Advertisement
ކ. މާލެ
|
13 އޮކްޓޯބަރ 2025 | ހޯމަ 10:25
އޮކްޓޯބަރު 3 ގެ މުޒާހަރާއިން ހައްޔަރުކުރި 6 މީހުން ދޫކޮށްލުމަށް ގޮވާލާ ޖަހާފައިވާ ޕޯސްޓަރެއް
އޮކްޓޯބަރު 3 ގެ މުޒާހަރާއިން ހައްޔަރުކުރި 6 މީހުން ދޫކޮށްލުމަށް ގޮވާލާ ޖަހާފައިވާ ޕޯސްޓަރެއް
އެމްޑީޕީ
ސިޔާސީ ހައްޔަރީން
ލޫޓުވައިފި މުޒާހަރާއިން ހައްޔަރުކުރި މީހުންނަށް އިހުމާލުވާތީ ހުށަހަޅަން އުޅުނު ކުއްލި މައްސަލައަށް ފުރުސަތެއް ނުދިން
އެމްޑީޕީން ހިންގި ސުލްހަވެރި މުޒާހަރާގައި 6 މީހަކު ދޫނިދޫ ކަސްޓޯޑިއަލް ޖަލުގައި 15 ދުވަހަށް ބަންދުކޮށްފައިވޭ
ބަންދުގައި ތިބި މީހުންނަށް ބޭނުންވާ ސިއްހީ ފަރުވާ ނުދީ ލަސްކުރުމާއި އާއިލާއިން ބޭސް ފޮނުވުމުގެ ފުރުސަތު ނުދީ ލަސްކޮށްފައިވޭ
މަޖިލީހުގެ ގަވައިދަށް ނުފެތޭ ކަމަށް ބުނެ މައްސަލަ ހުށަހެޅުމުގެ ފުރުސަތު ނުދީ ވަނީ ބޭރުކޮށްލާފައި

ދައުލަތުގެ ބަންދުގައި ތިބި ލޫޓުވައިފި މުޒާހަރާއިން ހައްޔަރުކުރި މީހުންނަށް އިހުމާލުވަމުންދާ މައްސަލަ ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް ޓަކައި ހުށަހަޅަން އުޅުނު ކުއްލި މައްސަލަ ހުށަހެޅުމުގެ ފުރުސަތު މަޖިލީހުގެ ރައީސް ނުދީ އެ މައްސަލަ ބޭރުކޮށްލައިފިއެވެ.

މި މައްސަލަ ހުށަހެޅުއްވީ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރުއެވެ. މައުރޫފް ހުށަހެޅުއްވި ކުއްލި މައްސަލައިގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 17 ވަނަ މާއްދާގައި، ޤާނޫނުއަސާސީގެ 2 ވަނަ ބާބުގައި ބަޔާންކޮށްފައިވާ ޙައްޤުތަކާއި މިނިވަންކަން، އެ ބާބުގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން އެއްވެސް ގޮތަކުން ތަފާތުކުރުމެއްނެތި ކޮންމެ މީހަކަށްމެ ލިބިގެންވާކަމަށް ބަޔާންކޮށް، އަދި މި ޙައްޤުތަކާއި މިނިވަންކަން ލިބުމުގައި، އެ މީހެއްގެ ނަސްލަށް، ނުވަތަ އުފަންވީ ޤައުމަށް، ނުވަތަ ކުލަޔަށް، ނުވަތަ ޖިންސަށް، ނުވަތަ ޢުމުރަށް، ނުވަތަ ޖިސްމާނީ ނުވަތަ ނަފްސާނީ ނުކުޅެދުންތެރިކަމަކަށް، ނުވަތަ އެ މީހެއްގެ ސިޔާސީ ނުވަތަ އެނޫންވެސް ވިސްނުމަކަށް، ނުވަތަ މާލީ ފުދުންތެރިކަމަށް، ނުވަތަ ނިސްބަތްވާ ޢާއިލާއަށް ނުވަތަ އުފަންރަށަށް، ނުވަތަ މިނޫންވެސް ކަމަކަށް ބަލައި ތަފާތުކޮށްގެނެއް ނުވާނެކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ.

އަދި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 18 ވަނަ މާއްދާގައި، ޤާނޫނުއަސާސީއާ އެއްގޮތަށް ޢަމަލުކުރުމާއި، ޤާނޫނުއަސާސީގެ 2 ވަނަ ބާބުގައި ބަޔާންވެގެންވާ ޙައްޤުތަކާއި މިނިވަންކަން ޙިމާޔަތްކޮށް، ކުރިއެރުވުމަކީ ދައުލަތުގެ ވާޖިބެއްކަމަށް ބަޔާންކޮށްފައިވާ ކަމަށް ކުއްލި މައްސަލައިގައި ބުނެފައިވެއެވެ. އަދި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 20 ވަނަ މާއްދާގައި، ޤާނޫނުގެ ކުރިމަތީގައި، އަދި އެ މީހެއްގެ މައްޗަށް ޤާނޫނު ހިންގުމުގައި ކޮންމެ މީހަކީ ވެސް ހަމަހަމަވެގެންވާ މީހެއްކަމާއި، އަދި ޤާނޫނުގެ ރައްކާތެރިކަމާއި، ޤާނޫނުން ލިބިދޭ މަންފާތައް ހަމަހަމަކަމާއެކު ލިބުމަކީ ހަމަ ކޮންމެ މީހެއްގެ ވެސް ޙައްޤެއްކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ.

