ހދ. ނޮޅިވަރަމުގައި ދިވެހި އަންހެނަކު މަރާލި މައްސަލައިގައި އާއިލާ އިން އޭނާގެ ފިރިމީހާ އަށް ތުހުމަތުތަކެއް ކޮށްފިއެވެ.
އެކަމާއި ގުޅޭ ތަފްސީލްތައް "ރާއްޖެ އެމްވީ" އާއި ހިއްސާކުރައްވަމުން ނޮޅިވަރަމް ކައުންސިލް މެމްބަރު އަދި އިންފޮމޭޝަން އޮފިސަރ މުހައްމަދު މުސްތަފާ ވިދާޅުވީ، 28 އަހަރުގެ އަންހެނަކު މަރުވެފައި އޮއްވާ ފެނުނު ކަން ކައުންސިލަށް އެނގިފައިވަނީ ހޮނިހިރު ދުވަހުގެ 01:30 އެހާއިރު ކަމަށެވެ. ނިޝާމާ މުހައްމަދު ނަމަކަށް ކިޔާ އެ އަންހެން މީހާ މަރުވެފައި އޮއްވާ ފެނިފައި ވަނީ މެންދުރު 12:30 އެހާއިރު ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އޭނާ މަރުވެފައި އޮއްވާ ފެނުނީ އޭނާގެ ކޮޓަރީގެ އެނދުމަތީގައި އޮއްވާ ކަަމަށް ނިޝާމާގެ އާއިލާ އާއި ހަވާލާދީ މުސްތަފާ ވަނީ ވިދާޅުވެފައެވެ.
އަދި އެ ރަށު ސިއްހީ މަރުކަޒަށް ގެންގޮސް ބެލި ބެލުމުން އޭނާ މަރުކަޒަށް ގެންދިޔަ އިރު ވެސް މަރުވެފައިވާ ކަަމަށް ސިއްހީ މަރުކަޒާއި ހަވާލާދީ މުސްތަފާ ވިދާޅުވިއެވެ. ފުލުހުން ދަނީ މި މައްސަލަ ތަހުގީގުކުރަމުންނެވެ. މަރުވި އަންހެން މީހާގެ ހަށިގަނޑުން ޒަހަމްތަކެއް ފެންނަން ހުރުމާއި އެހެން ބައެއް ސަބަބުތަކާއި ހުރެ އޭނާގެ މަރާއި ގުޅިގެން އޭނާގެ ފިރިމީހާ އަށް ދަނީ ތުހުމަތުތަކެއް ކުރެވެމުންނެވެ. އެގޮތުން ހޮނިހިރު ދުވަހު ހެނދުނުގެ ވަގުތެއްގައި ކުއްލި ގޮތަކަށް އޭނާ ކުށުދުއްފުށްޓަށް ގޮސްފައިވާ ކަމަށް މަރުވި އަންހެން މިހާގެ އާއިލާ އާއި ހަވާލާދީ އިތުބާރު ހުރި ގޮތަކަށް ވަނީ މައުލޫމާތު ލިބިފައެވެ. އަދި އޭނާގެ ހަށިގަނޑުގައި ނޫފައިގެން ގޮސްފައި ހުރި ތަންތަން ހުރުމުން އޭނާ އަށް އަނިޔާކޮށްފައިވާ ކަމަށް އާއިލާ އިން ތުހުމަތުކުރެއެވެ.