީން ވިދާޅުވީ ޔާމީންގެ ވެރިކަމުގައި އަނިޔާވެރިކަމުގެ ސަބަބުން ނިކަމެތިކަމާއި ގެއްލުން ލިބުނީ ސިޔާސީ އިސް ފަރާތްތަކަށް ވުރެ، އެމްޑީޕީގެ އާއްމު މެމްބަރުންނާއި އެކްޓިވިސްޓުންނާއި އެ ފަރާތްތަކުގެ އާއިލާތަކަށް ކަމަށެވެ. އެގޮތުން އާއްމު މެމްބަރުންގެ ތެރެއިން އެތައް ބަޔަކު ބޭއިންސާފުން ޖަލުތަކުގައި ބަންދުކުރި ކަމަށާއި ދައުލަތުން ހުރިހާ ރައްޔިތުންނަށް ހަމަހަމަކަމާއެކު ފޯރުކޮށްދޭން ޖެހޭ ފަސޭހަތަކާއި ފުރުސަތުތަކުން އެމްޑީޕީގެ މެމްބަރުން މަހުރޫމްކުރިކަން އޭނާ ފާހަގަކުރެއްވިއެވެ.
މިކަންކަމުގެ ސަބަބުން އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވެސް ގޮތްކަނޑައަޅާއިރު ވިސްނަން ޖެހޭނީ އަނެއްކާވެސް ރައީސް ޔާމީންގެ ވެރިކަމުގައި ހުރި އަނިޔާވެރިކަމާއި ކޮރަޕްޝަނުގެ ސިފަތައް އަލުން އިޔާދަ ކުރުވިޔަ ނުދިނުމަށްޓަކައި ޚިޔާރު ކުރަންވީ ކޮންގޮތެއްތޯ އާއި އެ ގޮތަކީ ޕާޓީއަށް އިންތިޚާބު ކާމިޔާބު ކުރެވޭނެ ކެންޑިޑޭޭޓަކު ހޮވުން ކަމަށް ތަސްމީން ވިދާޅުވިއެވެ. އަދި އޭނާ ގަބޫލު ކުރައްވާ ގޮތުގައި އެ ކެންޑިޑޭޓަކީ ރައީސް ޞާލިހު ކަމަށް ވިދާޅުވިއެވެ.
މިއަދު އަޅުގަނޑުމެން، އަޅުގަނޑުމެންގެ ޕާޓީގެ ޕްރައިމަރީގައި ގޮތް ކަނޑައެޅުމަށްޓަކައި ކެމްޕޭނުގައި ހަރަކާތްތެރިވާއިރު އަޅުގަނޑުހިތުން އަޅުގަނޑުމެންގެ ސިކުނޑީގައި، އަޅުގަނޑުމެންގެ ވިސްނުމުގައި އެންމެ ބޮޑަށް ބަހައްޓަން ޖެހޭ ކަމަކީ އަނެއްކާވެސް ރައީސް ޔާމީނުގެ ވެރިކަމުގައި އެ ހުރި ސިފަތައް، ބޭއިންސާފުގެ ސިފަތައް، އަނިޔާވެރިކަމުގެ ސިފަތައް، ކޮރަޕްޝަނުގެ ސިފަތައް، އަލުން އިޔާދަވިޔަ ނުދިނުމަށްޓަކައި އަޅުގަނޑުމެން އިހުތިޔާރުކުރަންވީ ކޮންގޮތެއްތޯ. އެ ގޮތް ވަރަށް ސާފު. އެ ގޮތަކީ އަންނަން އޮތް ރިޔާސީ އިންތިޚާބުގައި އަޅުގަނޑުމެންނަށް ކާމިޔާބުވާނެ ގޮތެއްގެ މަތިން އަޅުގަނޑުމެން އިހުތިޔާރު ކުރުން.އަހުމަދު ތަސްމީން އަލީ
2018 ވަނަ އަހަރު ވެސް ދައުލަތުގެ ހުރިހާ ބާރެއް މުށުތެރެއަށް ލައިގެން ބޭއިންސާފުން އެ ބާރުތައް ބޭނުންކުރައްވަމުން ގެންދިޔައިރުވެސް އެމްޑީޕީގެ ފަރާތުން ކެންޑިޑޭތެއްގެ ގޮތުގައި ނިކުމެ ރައީސް ޞާލިހު އިންތިޚާބު ކާމިޔާބު ކުރެއްވީ ވަރަށް ފުރިހަމަ ކަމާއެކުގައި ކަމަށާއި މިދިޔަ ހަތަރު އަހަރުތެރޭގައި ގޮންޖެހުންތަކާއެކުވެސް އެމަނިކުފާނުވަނީ ރައްޔިތުންނަށް ބޭނުންވާ ލުއިފަސޭހަތަކާއި ތަރައްގީގެ މަޝްރޫއުތައް ކާމިޔާބުކަމާއެކު ހިންގާފައި ކަމަށް ވެސް ތަސްމީން ވިދާޅުވިއެވެ.
ރައީސް ޞާލިހުއާއެކު މަޖިލީހުގައި ގާތްގަނޑަކަށް 20 އަހަރެއްހާ ދުވަހު މަސައްކަތް ކުރުމުގެ ފުރުސަތު ލިބިލެއްވިކަން ހާމަކުރައްވައި ތަސްމީން ވިދާޅުވީ އެމަނިކުފާނަކީ އެމްޑީޕީގެ ކެންޑިޑޭޓެއްގެ ގޮތުން ޕާޓީ ގޮވައިގެން ކުރިއަށް ގޮސް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށް ބޭނުންވާ ހިކުމަތްތެރިކަމާއި ސިޔާސީ ވިސްނުމާއި ފިކުރު ހުންނެވި ބޭފުޅެއް ކަމާމެދު އެއްވެސް ސުވާލެއް ނުއުފެދޭ ކަމަށެވެ. އަދި ފާއިތުވި ހަތަރު އަހަރު ތެރޭގައި އެމަނިކުފާނަކީ ހެޔޮ ވެރިކަމެއް ކުރުމަށް ބޭނުންވާ ހުރިހާ ސިފަތަކެއް ހުންނެވި ބޭފުޅެއްކަން ސާބިތުކޮށްދީފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.