Advertisement
ކ. މާލެ
|
28 ޑިސެންބަރ 2022 | ބުދަ 18:39
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު
ރައީސް އޮފީސް
އެމްޑީޕީ ރިޔާސީ ޕްރައިމަރީ
އެމްޑީޕީއަށް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެވޭނެ ފުރުސަތު އެންމެ ބޮޑީ އަޅުގަނޑަށް: ރައީސް
އިންތިޚާބު ކާމިޔާބު ކުރުމަށްޓަކައި 50 އިންސައްތަ ލިބޭނެ ކެންޑިޑޭޓަކަށް ވާން ޖެހޭނެ ކަމަށާއި އެކަން އެމަނިކުފާނަށް ކުރެއްވޭނެ ކަމަށް ވިދާޅުވި
ރިޔާސީ ޕްރައިމަރީ އިންތިޚާބު ބޮޑުތަނުން ކާމިޔާބު ކުރައްވާނެ ކަމަށް ވިދާޅުވި
ކުރިއަށް އޮތް ދެ އަހަރަކީ ވަރަށް މުހިންމު ދެ އަހަރު

އެމްޑީޕީއަށް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެވޭނެ ފުރުސަތު އެންމެ ބޮޑީ ޕްރަމަރީގައި އެމަނިކުފާނު ހޮއްވަވައިގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ. އެގޮތުން، އެމްޑީޕީން ބޭނުންވާނީ އަންނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރަން ކަމަށާއި އެކަން ކުރަން އެންމެ ފުރުސަތު ބޮޑުވާނީ އެމަނިކުފާނަށް ކަމަށް ވިދާޅުވިއެވެ.

Advertisement

ރައީސް ވިދާޅުވީ ރާއްޖޭގެ ސިޔާސީ މާހައުލު އޮތީ އެއްވެސް ޕާޓީއަކަށް އެކަނި ނިކުމެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެވޭނެ ހާލަތެއްގައި ކަމަށް އަދިވެސް ގަބޫލު ނުކުރައްވާ ކަމަށެވެ. އެހެންކަމުން އެމްޑީޕީން ނިކުންނަ ކެންޑީޑޭޓަކީ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށްޓަކައި 50 އިންސައްތަ ލިބޭނެ ކެންޑިޑޭޓަކަށް ވާން ޖެހޭނެ ކަމަށާއި އެކަން އެމަނިކުފާނަށް ކުރެއްވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ވިދާޅުވިއެވެ.

މިވަގުތު ރިޔާސީ އިންތިޚާބު އެމްޑީޕީއަށް ކާމިޔާބު ކުރެވޭނެ ކަމުގެ ފުރުސަތު އެންމެ ބޮޑީ އަޅުގަނޑަށް. ސިޔާސީ މާހައުލު ރާއްޖޭގައި އޮތްގޮތް އެގިވަޑައިގަންނަވާނެ. އެއްވެސް ޕާޓީއަކަށް އެކަނި ނުކުމެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެވޭނެ ކަމަށް އަޅުގަނޑަށް ނުދެންނެވޭނެ. އެހެންކަމުން އެމްޑީޕީން ނިކުންނަ ކެންޑީޑޭޓަކީ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށްޓަކައި 50 ޕަސެންޓް ކްރޮސް ކުރެވޭނެ ކެންޑިޑޭޓަކަށް ވާން ޖެހޭނެ. އަޅުގަނޑަށް ޔަގީންކަން އެބައޮތް ސިޔާސީ ގޮތުން އަޅުގަނޑުމެންނާ ޚިޔާލު އެއްގޮތް ނޫން މީހުންނާއެކުގައިވެސް ކޯލިޝަނެއް ހަދައިގެން ގޮސް ކާމިޔާބު ކުރެވޭނެ ކަމުގައި،
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު

ރައީސް ވިދާޅުވި ގޮތުގައި އެމަނިކުފާނު އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވަން ނިންމެވީ ވެސް ތަފާތު ޚިޔާލުތަކުގެ ބޭފުޅުންނާއެކު މަސައްކަތް ކުރެވޭނެ ކަމުގެ ޔަގީންކަން އޮތުމުންނެވެ. އެމްޑީޕީ އިން ރިޔާސީ އިންތިޚާބަށް ކެންޑިޑޭޓަކު ކަނޑައަޅާއިރު އިންތިޚާބު ކާމިޔާބު ކުރެވޭނެ ފަރާތަކަށް ވޯޓު ދޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ 2018 ވަނަ އަހަރު އެމަނިކުފާނު ވެވަޑައިގެންނެވި ވައުދުތައް ފުއްދަވަމުން ގެންދަވާ ކަމަށާއި އެކަން ރައްޔިތުން ވެސް ބަލައިގެންފައިވާ ކަމަށެވެ. އަދި ފެށިފައި ހުރި މަޝްރޫއުތައް ހުރިކަން ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ އެ މަޝްރޫއުތައް ނިންމުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށާއި ކުރިއަށް އޮތް ދެ އަހަރަކީ ވަރަށް މުހިންމު ދެ އަހަރުކަމަށެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި އެމަނިކުފާނާ ވާދަކުރައްވާ ކެންޑިޑޭޓް، ރައީސް މުޙައްމަދު ނަޝީދު ވަރަށް ސާފުކޮށް އެމަނިކުފާނު ރައީސްކަން ބޭނުންފުޅުނުވާ ކަމަށް ވިދާޅުވެފައިވާ ކަމަށާއި އެމަނިކުފާނު ބޭނުންފުޅުވަނީ ބޮޑުވަޒީރުކަން ކަމަށް ވެސް ރައީސް ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން އަންނަ އަހަރުގެ ޖެނުއަރީ 28 ގައި ބާއްވާ ރިޔާސީ ޕްރައިމަރީ އިންތިޚާބު ބޮޑުތަނުން ކާމިޔާބު ކުރައްވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް