ކ. މާލެ
|
21 ނޮވެންބަރ 2022 | ހޯމަ 07:06
ޕްރެސްގައި އީރާންގެ ކޯޗު ކުއިރޯސް
ޕްރެސްގައި އީރާންގެ ކޯޗު ކުއިރޯސް
ރޮއިޓާސް
ފީފާ ވޯލްޑް ކަޕް
އިންގްލެންޑަކީ މަތީ ފަންތީގެ މޮޅު ޓީމެއް: ކުއިރޯޒް
 
ކުއިރޯޒް ބުނީ އީރާން ޓީމުން ޤަތަރަށް އައީ ވަރަށް ބޮޑު ޤުރުބާނީތަކަކާއެކު ކަމަށް

އިންގްލެންޑަކީ މަތީ ފަންތީގެ މޮޅެތި ޓީމުތަކުގެ ތެރޭގައި ހިމެނޭ ޓީމެއް ކަމަށް އީރާންގެ ކޯޗު ކާލޮސް ކުއިރޯޒް ބުނެފިއެވެ.

ކުއިރޯޒް މިހެން ބުނީ ފީފާ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގައި އިންގްލެންޑާ ދެކޮޅަށް ނުކުންނަ މެޗުގެ ކުރިންނެވެ. އެ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ކުއިރޯޒް ބުނީ، މިދިޔަ ދުވަސްތަކުގައި އިންގްލެންޑުން ދައްކަމުން އައި ކުޅުމަށް ބަލާއިރު، އެ މީހުންނަކީ މުބާރާތުގެ ފައިނަލްގައި ވާދަކުރާނެ ފެންވަރުގެ ޓީމެއް ކަމަށެވެ. އަދި މުބާރާތް ކާމިޔާބުކުރުމުގެ ފުރުސަތު އޮތް ޓީމެއް ކަމަށެވެ.

މީގެ އިތުރުން ކުއިރޯޒް ބުނީ އީރާން ޓީމުން ޤަތަރަށް އައީ ވަރަށް ބޮޑު ޤުރުބާނީތަކަކާ އެކު ކަމަށެވެ. އޭނާ ބުނީ މުބާރާތުގައި އީރާން ޓީމުން ބޭނުންވަނީ އެ ޓީމުގައި ވެސް މޮޅެތި ކުޅުންތެރިން ތިބިކަން ސާބިތުކޮށްދޭން ކަމަށެވެ. ހަމައެހެންމެ އީރާންގެ ސަޕޯޓަރުންނާއި، ޚާއްސަކޮށް މުޅި އީރާން އުފާކޮށްދިނުމަކީ ޓީމުން ބޭނުންވާ ކަމެއް ކަމަށް ވެސް ކުއިރޯޒް ބުންޏެވެ. އޭނާ ބުނީ އެންމެ މުހިންމު ކަމަކީ އަބަދު ވެސް ލިބެން އޮންނަ ފުރުސަތުގެ ބޭނުން ހިފުން ކަމަށެވެ.

މި ބައްދަލުވުމުގައި ބައިވެރިން ވާހަކަ ދައްކަމުން އީރާންގެ ކެޕްޓަން އިހުސާން ހަޖްސާފީ ބުނީ އީރާނުން މުބާރާތަށް އައި އިރު ވެސް އެ ޤައުމު އޮތީ ރަނގަޅު ހާލަތެއްގައި ނޫން ކަމަށާއި، ޤައުމުގެ ރައްޔިތުން ތިބީ އުފަލުން ނޫން ކަމަށެވެ. އޭނާ ބުނީ އީރާން ޓީމުން މަސައްކަތް ކުރަން ޖެހޭނީ މެޗުގައި ލަނޑު ޖަހާ، މޮޅު ކުޅުމެއް ދައްކައި، މެޗުން މޮޅުވެ އީރާން ރައްޔިތުންނަށް ހިނިތުންވުމެއް ގެނެސްދިނުމަށް ކަމަށެވެ.

މީގެ އިތުރުން އިހުސާން ބުނީ އެނާގެ އުންމީދަކީ އެ ޤައުމުގެ ހާލަތު ރައްޔިތުން ބޭނުންވާ ގޮތަށް ބަދަލުވެ ހުރިހާ ރައްޔިތުންނަށް އުފާވެރިކަން ލިބުން ކަމަށެވެ. އެކަން ފާހަގަކޮށް އޭނާ ބުނީ ހޯމަ ދުވަހު އިންގްލެންޑާ ދެކޮޅަށް އޮތީ ވަރަށް މުހިންމު މެޗެއް ކަމަށެވެ. އަދި ޚާއްސަކޮށް ވޯލްޑް ކަޕް ކަހަލަ ބޮޑު މުބާރާތެއްގައި ފުރަތަމަ މެޗަކީ އަބަދު ވެސް ވަރަށް މުހިންމު މެޗެއް ކަމަށް ވެސް އޭނާ ބުންޏެވެ. އިހުސާން ބުނީ އެ މެޗުން ރަނގަޅު ނަތީޖާއެއް ހޯދައިގެން މުބާރާތުގައި ކުރިއަށްދާން ބޭނުންވާ ކަމަށެވެ.

ގްރޫޕް ބީ ގައި އިންގްލެންޑާ އީރާން ބައްދަލު ކުރާ މެޗު އޮންނާނީ ހޯމަ ދުވަހު ރާއްޖެ ގަޑިން 18:00 ގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
67%
0%
33%
ކޮމެންޓް