ސެންޓްރަލް ޒޯން ބީޗް ވޮލީބޯޅަ މުބާރާތުގައި ކުޅުނު ދެ ވަނަ މެޗުން ވެސް މޮޅުވެ ރާއްޖޭގެ އިސްމާއީލް ސާކޖިދު (ކުޑަކާއްޓޭ) އާއި އާދަމް ނަސީމް (އެޑަމް)ގެ ޕެއާ މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދައިފި އެވެ.
ކުޑަކާއްޓޭ އާއި އެޑަމްގެ ޕެއާ މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދީ ދެ ވަނަ މެޗުގައި ބޫޓާންގެ ޑޯޖީ އަދި ޖިގްމީގެ ޕެއާ ސީދާ ދެ ސެޓުން ބަލިކޮށްގެންނެވެ. މެޗުގެ ދެ ސެޓު ވެސް ރާއްޖެއިން ކާމިޔާބުކުރީ 21-9 އިންނެވެ. ފުރަތަމަ މެޗުގައި ރާއްޖެއިން ވަނީ ކިރިގިސްތާނުގެ މެޑްޓްބެކް އޫލޫ އަދި ޒީންބެކް އޫލޫގެ ޕެއާއާ ދެކޮޅަށެވެ. މި މެޗު ވެސް ރާއްޖޭގެ ޕެއާ އިން ކާމިޔާބުކުރީ ސީދާ ދެ ސެޓުންނެވެ. ދެ ސެޓު ވެސް ރާއްޖެއިން ކާމިޔާބުކުރީ 21-12 އިންނެވެ.
މެންދުރު ރާއްޖޭގެ ދެ ވަނަ ޕެއާ ކަމަށްވާ މުޙައްމަދު (ކޯކޭ) އަދި ޝަމާއީލް ޙުސެއިން ކުޅުނު މެޗުން ވަނީ ދެ ސެޓު އެއް ސެޓުން ބަލިވެފަ އެވެ. ނޭޕާލްގެ ސުނަރު އާއި މަން ބަހާދުރު ޝްރެސްތާއާ ދެކޮޅަށް ކުޅުނު މެޗުގެ ސެޓުތައް ދިޔައީ، 21-17، 21-14 އަދި 15-9 އިންނެވެ. މި ޕެއާ އިން ހެނދުނު ކުޅުނު މެޗުން ވަނީ ބަންގްލަދޭޝްގެ ނޫރު ނަބީ އާއި ޝައިފުއްދީންގެ ޕެއާ ސީދާ ދެ ސެެޓުން ބަލިކޮށްފަ އެވެ.
ކުޑަކާއްޓޭ އާއި އެޑަމްގެ ޕެއާ އަށް ބުރާސްފަތި ދުވަހު އޮންނާނީ ބަންގްލަދޭޝްގެ މަންސޫރު އާއި ހައިދަރުގެ ޕެއާއާ ދެކޮޅަށް ކުޅޭ މެޗެވެ. ކޯކޭ އާއި ޝަމާއީލަށް އޮތީ ބަންގްލަދޭޝްގެ ބިސްވާސް އާއި ޕަވެލްގެ ޕެއާއާ ދެކޮޅަށް ކުޅޭ މެޗެވެ. އެ މެޗު ކާމިޔާބުކޮށްގެން މި ޕެއާ އަށް ސެމީން ޖާގަ ހޯދޭނެ އެވެ.