ކ. މާލެ
|
30 ޑިސެންބަރ 2022 | ހުކުރު 07:19
އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން މާރިޔާ އަހުމަދު ދީދީ
އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން މާރިޔާ އަހުމަދު ދީދީ
ރާއްޖެއެމްވީ
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ
އެމްޑީޕީގެ ވިސްނުމަކިީ ރިއެކްޓްކުރުމެއް ނޫން، އެއީ ޕްރޯއެކްޓިވް ވިސްނުން: މާރިޔާ
ކޯލިޝަން ދެމެހެއްޓުމަކީ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ގާބިލުކަން ހާމަވާ ކަމެއް ކަމަށް މާރިޔާ ވަނީ ވިދާޅުވެފައި
މާރިޔާ ވަނީ ރައީސް ނަޝީދު ސަރުކާރަށް ފާޑުވިދާޅުވާ އިރު ރައްދު ނުދެއްވުމަކީ ރައީސް ޞާލިހުގެ ކެތްތެރިކަން ކަމަށް ސިފަކުރައްވާފައި

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ވިސްނުމަކިީ ރިއެކްޓްކުރުމެއް ނޫން ކަމަށާއި، އެއީ ޕްރޯއެކްޓިވް ވިސްނުން ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި، ރައީސް ޞާލިހު އަށް ތާއީދުކުރާ ފަރާތްތަކުން ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން މާރިޔާ ވިދާޅުވީ އެމްޑީޕީ އަކީ އެއްވެސް އިރެއްގައި ކަންކަމަށް ރިއެކްޓް ކުރުމުގެ ވިސްނުމުގައި ހިންގާ ޕާޓީ އެއް ނޫން ކަމަށެވެ. އެމްޑީޕީ އަކީ އެއަށް ވުރެ ބޮޑަށް ޕްރޯއެކްޓިވް ޕާޓީ އެއް ކަމަށް ސިފަކުރައްވާ އޭނާ ވިދާޅުވީ އެމްޑީޕީ އިން އަބަދުވެސް ދައްކަމުން އައީ ހަކުޅި ކުޅިއަށް ކުޅުމުގެ ވާހަކަ ކަމަށެވެ. އެމްޑީޕީ އަކީ ދުރުވިސްނުމާ އެކު ކަންކަން ކުރާ ޕާޓީ އެއް ކަމަށް މާރިޔާ ވިދާޅުވިއެެވެ. އެެހެންކަމުން އެމްޑީޕީއިން ރިއެކްޓްކުރާ ވާހަކަދެއްކުމަކީ ދެރަވާ ކަމެއް ކަމަށް ވެސް މާރިޔާ ވިދާޅުވިއެވެ.

މާރިޔާ ވަނީ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރާ ދެކޮޅަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަސައްކަތްޕުޅު ކުރައްވަނީ ކޮން ކަމެއް ނުވެގެންތޯ ސުވާލު އުފައްދަވާފައެވެ. ރައީސް ނަޝީދަކީ އެމްޑީޕީގެ ރައީސްގެ މަގާމާއި ތިން ބާރުގެ ތެރެއިން އެއް ބާރުކަމަށްވާ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުގައި ހުންނެވި ބޭފުޅާކަމަށް ވާއިރު އެމަނިކުފާނު މި ސަރުކާރާއި ދެކޮޅަށް މަސައްކަތްކުރުމަކީ އާއްމުން ސުވާލު އުފައްދާ ކަމެއް ކަމަށް ވެސް މާރިޔާ ވިދާޅުވިއެވެ. މާރިޔާ އަކީ އެމްޑީޕީގެ "މަންމަ" ކަމަށް ގިނަ ބަޔަކު ސިފަކުރަމުން ދާއިރު ރައީސް ނަޝީދުގެ ފަރާތުން އެފަދަ މަންޒަރެއް ފެނިވަޑައިގަތުމަކީ ފަސޭހަ ކަމެއް ނޫން ކަމަށްވެސް އޭނާ ވިދާޅުވިއެވެ. މާރިޔާ ވަނީ ސަރުކާރަށް ރައީސް ނަޝީދު ސަރުކާރަށް ފާޑު ވިދާޅުވި ނަމަވެސް އެކަމަށް އެއްވެސް ރައްދެއް ނުދެއްވުމަކީ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ކެތްތެރިކަން ދޭހަވާ ކަމެއް ކަަމަށް ވިދާޅުވެފައެވެ.

އިތުރަށް ވާހަކަދައްކަވަމުން މާރިޔާ ވިދާޅުވީ ރާއްޖޭގައި އެއް ޕާޓީއަކަށް ވެރިކަން ކުރުމަކީ މިވަގުތު ކުރެވޭނެ ކަމެއް ނޫން ކަަމަށެވެ. އެހެންކަމުން ތަފާތު ފިކުރުގެ ޕާޓީތަކާ ގުޅިގެން ވެރިކަން ކުރުމަކީ ފަސޭހަ ކަމެއް ނޫން ކަމަށާއި، މިހާތަނަށް އައި އިރު ކޯލިޝަން ދެމެހެއްޓުމަކީ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ގާބިލުކަން ހާމަވާ ކަމެއް ކަމަށް ވިދާޅުވެފައެވެ.

- ކޮމެންޓް