ކ. މާލެ
|
10 ޑިސެންބަރ 2022 | ހޮނިހިރު 15:07
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދި މޯލްޑިވްސް (އެޗްއާރްސީއެމް) ގެ ރައީސް މަރްޔަމް މުނާ
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދި މޯލްޑިވްސް (އެޗްއާރްސީއެމް) ގެ ރައީސް މަރްޔަމް މުނާ
ރާއްޖެއެމްވީ
އިންސާނީ ޙައްޤުތަކުގެ ދުވަސް
ބިދޭސީންގެ ޙައްޤުތަކަށް ރައްކާތެރިވުމަށް މުއައްސަސާތަކުން ކުރަމުންދާ މަސައްކަތްތަކަށް ފާރަވެރިވާނަން: އެޗްއާރްސީއެމް
މި ދުވަސް ފާހަގަ ކުރަން ފަށާފައިވަނީ 10 ޑިސެމްބަރު 1948 ގައި
ދުވަހުގެ ޝިއާރަކީ އދ ގެ އިންސާނީ ޙައްޤުތަކާބެގޭ ޤަރާރާ ނުހަނު ގުޅުންހުރި ޝިއާރެއް

ބިދޭސީންގެ ޙައްޤުތަކަށް ރައްކާތެރިވުމަށް މުއައްސަސާތަކުން ކުރަމުންދާ މަސައްކަތްތަކަށް ފާރަވެރިވާނެކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދި މޯލްޑިވްސް (އެޗްއާރްސީއެމް) ގެ ރައީސް މަރްޔަމް މުނާ ވިދާޅުވެއްޖެއެވެ.

ބައިނަލްއަޤުވާމީ ގޮތުން ފާހަގަކުރާ އިންސާނީ ޙައްޤުތަކުގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ޚިތާބުގައި މުނާ ވިދާޅުވީ، މިއީ އިންސާނީ ޙައްޤުތަކުގެ ދުވަސް ފާހަގަކުރާތާ 75 އަހަރު ފުރޭ އަހަރުކަމަށެވެ. އަދި މިއީ އެޗްއާރްސީއެމް އުފެދުނުތާ 19 އަހަރު ފުރުނު އުފާވެރި ދުވަސް ކަމުގައިވެސް މުނާ ފާހަގަ ކުރެއްވިއެވެ.

އދ ގެ އިންސާނީ ޙައްޤުތަކުގެ އާންމު ޤަރާރުގެ 1 ވަނަ ނަންބަރަށް އަލިއަޅުވާލައްވާ މުނާ އިތުރަށް ވިދާޅުވީ، ހުރިހާ އިންސާނުންވެސް ދުނިޔެއަށް އަންނަނީ ހަމަހަމަކަމާއި ޙައްޤުތަކާ އެކު ކަމަށެވެ.

މިއަހަރުގެ އިންސާނީ ޙައްޤުތަކުގެ ދުވަހުގެ ޝިއާރަކީ އދ ގެ އިންސާނީ ޙައްޤުތަކާބެގޭ ޤަރާރާ ނުހަނު ގުޅުންހުރި ޝިއާރެއްކަން ފާހަގަ ކުރައްވައި މުނާ އިތުރަށް ވިދާޅުވީ، "ޑިގްނިޓީ، ފްރީޑަމް، އެންޑް ޖަސްޓިސް ފޮރ އޯލް" (އިޙްތިރާމާއި، މިނިވަންކަން އަދި އިންސާފު އެންމެންނަށް) އިންސާނީ ޙައްޤުތަކަކީ ކޮންމެ މީހަކަށްވެސް އިންސާނަކަށްވީތީ ލިބިދޭންޖެހޭ ޙައްޤުތަކެއް ކަމަށެވެ.

އޭގެ އިތުރުން، އިންސާނީ ޙައްޤުތައް ލިބިގަތުމުގައި ނުވަތަ ހިމާޔަތް ކުރުމުގައި އެމީހެއްގެ ޤައުމަކަށް، ޖިންސަކަށް، ކުލައަކަށް ނުވަތަ ދީނަކަށް، ނުވަތަ ވާހަކަ ދައްކާ ބަހުރުވައަކަށް ބަލާކަށް ނުޖެހޭކަމަށް މުނާ ވިދާޅުވިއެވެ.

