މިސަރުކާރުގެ ކޮންމެ ސިޔާސަތަކާ މެދު ރައްޔިތުން ޖޯކު ޖަހަމުންދާ ކަމަށާއި 2028 ވަނަ އަހަރު އެމްޑީޕީގެ ސަރުކާރެއް އައުމުން، މިހާރު ލާމަރުކަޒީ ނިޒާމަށް ގެނެވޭ ހުރިހާ ބަދަލުތަކެއް އަލުން ދޫކޮށްލާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ވިދާޅުވެއްޖެ އެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ބޮޑުފޮޅުދޫގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ޞާލިޙް ވިދާޅުވީ، ރާއްޖެ ތަރައްޤީ ކުރެވޭނީ ލާމަރުކަޒީ ނިޒާމުގެ ތެރެއިން، ސިޔާސީ އަދި ހިންގުމުގެ ބާރުތައް ދޫކޮށްލައި، ރަށްރަށުގެ ކައުންސިލްތަކަށް މާލީ ފުދުންތެރިކަން ދިނުމުން ކަމަށެވެ.
ރައީސް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، އެމްޑީޕީގެ ލާމަރުކަޒީ ސިޔާސަތުގެ ދަށުން ރާއްޖެ ތަރައްޤީވަމުންދާ ކަމުގެ ރަނގަޅު މިސާލެއް ބޮޑުފޮޅުދޫއިން ފެންނަން އޮތް ކަމަށެވެ. އެމްޑީޕީގެ ސަރުކާރުން ރަށްރަށުގެ ތަރައްޤީއަށް ކުރި މަސައްކަތްތަކުގެ ތެރޭގައި ބިން ހިއްކުމާއި، އެސްއެމްއީ ލޯނު ދޫކުރުމާއި، އެއަރޕޯޓް ތަރައްޤީ ކުރުމާއި، ފެނާއި ނަރުދަމާގެ މަސައްކަތްތަކާއި، ސިއްޙީ ޚިދުމަތް ފުޅާކުރުމާއި، ސްކޫލްތައް އިމާރާތްކުރުން ހިމެނޭ ކަމަށް ވިދާޅުވިއެވެ. ރައްޔިތުން އެންމެ ބޭނުން ޖެހިފައިވާ ފެނާ ނަރުދަމާގެ މަސައްކަތް މުޅި ރާއްޖޭގައި އެމްޑީޕީގެ ސަރުކާރުން ފެއްޓި ކަމަށާއި ޤާނޫނުގައި ލިޔެގެން 2025 ވަނަ އަހަރުގެ އޯގަސްޓުގެ ނިޔަލަށް ހުރިހާ ރަށެއްގައި އެކަން ނިންމަން ވާނެ ކަމަށް އޭރު ހިސާބު ޖަހާފައިވާއިރު، އޭރު ނުނިމި ހުރި ކަންކަން މިސަރުކާރުން ވަނީ ހުއްޓާލާފައި ކަމަށް ރައީސް ސާލިޙް ވިދާޅުވި އެވެ.
ނަމަވެސް މިހާރުގެ ސަރުކާރުން ކައުންސިލްތަކުގެ ބާރުތައް ހަނިކޮށް، ވަގުތީ ވަޒީފާތައް އުފައްދައި، ލޯކަލް ކައުންސިލް އިންތިޚާބަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރަމުންދާ ކަމަށް ރައީސް ސޯލިހް ފާހަގަކުރެއްވިއެވެ. އަދި ސަރުކާރުގެ ކުންފުނިތަކަށް ކުދި މަޝްރޫޢުތައް ދެމުންދާ ކަމަށްވެސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، ކައުންސިލްތަކުގެ ބަސް އަޑުއަހަން ޖެހޭ ކަމަށާއި، ޑިމޮކްރެޓިކް ނިޒާމެއްގެ ތެރެއިން އަނެއްކާވެސް ރާއްޖޭގައި ވެރިކަން ކުރާނީ އެމްޑީޕީން ކަމަށެވެ. އަދި ކައުންސިލްތަކަށް ބާރުވެރިކަން ދީ، ބަޖެޓުން ދެވޭ ގްރާންޓް 5 އިންސައްތައިން އިތުރުކުރާނެ ކަމަށްވެސް ވިދާޅުވިއެވެ.
މިސަރުކާރުން ރައްޔިތުން ނިކަމެތިކޮށް ބިކަކުރަމުންދާއިރު، 3 އޮކްޓޯބަރ 2025 ވަނަ ދުވަހު ބާއްވަން ތައްޔާރުވަމުންދާ މުޒާހަރާގައި ހުރިހާ ފަރާތްތަކުން ބައިވެރިވުމަށް ރައީސް ޞާލިޙް ގޮވާލެއްވި އެވެ.