ހިއުމަން ރައިޓްސް ކޮމިޝަނުގެ މެންބަރުކަމުގެ މަޤާމަށް ކުރިމަތިލުމަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައްވައިފިއެވެ.
ރައީސް އޮފީހުން ކުރި އިޢުލާނެއްގައި ބުނެފައި ވަނީ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ މެންބަރުކަމުގެ މަގާމު ހުސްވެފައިވާތީ، އެ ކޮމިޝަނަށް މެންބަރަކު ޢައްޔަންކުރެއްވުމަށްޓަކައި މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުޞަތު، ބުރާސްފަތި ދުވަހުން ފެށިގެން ހުޅުވާލާ ކަމަށެވެ.
އެ ކޮމިޝަންގައި 5 މެމްބަރުން ތިއްބަވައެވެ.
މި ވަގުތު އެ ކޮމިޝަންގައި ތިއްބެވީ ކޮމިޝަންގެ ރައީސް މަރްޔަމް މުނާ އާއި ކޮމިޝަނަރ މުއުމިނާ ވަޙީދު އާއި ކޮމިޝަނަރ އާމިނަތު ޝިފާޢަތު ޢަބްދުއްރައްޒާޤް އާއި ކޮމިޝަނަރ އަލްއުސްތާޛާ ސަމާޢު އަޙްމަދު ނަޖީބުއެވެ.
ހިއުމަން ރައިޓްސް ކޮމިޝަނުގެ މެންބަރުކަމުގެ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، 2024 ޖޫން 30 ވަނަ ދުވަހު ހެނދުނު 08:30ން މެންދުރުފަހު 12:30ށް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނެވެ.
އެ ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެއްވޭނެ ކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ.
ހިއުމަން ރައިޓްސް ކޮމިޝަން އުފެދިފައިވަނީ އިސްލާމީ ޝަރީޢަތާއި ދިވެހިރާއްޖޭގެ ޤާނޫނުއަސާސީ އާ އެއްގޮތްވާގޮތުގެމަތިން، ދިވެހިރާއްޖޭގައި އިންސާނީ ޙައްޤުތައް ރައްކާތެރިކޮށް ދަމަހަށްޓައި، އެފަދަ ޙައްޤުތައް ކުރިއެރުވުމަށް މަސައްކަތްކުރުމަށާއި، ބައިނަލްއަޤްވާމީ އަދި ސަރަޙައްދީ މުޢާހަދާތަކާއި ޤަރާރުތަކުގެ ތެރެއިން، ދިވެހިރާއްޖޭގައި ޢަމަލުކުރަންޖެހޭ މުޢާހަދާތަކާއި ޤަރާރުތަކާ އެއްގޮތްވާގޮތުގެމަތިން، ދިވެހިރާއްޖޭގައި އިންސާނީ ޙައްޤުތައް ރައްކާތެރިކޮށް ދަމަހައްޓައި، އެފަދަ ޙައްޤުތައް ކުރިއެރުވުމަށް މަސައްކަތްކުރުމަށާއި، އިންސާނީ ޙައްޤުތައް ޙިމާޔަތްކޮށް ކުރިއެރުވުމަށް މަސައްކަތްކުރާ އަމިއްލަ ޖަމްޢިއްޔާ/ޖަމާޢަތްތަކަށް އެހީތެރިވެ ހިތްވަރު ދިނުމަށެވެ.