ސްޓެލްކޯއިން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްގީކޮށްފައިވާ ފްލެޓުތައް ލިބިފައިވާ މުވައްޒަފުންނަށް ލުއިތަކެއް ހޯދައި ދިނުމުގެ ގޮތުން ކުލި ދެއްކުމުގެ މުއްދަތު 25 އަހަރަށް އިތުރު ކުރަން އެ ކުންފުނިން ނިންމައިފިއެވެ.
އެކަން އިއުލާންކޮށްފައިވަނީ ރާއްޖޭގައި ކަރަންޓުގެ ޚިދުމަތް ދޭން ފެށިތާ 73 އަހަރު ފުރުން ފާހަގަކުރުމަށް އަންގާރަ ދުވަހުގެ ރޭ ބޭއްވި ރަސްމިއްޔާތުގައި ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރު އަހުމަދު ޝަރީފެވެ. އޭނާ ވިދާޅުވީ ބޯހިޔާވަހިކަމަށް ސްޓެލްކޯއިން ކުރިއަށްގެންދިޔަ މަޝްރޫއަކީ މިހާތަނަށް އެ ކުންފުނީގެ މުވައްޒަފުންނަށްޓަކާ ކުރިއަށްގެންދެވުނު އެންމެ ކާމިޔާބު މަސައްކަތް ކަމަށެވެ. އެގޮތުން، ކުންފުނީގެ 360 މުވައްޒަފަކަށް އެ މަޝްރޫއުގެ ސަބަބުން ބޯހިޔާވަހިކަން ލިބިފައިވާ ކަން އޭނާ ފާހަގަކުރެއްވިއެވެ.
ޝަރީފު ވިދާޅުވީ ފްލެޓު ލިބުނު މުވައްޒަފުން މިހާރު އެންމެ ބޮޑަށް އެދެނީ ކުލި ކުޑަކޮށްދިނުން ކަމަށާއި އެކަން ކުރުމަށް މެނޭޖްމަންޓުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން، ޑިސެމްބަރުގެ ނިޔަލަށް އެޑްވާންސް ނުދެއްކޭ މުވައްޒަފުންގެ އެޑްވާންސް ޕޭމަންޓު ޕްރައިމަރީ އެމައުންޓުގެ ތެރޭގައި ހިމެނުމަށާއި ކުލި ދައްކަން މިހާރު ކަނޑައަޅާފައިވާ 18 އަހަރުގެ މުއްދަތު 25 އަހަރަށް ބަދަލުކުރަން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މި ނިންމުމާ އެއްގޮތަށް އަމަލު ކުރަން ފަށާނީ ސްޓެލްކޯގެ ބޯޑުން އެކަމަށް ރުހުން ދިނުމުންނެވެ.
މިހާރު ސްޓެލްކޯގެ މެނޭޖުމެންޓުން މިކަމާ ގުޅިގެން ކަނޑައަޅާފައިވާ ގޮތުގައި ޑިސެމްބަރު މަހުގެ ނިޔަލަށް އެޑްވާންސް ޕޭމަންޓް ނުދެއްކިވާ ސްޓާފުންގެ އެޑްވާންސް ޕޭމަންޓް ޕްރައިމަރީ އެމައުންޓުގެ ތެރެއަށް ހިމަނައިގެން ކުރިއަށް ގެންދަން ސްޓެލްކޯގެ ބޯޑުން މިހާރު ވަނީ ނިންމާފަ. އަދި ހަމަ އެއާއެކީގަ މުވައްޒަފުންގެ މުސާރަ އާއި މުވައްޒަފުން ފުލެޓަށް ދައްކަން ޖެހޭ ކުލީގެ އަގު ކުޑަކުރުމަށްޓަކައި މަޝްވަރާކުރުމަށް ފަހުގައި މިހާރު މެނޭޖުމެންޓުން ވަނީ 18 އަހަރުގެ ބަދަލުގައި 25 އަހަރަށް ބަދަލުކޮށް މުވައްޒަފުން ދައްކަން ޖެހޭ އަދަދު ކުޑަކޮށްފަ،ސްޓޭލްކޯގެ މެނޭޖިންގ ޑިރެކްޓަރު އަހުމަދު ޝަރީފު
ޝަރީފު ވިދާޅުވި ގޮތުގައި މިގޮތަށް އަމަލު ކުރަން ފަށާކަން މުވައްޒަފުންނަށް އެންގުމުން ކުލި ކުޑަކުރަން ބޭނުންވާ ފަރާތްތަކާއި އެޑްވާންސް ފައިސާ ނުދެއްކި ހުރި ފަރާތްތައް އެކަން ސްޓެލްކޯއަށް އަންގަން ޖެހޭނެއެވެ. އެޑްވާންސް ނުދެއްކި ހުރިކަން ނާންގާނަމަ ފްލެޓް އެގްރީމަންޓް ބާތިލުވާނެ ކަމުގެ އިންޒާރު ވެސް ޝަރީފު ދެއްވިއެވެ.
ދެވަނަ ފިޔަވަހީގައި ތަރައްގީ ކުރި ފްލެޓުތަކުން 360 މުވައްޒަފަކަށް ބޯހިޔާވަހިކަން ކަށަވަރު ކުރެވިފައިވާކަން ފާހަގަކުރައްވައި ޝަރީފު ވިދާޅުވީ އެހެން މުވައްޒަފުންނަށް ވެސް ބޯހިޔާވަހިކަން ލިބޭނެ ގޮތްތައް ހޯދުމަށް އެ ކުންފުނިން މަސައްކަތް ކުރާނެ ކަމަށެވެ. އެގޮތުން، އެހެން ފަރާތްތަކުން ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުން މުވައްޒަފުންނަށް ފްލެޓު ހޯދައިދިނުމާ ގުޅޭގޮތުން މަޝްވަރާތައް ކުރެވެމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ.