ކ. މާލެ
|
29 ޑިސެންބަރ 2022 | ބުރާސްފަތި 18:15
ހަސަން ލަތީފް ރައީސް ސާލިހްއާ ސަލާމްކުރައްވަނީ
ހަސަން ލަތީފް ރައީސް ސާލިހްއާ ސަލާމްކުރައްވަނީ
ވަން އޮންލައިން
އެމްޑީޕީގެ މެމްބަރުން
އެމްޑީޕީގެ ބައެއް މެމްބަރުން ވަކިކުރީ ރޭވުންތެރިކަމާއެކު، އެމްޑީޕީގެ ތެރޭގައި ވަކި ވިއުގައެއް ހަދަން: ހަސަން ލަތީފް
ރައީސް ނަޝީދަށް ކުރިއަށް އޮތް ޕްރައިމަރީގައި ވޯޓުލާން ތިބި ފަރާތްތައް ޕާޓީން ވަކިކުރިކަމަށް ތުހުމަތުކުރައްވާ
އެމްޑީޕީގެ ދަފްތަރުން 39000 މެމްބަރުން ވަކިކޮށްފައިވަނީ ރައީސް ސާލިހްއަށް ފައިދާވާގޮތަށް ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައި

އެމްޑީޕީން ވަކިކޮށްފައިވާ މެމްބަރުން ވަކިކޮށްފައިވަނީ ރޭވުންތެރިކަމާއި ހީލަތްތެރިކަމާއެކު ކަމަށާއި، އެކަން ކުރީ އެމްޑީޕީގެ ތެރޭގައި އިތުރު ވިއުގައެއް އުފެއްދުމަށް ކަމަށް، އެމްޑީޕީގެ ކުރީގެ ޗެއާރޕަރސަން އަދި ރައްޔިތުންގެ މަޖިލިހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ތުހުމަތުކުރައްވައިފިއެވެ.

ކުރިއަށް އޮތް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއާ ގުޅިގެން ހުރި ކަންބޮޑުވުންތައް ހިއްސާކުރުމަށް ބުރާސްފަތިދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން ހަސަން ލަތީފް ވަނީ، އެކަންކަން ކުރަމުން ދަނީ ރައީސް އިބްރާހީމް މުހައްމަދު ސާލިހުއަށް އެމްޑީޕީގެ އެތެރޭގައި އޮތް ތާއީދު ބޮޑުކުރުމަށް ކަމަށްވެސް ވިދާޅުވެފައެވެ. ހަސަން ލަތީފް ވަނީ، އެމްޑީޕީގެ ދަފްތަރުން 39000 މެމްބަރުން ވަކިކޮށްފައިވާ ކަމަށާއި އޭގެތެރޭގައި ހިމެނެނީ އަސްލު އެމްޑީޕީ މެމްބަރުންކަމަށް ސިފަކުރައްވާފައެވެ. އެ ފަރާތްތަކުގެ ތެރޭގައި ގިނައީ ރައީސް ނަޝީދަށް ކުރިއަށް އޮތް ޕްރައިމަރީގައި ވޯޓުލާން ތިބި ފަރާތްތައް ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ. މިހާރު އެމްޑީޕީގައި ތިބި މީހުންގެ ތެރޭގައި، ރައީސް ސާލިހު ވެރިކަމަށް ވަޑައިގަތްފަހުން އެމްޑީޕީއާ ގުޅުނު މީހުން ގިނަ ކަަމަށާއި، ޕާޓީގައި ކުރިން ތިބި މީހުން ވަކިކުރީ ގަސްދުގައި ރައީސް ނަޝީދަށް އޮތް ތާއީދު ފަނޑުކޮށްލުމަށް ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

އެމްޑީޕީން ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓަކު ކަނޑައެޅުމަށް އެ ޕާޓީން ބާއްވާ ޕްރައިމަރީގައި 57،000ށްވުރެ ގިނަ މީހުންނަށް ވޯޓުލުމުގެ ހައްގު ލިބޭކަމަށް ބުނެފައެވެ. އެމްޑީޕީން ހާމަކުރި ވޯޓަރސް ލިސްޓުގައިވާ ގޮތުން 57،714 މީހުންނަށް ވޯޓުލެވޭނެއެވެ. އަދި އެ ލިސްޓާމެދު އެއްވެސް ޝަކުވާއެއް އޮތްނަމަ، އަންނަ އާދިއްތަ ދުވަހު 4:00އާ ހަމައަށް ޝަކުވާ ހުށަހެޅޭނެކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ.

ޕްރައިމަރީގައި ވޯޓުލެވޭނީ މި މަހުގެ 18އާ ހަމައަށް ޕާޓީގެ މެމްބަރެއްގެ ގޮތުގައި ރަޖިސްޓްރީވެފައިވާ މީހުންނަށެވެ. ހަސަން ލަތީފް ވަނީ ޕާޓީގައި މާކުރިއްސުރެ ތިބި މެމްބަރުންނަށް ވޯޓުލުމުގެ ހައްގު ގެއްލުވާލުމަށް ފަހު ޕްރައިމަރީ ބޭއްވުމަކީ އެމްޑީޕީއިން ކޮށްފާނެ ކަމެއް ކަމަށް ގަބޫލުނުކުރައްވާ ކަަމަށް ވިދާޅުވެފައެވެ. އަދި އެކަންކަމާގުޅޭ ޝަކުވާ ޕާޓީއަށް ހުށަހަޅާނެކަަަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން ޕާޓީގެ ވޯޓަރސް ލިސްޓާމެދު ޝަކުވާ ހުށަހަޅަން ދީފައިވަނީ އެކަށީގެންވާ މުއްދަތެއްކަމަށް ގަބޫލުނުކުރާކަަމަށް ހަސަން ލަތީފް ވަނީ ފާހަގަކުރައްވާފައެވެ.

އަންނަ މަހުގެ 28 ވަނަ ދުވަހު އޮންނަ އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވަނީ އެމްޑީޕީގެ އެންމެ އިސް ލީޑަރު، ރައީސް އިބްރާހީމް މުހައްމަދު ސޯލިހްއާއި އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުއެވެ.

- ކޮމެންޓް