ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި މުޅި ކެބިނެޓް އެއްފަހަރާ އިސްތިޢުފާދެއްވި ގޮތަށް މި ސަރުކާރުން "ރިއެކްޓް" ނުކުރާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް (އަދުން ހުސައިން) ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް އިބްރާޙިމް މުހައްމަދު ޞާލިހު އަށް ތާއީދުކުރާ ފަރާތްތަކުން ބޭއްވި ޖަގަހަ ޖަލްސާގައި ވާހަކަަދައްކަވަމުން ހުސެއިން ވަނީ ރައީސް ޞާލިހު ކަންކަމަށް ރިއެކްޓް ނުކުރައްވާ ކަމަށް ބުނެ ދެކެވޭ ވާހަކަތަކަށް ރައްދު ދެއްވާފައެވެ. ރައީސް ޞާލިހު ކަންކަމަށް ރިއެކްޓް ނުކުރައްވާ ކަމަށް ހީވެފައިވީ ނަމަވެސް ރައީސް އަކީ ވަރަށް ވިސްނުންތެރިކަމާ އެކު ކަންކަން ނިންމަވާ ކެތްތެރި ބޭފުޅެއް ކަަމަށް ހުސެއިން ވިދާޅުވިއެވެ. މީގެ އިތުރުން ރައީސް ޞާލިހު ސަރުކާރު ހިންގަވަނީ ވަރަށް ރަނގަޅަށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. މި ސަރުކާރުން ގެންނަމުންދާ ތަރައްޤީ ރައީސް ނަޝީދުގެ ޓީމަށްވެސް ފެންނާނެ ކަަމަށާއި މި ސަރުކާރަކީ އެންމެ ހަލުވިކަމާ އެކު ތަރައްޤީގެ މަސައްކަތްތައް ކުރަމުންދާ ސަރުކާރު ކަމަށް ހުސެއިން ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މިހާރު ރައީސް ނަޝީދަށް އެމްޑީޕީގެ ޕްރައިމަރީ ކާމިޔާބު ނުވާނެކަން އެމަނިކުފާނަށް ތާއީދުކުރާ ފަރާތްތަކަށް ވެސް ޔަގީންވާ ކަމަށެވެ. އެހެންކަމުން އެކަމުގެ ޒާތީ ހަސަދައިގައި ވެރިކަން ގެއްލުވާލަން މަސައްކަތްކުރަމުންދާ ކަމަށެވެ. އަދި ޕްރައިމަރީ ކާމިޔާބު ނުވެއްޖެ ނަމަ 2023ގައި އެމްޑީޕީ އަށް ވެރިކަން ގެއްލުވާލުމަށް އެފަދަ ފަރާތްތަކުން މަސައްކަތްކުރާނެ ކަމަށް ވެސް ހުސެއިން ވިދާޅުވިއެވެ.