ކ. މާލެ
|
14 ނޮވެންބަރ 2022 | ހޯމަ 14:36
އޮސްޓްރޭލިއާއިން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު ރައީސާއި ބައްދަލުކުރައްވަނީ
އޮސްޓްރޭލިއާއިން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު ރައީސާއި ބައްދަލުކުރައްވަނީ
ރައީސް އޮފީސް
އޮސްޓްރޭލިއާ ހައިކޮމިޝަން
އޮސްޓްރޭލިއާގެ ހައިކޮމިޝަނެއް ރާއްޖޭގައި ގާއިމްކުރަނީ
 
ދެ ޤައުމުން އިސްކަންދޭ މުހިންމު އެކިއެކި ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައިވޭ
 
ދެޤައުމުގެ ދެމެދު އޮތް ބަދަހި ގުޅުމަކީ ރާއްޖެއިން ވަރަށް އިސްކަންދޭ މުހިންމު ގުޅުމެއްކަން ފާހަގަކުރެއްވި

އޮސްޓްރޭލިއާގެ ހައިކޮމިޝަނެއް ރާއްޖޭގައި ޤާއިމުކުރުމަށް ނިންމަވައިފިއެވެ.

މިކަން ހާމަކުރައްވާފައިވަނީ އޮސްޓްރޭލިއާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު، ޕޯލް ވެސްލީ ސްޓެފަންސް، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް އެރުވުމަށް ބޭއްވި ހަފްލާއަށްފަހު ދެ ބޭފުޅުން ކުރެއްވި މަޝްވަރާގައެވެ.

ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު ބާއްވަވާފައި ވަނީ ހޯމަ ދުވަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ރަސްމިއްޔާތަށްފަހު އޮސްޓްރޭލިއާގެ ސަފީރާ ބައްދަލުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ދެޤައުމުގެ ދެމެދު އޮތް ބަދަހި ގުޅުމަކީ ރާއްޖެއިން ވަރަށް އިސްކަންދޭ މުހިންމު ގުޅުމެއްކަން ފާހަގަކުރެއްވިއެވެ. އަދި، އޮސްޓްރޭލިއާގެ ހައިކޮމިޝަނެއް ރާއްޖޭގައި ޤާއިމުކުރުމަށް ނިންމަވާފައިވާ ނިންމެވުމުގެ މައްޗަށް އަލިއަޅުވާލައްވައި ދެ ބޭފުޅުން ވަނީ މިކަމަކީ މިއީ ރައްޖެއާއި އޮސްޓްރޭލިއާގެ ގުޅުން ވޭތުވެދިޔަ އަހަރުތަކުގައި ކުރިއަރައި ގޮސްފައިވާ މިންވަރު ދައްކުވައިދޭ ރަމްޒެއްގެ ގޮތުގައި ސިފާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި އޮސްޓްރޭލިއާގެ ސަފީރާއި، ރައީސުލްޖުމްހޫރިއްޔާ ވަނީ ދެ ޤައުމުން އިސްކަންދޭ މުހިންމު އެކިއެކި ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. އެގޮތުން، ދެބޭފުޅުން ވަނީ މަތީ ތަޢުލީމާއި ގުޅޭގޮތުންނާއި، ފަތުރުވެރިކަމާއި، ބައިނަލްއަޤްވާމީ މައިދާނުގައި ގިނަ ޤައުމުތައް ގުޅިގެން މަސައްކަތްކުރުމާއި ގުޅޭގޮތުންނާއި، ކަނޑުމަތީގެ ސަލާމަތާއި، ބޯޑަރުތައް ހުރަސްކޮށް ހިނގާ ކުށްކުށާއި ގުޅޭގޮތުން، އަދި ތިމާވެއްޓާއި ގުޅޭގޮތުންނާއި، ކަނޑުތަކާއި މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ކަންކަމުގައި ގުޅިގެން މަސައްކަތްކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ، މި ބައްދަލުކުރެއްވުމުގައި ދެއްކެވި ވާހަކަފުޅު ނިންމަވާލައްވާފައި ވަނީ ދެ ޤައުމުގެ ދެމެދު އޮތް ގާތްގުޅުން ކުރިމަގުގައި އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން ދެއްވަމުންނެވެ.

ދިވެހިރާއްޖެއާއި އޮސްޓްރޭލިއާއިން ސިޔާސީ ގުޅުން ޤާއިމުކޮށްފައި ވަނީ 1974 ވަނަ އަހަރުގައެވެ.

ކޮމެންޓް
ގުޅުންހުރި