ކ. މާލެ
|
29 ނޮވެންބަރ 2022 | އަންގާރަ 07:12
އީރާންގެ ކޯޗު ކާލޯސް ކުއިރޯޒް
އީރާންގެ ކޯޗު ކާލޯސް ކުއިރޯޒް
ރޮއިޓަސް
ފީފާ ވޯލްޑް ކަޕް
ކުއިރޯޒް އެދެނީ ސިޔާސީ ކަންކަން އެއް ފަރާތްކޮށް ފުޓުބޯޅަ އަށް ސަމާލުކަން ދިނުމަށް
މެޗު ނިންމާލަން ބޭނުންވަނީ އީރާންގެ ސްޕޯޓަރުން އުފާވާ ގޮތަށް

ފީފާ ވޯލްޑް ކަޕް ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި އެމެރިކާއާ ދެކޮޅަށް ނުކުންނައިރު އެދެނީ ސިޔާސީ ކަންކަމުން ދުރުވެ ފުޓުބޯޅަ އަށް ސަމާލުކަން ދިނުމަށް ކަމަށް އީރާންގެ ކޯޗު ކާލޯސް ކުއިރޯޒް ބުނެފިއެވެ.

ކުއިރޯޒް މިހެން ބުނީ އެމެރިކާ މެޗުގެ ކުރިން އޮތް ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަމުންނެވެ. އޭނާ ބުނީ އަންގާރަ ދުވަހުގެ މެޗުގައި ކުޅެނީ އެމެރިކާއާ ދެކޮޅަށް ނޫން ކަމަށެވެ. އޭނާ ބުނީ އެ މެޗުގައި ދެ ޓީމުގެ ވެސް އޮތީ އެއް ގޯލަކާއި، އެއް އަމާޒެއް ކަމަށެވެ. އެއީ މުބާރާތުގެ ދެ ވަނަ ބުރުން ޖާގަ ހޯދުން ކަމަށް ފާހަގަ ކުރަމުން އޭނާ ބުނީ، މެޗުގެ ފޯރި އަށް އިސްކަން ދިނުމަށް އޭނާ އެދޭ ކަމަށެވެ. އެގޮތުން މެޗު ނިންމާލަން ބޭނުންވަނީ އީރާންގެ ސްޕޯޓަރުން އުފާވާ ގޮތަށް ކަމަށެވެ. ކުއިރޯޒް ބުނީ އެމެރިކާގެ ސަޕޯޓަރުން ވެސް އީރާން ޓީމު އަދި ފުޓުބޯޅައާމެދު ފަޚުރުވެރިވާނެ ކަމަށެވެ.

މީގެ އުތުރުން ކުއިރޯޒް ބުނީ ދަނޑު މަތީގައި އެންމެ މޮޅު ކުޅުމެއް ދައްކާނީ އީރާން ޓީމު ކަމަށް އުއްމީދު ކުރާ ކަމަށެވެ. އަދި ޓީމަށް ހުނަރުވެރިކަމާއެކު ކުޅެވޭނެ ކަމަށާއި ލަނޑު ޖަހައި މެޗުން މޮޅުވުމަކީ ހަމައެކަނި އެދޭ ގޮތް ކަމަށެވެ.

އަންގާރަ ދުވަހުގެ މެޗަށް އަހަރަމެންގެ އުއްމީދަކީ އެއީ. އުއްމީދު ކުރަނީ ދަނޑު މަތީގައި މޮޅަށް ކުޅެ، ހުނަރުވެރި ކުޅުމާއެކު މެޗު ކާމިޔާބު ކުރެވޭނެ ކަމަށް. މެޗުގައި އަހަރަމެން އެދޭ ގޮތަކީ އެއީ.
ކާލޯސް ކުއިރޯޒް / އީރާންގެ ކޯޗު

މީގެ އިތުރުން ކުއިރޯޒް ބުނީ އެ ގްރޫޕްގައި އޮތް ޓީމުތަކަށް ބަލާއިރު ދެ މެޗުގައި ވެސް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ ޝައްކެތް ވެސް ނެތް ގޮތުގައި އެމެރިކާ ކަމަށެވެ. ކުއިރޯޒް ބުނީ އޭނާގެ ކުޅުންތެރިންނަކީ ވަރަށް ހިތްވަރު ގަދަ، އެންމެ ފަހު ވަގުތާ ހަމައަށް ވެސް މަސައްކަތް ކުރާ ބައެއް ކަމަށެވެ. އޭނާ ބުނީ ކޮންމެ ހާލަތެއްގައި ވެސް ފުޓުބޯޅަ ކުޅުމަށް ކުޅުންތެރިން ވަރަށް ބޮޑަށް އިސްކަމެއް ދެމުން އަންނަ ކަމަށެވެ.

ޕްރެސްގައި ވާހަކަ ދައްކަމުން އީރާން ޓީމުގެ ކަރީމް އަންސަރިފާދު ބުނީ، ކުރިއަށް އޮތް ބުރަށް ދަތުުރުކުރުމަށް ކުޅުންތެރިން އެންމެ މޮޅު ކުޅުން ދައްކާނެ ކަމަށާއި، އެކަމަށް އެދިގެން މަސައްކަތް ކުރާނެ ކަމަށެވެ. އޭނާ ބުނީ އެހެން ކުޅިވަރުތަކުން އީރާންގެ ރައްޔިތުން ހިނިތުންވަމުން އަންނައިރު، އެކަމުގައި އެމީހުން ވެސް ބައިވެރިވެ ރައްޔިތުންނަށް ހިނިތުންވުން ދޭން ބޭނުންވާ ކަމަށެވެ. އިތުރަށް އޭނާ ބުނީ ކުރީ ދެ މެޗުގައި ނުކުރާ ހިތްވަރާއި، މަސައްކަތް ކުރިއަށް އޮތް މެޗުގައި ކުރާނެ ކަމަށެވެ.

ގްރޫޕް ބީ ގެ ފަހު މެޗުގައި އީރާން އިން އެމެރިކާއާ ދެކޮޅަށް ނުކުންނާނީ އަންގާރަ ދުވަހުގެ ރާއްޖެ ގަޑިން 12 ޖަހާއިރުއެވެ.

- ކޮމެންޓް