ކ. މާލެ
|
24 ނޮވެންބަރ 2022 | ބުރާސްފަތި 07:14
ޖަރުމަނުގެ ކޯޗު ފްލިކް
ޖަރުމަނުގެ ކޯޗު ފްލިކް
ރޮއިޓާސް
ފީފާ ވޯލްޑް ކަޕް
ނަތީޖާ ލަދުވެތި، ކުށްވެރިކުރަން ޖެހެނީ އަމިއްލަ ނަފްސު: ފްލިކް
 
ފުރުސަތުގެ ބޭނުން ހިފުމުގައި ކުޅުންތެރިން "ފެއިލް"ވީ

ފީފާ ވޯލްޑް ކަޕް ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި ޖަޕާން އަތުން ބަލިވުމުން ކުށްވެރި ކުރަން ޖެހޭނީ ކުޅުންތެރިންގެ އަމިއްލަ ނަފްސުކަމަށް ޖަރުމަނުގެ ކޯޗު ހަންސީ ފްލިކް ބުނެފިއެވެ.

ޖަޕާން އަތުން ޖަރުމަނު ބަލިވީ ފުރަތަމަ ހާފުގައި ލަނޑު ޖަހާ ޖަރުމަނުން ލީޑުގައި އޮއްވައެވެ. ދެ ވަނަ ހާފަށް ނުކުމެ ޖަޕާނުން ވަނީ ދެ ލަނޑު ޖަހާ މެޗު ކާމިޔާބުކޮށްފައެވެ. މެޗަށްފަހު ވާހަކަ ދައްކަމުން ޖަރުމަނުގެ ކޯޗު ފްލިކް ބުނީ ނަތީޖާ އަކީ ވަރަށް ލަދުވެތި ނަތީޖާއެއް ކަމަށެވެ. އޭނާ ބުނީ މެޗުން ބަލިވުމަކީ ވަރަށް ބޮޑު ހިތްހަމަނުޖެހުމެއް ކަމަށެވެ. އަދި މެޗުގައި 78 އިންސައްތަ ބޯޅަ ކޮންޓްރޯލްކޮށްގެން ކުޅުނީ ޖަރުމަނު ކަމަށެވެ. މީގެ އިތުރުން އޭނާ ބުނީ ދެ ވަނަ ހާފުގައި ވެސް އެކަށީގެންވާ ފުރުސަތުތަކެއް ލިބުނު ކަމަށެވެ. ނަމަވެސް އޭގެ ބޭނުން ހިފުމުގައި ކުޅުންތެރިން "ފެއިލް"ވީ ކަމަށެވެ.

އަހަރަމެންނަށް ކުށްވެރި ކުރެވޭނީ އަހަރަމެންގެ އަމިއްލަ ނަފްސު. އަހަރަމެން ޔަޤީން ކުރަން ޖެހޭ މި ހާލަތުން އަހަރަމެންނަށް އަރައިގަނެވާނެކަން. މިއަށްވުރެ ފަރުވާތެރިވެސް ވާން ޖެހޭ. އަހަރަމެން ޖެހޭ މުޅި މެޗުގެ ކޮންޓްރޯލް ހޯދަން. އެއީ ވޯލްޑް ކަޕްގައި ބޭނުންވާނެ ކަންތައް.
ހަންސީ ފްލިކް / ޖަރުމަނުގެ ކޯޗު

ފްލިކްގެ އިތުރުން ޖަރުމަނުގެ ކެޕްޓަން އަދި ގޯލް ކީޕަރު މެނުއަލް ނޯޔާ ބުނީ، މެޗު ގެއްލުމުން އޭނާ ހުރީ ވަރަށް ހިތްހަމަނުޖެހި އަދި ރުޅި ގަދަވެފައި ކަމަށެވެ. ނޯޔާ ބުނީ އެއީ ގެއްލިގެން ދާން ޖެހޭނެ ވަރުގެ މެޗެއް ނޫން ކަމަށެވެ. އަދި ފުރަތަމަ ހާފަށްފަހު މެޗުގެ ކޮންޓްރޯލް އޮތީ ޖަރުމަނުގެ އަތުގައި ނޫން ކަމަށާއި، ފުރަތަމަ ހާފުގައި ކުޅުނު ވަރާ ގާތަށް ވެސް ދެ ވަނަ ހާފުގައި ނުކުޅެވޭ ކަމަށެވެ.

ނޯޔާ ބުނީ މިހާރު ޖަރުމަނު އޮތީ ވަރަށް ބޮޑު ޕްރެޝަރެއްގައި ކަމަށެވެ. އެގޮތުން މުބާރާތެއްގެ އެންމެ މުހިންމު އެއް މެޗަށްވާނީ ފުރަތަމަ މެޗު ކަމަށާއި، ނަމަވެސް އެ މެޗު ގެއްލުނީ އަމިއްލަ އަތް މަތީގައި އޮތުމަށްފަހު ކަމަށެވެ.

މުބާރާތުގައި ޖަރުމަނަށް ދެން އޮތީ މި މަހުގެ 28 ވަނަ ދުވަހު ސްޕެއިންއާ ދެކޮޅަށް ކުޅޭ މެޗެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
50%
0%
0%
50%
ކޮމެންޓް
24 ނޮވެންބަރ 2022 | ބުރާސްފަތި 10:06
މާޔޫސް
ޖަރުމަނަށް ދިން ޕެނަލްޓީ އަކީވެސް ނު ހައްގުން ދިން އެއްޗެއް.