ކ. މާލެ
|
10 ނޮވެންބަރ 2022 | ބުރާސްފަތި 16:48
މުހައްމަދު ނަޒީހް
މުހައްމަދު ނަޒީހް
ރާއްޖެއެމްވީ
ވޯލްޑް ކަޕްގައި ރާއްޖެޓީވީގެ އެނަލިސްޓުން
ނަޒީހު، މަދުން ނޫނީ ނުފެންނަ ސްޓައިލެއްގެ މޮޅު މިޑްފީލްޑަރެއް
ވިކްޓަރީއާއި ޔުނައިޓެޑްގެ ވިކްޓަރީގެ ހެޑްކޯޗުކަން ކުރި
މައުލޫމާތު މުއްސަނދި، ހުށަހަޅައިދިނުމުގެ ސްޓައިލް މޮޅު އެނަލިސްޓެއް
ނިސްބަތްވަނީ ކުޅިވަރުގެ އާއިލާއަކަށް، ކޯޗެއްގެ ގޮތުގައި ދަނީ ކުރިއެރުން ހޯދަމުން
ގައުމީ ފުޓްބޯޅަ ޓީމުގެ މެދުތެރެވެސް އިތުބާރާއެކު ބެލެހެއްޓި
ވިކްޓަރީއާއި ނިއުރޭޑިއަންޓަށް ކުޅުނު މޮޅު މިޑްފީލްޑަރެއް

މުހައްމަދު ނަޒީހަކީ ކުޅުންތެރިއެއްގެގޮތުގައި ވަރަށް މަދުން ނޫނީ ނުފެންނަ ސްޓައިލެއްގެ މޮޅު މިޑްފީލްޑަރެކެވެ. އޭނާގެ އާއިލާއަކީވެސް ފުޓްބޯޅައިގެ ގިނަ ޚިދުމަތްތަކެއް ކުރަމުންދާ މުހިންމު އާއިލާއެކެވެ. ބައްޕައާއި ބޭބެމެން އަދި ކޮއްކޮއަކީވެސް ފުޓްބޯޅައިގެ ވިސްނުމާއި ހުނަރާއި ބުރަމަސައްކަތުން ކާމިޔާބު ހޯދުމުގައި ނަމޫނާ ދެއްކި ބައެކެވެ.

ނަޒީހުގެ މޮޅު ކުޅުން ފެނިގެންދިޔައީ ގަލޮޅަށް ނިސްބަތްވި ވިކްޓަރީގެ ރަތްކުލައާއި ހެންވޭރަށް ނިސްބަތްވި ނިއުރޭޑިއަންޓްގެ ނޫ ޖާޒީގައެވެ. އޭނާއަކީ ވަރުބަލިވުމެއްނެތި މަސައްކަތްކުރާ، ކޯޗުންގެ ފުރިހަމަ އިތުބާރު ލިބުނު މިޑްފީލްޑަރެކެވެ. މެދުތެރޭގެ ކޮންމެ މަގާމަކަށްވެސް އިތުބާރާއެކު ކުޅެވޭ ކުޅުންތެރިއަކަށްވާއިރު ގިނަ ކޯޗުން ނަޒީހުގެ ބޭނުން ހިފާފައިވަނީ އިދިކޮޅު ޓީމުތަކުގެ ކުޅުން ރޫޅާލުމަށެވެ. އެކަން ނުހަނު ފުރިހަމައަށް ދައްކަމުން އޭނާ ވަނީ މޮޅު ގޯލުތަކެއްވެސް ޖަހައިދީފައެވެ.

ވިކްޓަރީގެ ރަތްލާޖެހި ކުޅުންތެރިއަކު ނިއުރޭޑިއަންޓުގެ ސަޕޯޓަރުން ލޯތްބާއި އިހްތިރާމާއެކު ބަލައިގަތުމަކީ ދިވެހި ފުޓްބޯޅައިގެ އާދައިގެ މަންޒަރެއްނޫނެވެ. އެކަމަކު ނިއުގެ ސަޕޯޓަރުން ނަޒީހު ބަލައިގަތީ އަގުހުރި ޖަވާހިރެއްގެ ގޮތުގައެވެ. ބައެއް ކޯޗުންގެ ނަޒަރުގައި ނަޒީހު އެންމެ މޮޅަށް ކުޅުނީ ނޫޖާޒީގައި ފެނިގެންދިޔަ ދެ އަހަރުއެވެ.

ދިވެހި ގައުމީ ޓީމުގެ މެދުތެރެވެސް އެހާމެ އިތުބާރާއެކު ބެލެހެއްޓި ނަޒީހަކީ މިހާރު ރާއްޖޭގައި ފާހަގަކޮށްލެވޭ ކޯޗެކެވެ. ވިކްޓަރީއާއި ޔުނައިޓެޑް ވިކްޓަރީ އަދި އަތޮޅުތެރޭގެ ގިނަ ޓީމުތަކަށް އޭނާގެ އެހީތެރިކަން ދީފައިވަނީ ތަށިތަކެއް ހޯދުމަށްވުރެ ބޮޑަށް ފުޓްބޯޅައަށް ޚިދުމަތްކުރުމުގެ ރޫހުގައެވެ.

ކުޅުންތެރިއެއްގެ ގޮތުގައި އޭނާ ދެއްކި ޖާދޫ މިއަދު ޓީވީ ސްކްރީނުންވެސް ދަނީ ފެންނަމުންނެވެ. ކޯޗެއްގެ ގޮތުގައި ކުރިއެރުން ހޯދަމުން އަންނައިރު ނަޒީހަކީ މިދާއިރާގެ މައުލޫމާތު މުއްސަދި ހުށަހަޅައިދިނުމުގެ ސްޓައިލް މުޅިން ތަފާތު، ގިނަބަޔަކަށް ވަރަށް ކަމުދާ ގޮތަކަށް ބަސްމަގު ގެންގުޅޭ ސްޓައިލިޝް އެނަލިސްޓެކެވެ.

- ކޮމެންޓް