މައުރޫފުގެ މައްސަލައިގައި ބުނެފައިވަނީ ދިވެހިރައްޔިތުންގެ އަސާސީ ހައްގުތަކާއި މިނިވަންކަން ނަގަހައްޓައި، ދިފާއުކުރުމުގެ ނިޔަތުގައި، މިނިވަންކަމާއެކު ހިޔާލު ފާޅުކޮށް، ސުލްހަވެރިކަމާއެކު އެއްވުމުގެ ގޮތުން، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީން އިސްނަގައިގެން، އޮކްޓޫބަރު މަހުގެ 3 ވީ ހުކުރު ދުވަހުގެ ރޭގަނޑު، ގިނަ އަދަދެއްގެ ރައްޔިތުންނާއެކު މާލޭގައި ސުލްހަވެރި ސިޔާސީ އެއްވުމެއް ބާއްވައިފައިވާ ކަމަށެވެ. އަދި މި އެއްވުމުގެ ތެރެއިން، ފުލުހުން ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކޮށް އެތައް ބަޔަކު ހައްޔަރުކޮށް، އޭގެ ތެރެއިން 6 މީހަކު ދޫނިދޫ ކަސްޓޯޑިއަލް ޖަލުގައި 15 ދުވަހަށް ބަންދުކޮށްފައިވާ ކަމަށެވެ.

އަދި މި 6 މީހުންގެ ތެރެއިން ބަޔަކަށް ފުލުހުން ޖިސްމާނީ ގޮތުން އެކި ވަރުގެ ހާނިއްކަ ކޮށްފައިވާކަމުގެ މައުލޫމާތު ލިބެމުންދާ ކަމަށާއި، މި 6 މީހުންގެ އަސާސީ ހައްގުތައް ފުރިހަމަކޮށްނުދޭ ކަމުގެ ޝަކުވާ، އެ ފަރާތްތަކުގެ އާއިލާއިން ތަކުރާރުކޮށް ކުރަމުންދާކަމަށެވެ. އަދި ޖިސްމާނީ ގޮތުން ހާނިއްކަ ވެފައިވާ މީހުންނަށް ފަރުވާނުދީ އެއް ހަފްތާއަށްވުރެ ގިނަ ދުވަސް ގަސްތުގައި ލަސްކޮށްފައިވާކަން ހާމަވާ ކަމަށާއި، މި މީހުންގެ ތެރެއިން ދާއިމީ ބަލިތަކަށް ބޭސްކަމުންދާ މީހުންނަށް އާއިލާއިން ބޭސް ފޮނުވުމުގެ ފުރުސަތު ނުދީ ލަސްކޮށްފައިވާކަން އެނގެން އޮތް ކަމަށެވެ.

އަދި މި ކަންކަމަކީ، އިންސާނީ ކަރާމާތް ގެއްލޭ، އަނިޔާވެރި ޢަމަލުތަކެއްކަން ފާހަގަވި ނަމަވެސް، މި މައްސަލަ ތަހުގީގުކުރުމަށް، މި ފަދަ ކަންކަން ބެލުމުގެ ޤާނޫނީ ޒިންމާ މަތިކޮށްފައިވާ މިނިވަން މުއައްސަސާ ކަމުގައިވާ ހިއުމަން ރައިޓްސް ކޮމިޝަނުން މިހައިތަނަށް އެއްވެސް ކަމެއްކޮށްފައި ނުވާތީ ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ. އަދި އެއްވެސް މީހަކަށް، ރަހުމުކުޑަ، ލާއިންސާނީ، އިހާނެތިކަމެއް ކޮށްގެނެއް ނުވާނެކަށާއި، އިންސާނީ ކަރާމާތް ގެއްލޭފަދަ އަދަބެއް އެއްވެސް މީހަކަށް ދީގެނެއް ނުވާނެކަމަށް، އަދި އެއްވެސް މީހަކަށް އަނިޔާކޮށްގެނެއް ނުވާނެކަމަށް ޤާނޫނުއަސާސީގެ 54 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަމަށް މައްސަލައިގައި ބުނެފައިވެއެވެ.