އިންސާނީ ޙައްޤުތަކުގެ ފޮނި މީރުކަމުން ގިނަ ފަހަރަށް މަޙުރޫމުވަނީ މުޖުތަމައުގައި ދިރިއުޅޭ ޚާއްސަ އެހީތެރިކަމާއި ރައްކާތެރިކަމަށް ބޭނުންވާ ފަރާތްތައްކަން ފާހަގަ ކުރައްވައި މުނާ އިތުރަށް ވިދާޅުވީ، ކުޑަކުދިންނާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި، އަންހެނުންނާއި، ދިވެހިރާއްޖޭގައި ދިރިއުޅޭ ބިދޭސީ މަސައްކަތްތެރިންނަކީ އިތުރު އެހީތެރިކަމާއި ރައްކާތެރިކަން ބޭނުންވާ ފަރާތްތައް ކަމަށެވެ.

އެފަދަ ފަރާތްތަކަށް ދިވެހިރާއްޖޭޣެ ޤާނޫނުތަކާއި، ޤަވާއިދުތަކާއި، ބައިނަލްއަޤުވާމީ މުއާހަދާތަކުގެ ދަށުން ލިބިދޭންޖެހޭ އެންމެހާ ޙައްޤުތަކާއި ރައްކާތެރިކަން ލިބެމުންދާކަން ކަށަވަރު ކުރުމަށް މި ކޮމިޝަނުން މި ގެންދަނީ ތަފާތު ގިނަ މަސައްކަތްތަކެއް ކުރަމުން
އެޗްއާރްސީއެމްގެ ރައީސް މަރްޔަމް މުނާ

އަންހެނުންނަކީ ތަރައްޤީގެ މުހިއްމު ހިއްސާއެއް އަދާކުރާ ބައެއްކަމަށްވެސް މުނާ ވިދާޅުވިއެވެ. އެގޮތުން އަންހެނުންނާމެދު ތަފާތު ކުރުމާއި، އެމީހުންގެ ޙައްޤުތަކަށް އުނިކަން އަންނާނެ ކަންކަން ދެނެގަނެ، އެފަދަ ކަންކަން އިސްލާހު ކުރުމަށް ކުރެވޭ މަސައްކަތްތަކަކީވެސް ކޮމިޝަނުން ބޮޑު އަހައްމިއްޔަތުކަމެއް ދީގެން ކުރާ މަސައްކަތްތަކެއްކަމަށް ވިދާޅުވިއެވެ.

އޭގެ އިތުރުން، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކޮށް ހިމާޔަތް ކުރުމަށްޓަކައި ކޮމިޝަނުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން، އިންސާނީ ޙައްޤުތަކާއި ކުޑަކުދިންގެ ޙައްޤުތަކަށް ހޭލުންތެރިކަން އިތުރު ކުރުމާއި، ކުޑަކުދިންނަށް ކުރާ އަނިޔާއިން އެ ކުދިން ރައްކާތެރި ކުރުމަށް އާންމުން ހޭލުންތެރި ކުރުވުމަށް ކެމްޕޭން ކުރިއަށް ގެންދެވިފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގެ އާބާދީގެ ބޮޑު އިންސައްތައެއް ބިދޭސީން ހިއްސާ ކުރާކަން ފާހަގަ ކުރައްވައި މުނާ ވިދާޅުވީ، ބިދޭސީންގެ ޙައްޤުތަކަށް ރައްކާތެރިވުމަށް ދައުލަތުގެ ކަމާ ގުޅުންހުރި މުއައްސަސާތަކުން ކުރަމުންދާ މަސައްކަތްތައް ކޮމިޝަނުން އަބަދުވެސް ބަލަމުންދާ ކަމަށެވެ.

މުނާ ވަނީ މިފަދަ ދުވަހެއް ފާހަގަކުރަމުންދާއިރު، ޙައްޤުތަކާއެކު ޒިންމާތަކެއްވާކަން ހަނދާން ކޮށްދެއްވާފައެވެ،

މި ދުވަސް ފާހަގަ ކުރަން ފަށާފައިވަނީ 10 ޑިސެމްބަރު 1948 ގައި ކަމަށެވެ. އެއީ އޭރު އދ ގެ އާންމު މަޖިލީހުގެ ޖަލްސާގައި އެކަމާ ގުޅޭ ޤަރާރު "ޔުނިވަރސަލް ޑެކްލެރޭޝަން އޮފް ހިއުމަން ރައިޓްސް" ފާސްކުރުމާއި ގުޅިގެންނެވެ.

 

- ކޮމެންޓް