މައުރޫފު ވިދާޅުވީ ލާއިންސާނީ އަދަބު ދިނުމަކީ، ޤާނޫނު ނަންބަރު 13/2013 (އެންޓި ޓޯޗަރ ޤާނޫނު) ގެ 3 ވަނަ މާއްދާގައި ޖިނާއީ ވަކި ކުށެއްކަމުގައި ކަނޑައަޅައިފައިވާ ޢަމަލެއްކަމަށް ވުމުގެ އިތުރުން، އެ ފަދަ ޢަމަލުތަކަކީ ދިވެހިރާއްޖެއިން ސޮއިކޮށްފައިވާ އިންސާނީ ހައްގުތަކާބެހޭ ބައިނަލްއަޤްވާމީ މުއާހަދާތަކުންވެސް މަނާކޮށްފައިވާ ކަންކަން ކަމަށެވެ. އަދި މި ކަމަކީ، ރައްޔިތުންގެ ކަންބޮޑުވުން ނުހަނު ބޮޑަށް އޮތް ކަމެއް ކަމަށް ވެފައި، މުޖުތަމައުގެ އާއްމު މަސްލަހަތާ ސީދާ ގުޅިފައިވާ ކަމެއް ކަމަށްވީތީ، އެކަން ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށާއި، އެ ކަމާމެދު މަޖިލީހުގައި ބަހުސްކުރުމަށް ޓަކައި، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 192 ވަނަ މާއްދާގެ (ހ) ގެ ދަށުން މި ކުއްލި މައްސަލަ ހުށަހަޅާ ކަމަށެވެ.

ނަމަވެސް ކުއްލި މައްސަލަ ހުށަހަޅަން ފުރުސަތު ނުދެއްވާ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވިދާޅުވީ ކުއްލި މައްސަލައެއް ލިބިފައިވާ ކަމަށާއި، އެހެންނަމަވެސް މަޖިލީހުގެ ގަވާއިދުގެ 197 ވަނަ މާއްދާގައި ކުއްލި މައްސަލައަކީ ހަގީގަތެއްގެ މައްޗަށް ބިނާކޮށް ހުށަހަޅެންޖެހޭ ކަމަކަމަށް ވާންވާނެކަމަށް ބަޔާންކޮށްފައިވާ އިރު، މެންބަރު މައުރޫފް ހުށަހެޅުއްވި މައްސަލައިގައި ޖިސްމާނީ ގޮތުން އެކިވަރުގެ ހާނިއްކަ ކޮށްފައިވާކަމުގެ މައުލޫމާތު ލިބެމުންދާ ކަމަށާއި، އެމީހުންގެ އަސާސީ ހައްގުތައް ފުރިހަމަ ނުކޮށްދޭ ކަމަށާއި، އެމީހުންނަށް ޖިސްމާނީ ގޮތުން ހާނިއްކަ ވެފައިވާ ކަމަށާއި، އެއް ހަފްތާއަށް ވުރެ ގިނަ ދުވަހު ފަރުވާ ނުދީ ގަސްދުގައި ލަސްކޮށްފައިވާ ކަން ހާމަކޮށްފައިވާ ކަމާއި، ދާއިމީ ބޭސް ބޭނުންކުރާ ފަރާތްތަކަށް އާއިލާއިން ފޮނުވާ ބޭސް ދިނުން ލަސްކޮށްފައިވާ ކަމަށް ބަޔާންކޮށްފައިވާ އިރު އެއީ ހަގީގަތެއް ކަމެއް މެންބަރަށް ދައްކުވައިދީފައި ނުވާތީ މަޖިލީހުގެ ގަވާއިދުގެ ދަށުން ކުއްލި މައްސަލައިގައި ބަޔާންކޮށްފައިވާ ކަމަކީ ހަގީގަތެއްކަން ކަށަވަރު ކުރުމަކީ މައްސަލަ ހުށަހަޅާ މެންބަރު ކުރަންޖެހޭ ކަމެއް ކަމަށެވެ.

ވީމާ އިއްޒަތްތެރި މެންބަރު ފޮނުވާފައިވާ މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 197 ވަނަ މާއްދާގެ (ކ) ގައި ބަޔާންކުރާ ޝަރުތު ފުރިހަމަނުވާތީ އެ މައްސަލަ ހުށަހެޅެން ނެތް ވާހަކަ ދަންނަވަން.

މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ

ކުއްލި މައްސަލަ ހުށަހެޅުމުގެ ފުރުސަތު ނުދިނުމުން ނިޒާމީ ނުކުތާއެއް ނަންގަވާ މެންބަރު މައުރޫފް ވިދާޅުވީ ކުއްލި މައްސަލައެއް ހުށަހަޅާ އިރު މަޖިލީހުގެ ގަވާއިދުގައި ހެކި ހުށަހަޅާކަށް ނޯންނަ ކަމަށެވެ. އަދި މަޖިލީހުގެ ރައީސް ވަނީ އެ ނުކުތާ ސާފުވެއްޖެކަމަށް ވިދާޅުވެ މެންބަރުގެ މައިކް ކަނޑާލާފައެވެ.

ރިޔާސަތުން ވިދާޅުވީ އަމަލުކުރަމުން ގެންދަނީ މަޖިލީހުގެ ގަވާއިދާ އެއްގޮތަށް ކަމަށާއި، މެންބަރުގެ ނިޒާމީ ނުކުތާއަކީ ނިޒާމީ ނުކުތާއެއް ކަމަށް ބަލައި ނުގަންނަ ކަމަށެވެ.

- ކޮމެންޓް