ކ. މާލެ
|
13 ޖޫން 2024 | ބުރާސްފަތި 11:27
ރާްއްޖެ ޓީވީން ތައްޔާރު ކުރި ވެބްޕޭޖް ލޯންޗު ކުރުމުގެ ތެރެއިން
ރާްއްޖެ ޓީވީން ތައްޔާރު ކުރި ވެބްޕޭޖް ލޯންޗު ކުރުމުގެ ތެރެއިން
ރާއްޖެ އެމްވީ
ޔޫރޯ/ކޮޕާ އެމެރިކާ
ޔޫރޯ އަަދި ކޮޕާ އެމެރިކާ އަށް ޚާއްސަ ރާއްޖެ ޓީވީގެ ވެބްޕޭޖް ލޯންޗުކޮށްފި
މުބާރާތުގެ މެޗުތަކުގެ ތަފްސީލާއި، ގްރޫޕްތަކަށް ޓީމުތައް ބެހިގެންވާ ގޮތާއި، މުބާރާތާ ގުޅުން ހުރި ޚަބަރުތަކާއި، ރިޕޯޓުތަކާއި މައުލޫމާތު ތައް މި ޕޭޖްގައި ހުންނާނެ

މި މަހު ޖަރުމަނުގައި ފަށާ ޔޫރޯ ފުޓުބޯޅަ މުބާރާތާއި، އެމެރިކާގައި ފަށާ ދެކުނު އެމެެރިކާ ސަރަހައްދުގެ ފުޓުބޯޅަ މުބާރާތަށް ޚާއްސަކޮށްގެން ރާއްޖެ ޓީވީން ތައްޔާރު ކުރި ވެބްޕޭޖް ލޯންޗުކޮށްފި އެވެ.

މި ޕޭޖް ރަސްމީކޮށް ލޯންޗުކޮށްދެއްވީ ޤައުމީ ޓީމުގެ ކުރީގެ ދެ ކެޕްޓަނުންކަމަށްވާ، ގޯލްޑަން ކެޕްޓަން އައްސަދު ޢަބްދުލް ޣަނީ އާއި ޝާހު އިސްމާއީލް (ސާޔާ) އެވެ.

މި ވެބްސައިޓުގައި ދެ މުބާރާތާ ގުޅުން ހުރި އެންމެ ފަހުގެ މައުލޫމާތުތައް ހުންނާނެ އެވެ. މުބާރާތުގެ މެޗުތަކުގެ ތަފްސީލާއި، ގްރޫޕްތަކަށް ޓީމުތައް ބެހިގެންވާ ގޮތާއި، މުބާރާތާ ގުޅުން ހުރި ޚަބަރުތަކާއި، ރިޕޯޓުތައް އަދި ދެ މުބާރާތުން ވެސް ފާހަގަކޮށްލެވޭ ކުޅުންތެރިންނާ ގުޅުން ހުރި މައުލުމާތުތައް ފެންނަން ހުންނާނެ އެވެ. މީގެ އިތުރުން ދެ މުބާރާތުގައި ވާދަކުރާ ކޮންމެ ޤައުމެއްގެ މައުލޫމާތުތައް ވެސް ހިމަނާފައި ވާނެ އެވެ.

އެގޮތުން މުބާރާތަށް ކޮލިފައިވުމަށް ޓީމުތަކުން ކުޅެފައިވާ ކޮލިފިކޭޝަންގެ ނަތީޖާ އާއި، މުބާރާތަށް ޓީމުތަކުން ވަމުން އައި ތައްޔާރީތަކާއި، ފުޓުބޯޅައާ އެ ޤައުމުތަކާ އޮތް ގުޅުމުގެ އިތުރުން، ބައެއް އެހެނިހެން އާންމު މައުލޫމާތު ވެސް މި ޕޭޖުން ފެންނަން ހުންނާނެ އެވެ.

ވެބްޕޭޖް ރަސްމީކޮށް ލޯންޗުކޮށްދެއްވުމަށް ފަހު ވާހަކަ ދައްކަަވަމުން ގޯލްޑަން ކެޕްޓަން އައްސަދު ވިދާޅުވީ، މިހާރު ރާއްޖޭގައި ކުޅިވަރު އޮތް ހިސާބު އެންމެނަށް ވެސް އިނގޭއިރު، ފުޓުބޯޅައިގެ ޙާލަތު ރާއްޖޭގައި ވަރަށް ދަށްވެފައިވާ ކަމަށެވެ. އެކަހަލަ ވަގުތެއްގައި ޔޫރޯ ފުޓުބޯޅަ މުބާރާތް ކަހަލަ މުބާރާތަކުން އެ ފޯރި ކޮންމެ ވެސް ވަރަކަށް ފެނިގެންދާނެ ކަމަށް ވެސް އައްސަދު ވިދާޅުވި އެވެ.

ފުޓުބޯޅަ އަކީ ކުރީގަ ރާއްޖޭގައި ހަމަ ހުރިހާ އެންމެން ވަގުތު ހުސްކޮށްގެން އެކަމަށްޓަަކައި ދަނޑަށްދާ ނުވަތަ އެ ކުޅި ބަލަންދާ ބައެއް އުޅޭ ތަނެއް. އެހެން ނަމަވެސް މިހާރު މި އޮތީ ވަރަށް އެހެން ކަހަލަ ހިސާބެއްގައި. މި ކަހަލަ މުބާރާތަކުން އެ އަންނަނީ އެ ފޯރި. އެހެންވީމާ ޔޫރޯ މުބާރާތަކީ ރާއްޖޭގެ ކުޅިވަރުގައި އުޅޭ އެންމެނަށް ވެސް އަންނަ އީދެއް.
އައްސަދު ޢަބްދުލް ޣަނީ / 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ރާއްޖެ އިން ކާމިޔާބު ކުރި ޓީމުގެ ކެޕްޓަން

މީގެ އިތުރުން ޤައުމީ ޓީމުގެ ކުރީގެ ކެޕްޓަން އަދި ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ޖެނަރަލް ސެކްރެޓަރީކަން ވެސް ކުރައްވާފައިވާ ސާޔާ ވިދާޅުވީ، 2022 ވަނަ އަހަރު ޤަތަރުގައި އޮތް ފީފާ ވޯލްޑް ކަޕްގެ ކަވަރޭޖުގައި ރާއްޖެ ޓީވީ އާއެކު ކުރި މަސައްކަތަކަށް ބަލާއިރު، ކުރިއަށް އޮތް ޔޫރޯގައި ވެސް ރާއްޖެ ޓީވީން އެންމެ ފަހުގެ މައުލޫމާތުތައް ލިބޭނެ ކަމުގެ ޔަގީންކަން އޮތް ކަމަށެވެ.

އެގޮތުން ރާއްޖެ ޓީވީން ތައްޔާރުކޮށްފައިވާ ޕޭޖަކީ އެންމެ ފަހުގެ މައުލޫމާތު ލިބޭނެ ޕޭޖް ކަމަަށް ސާޔާ ފާހަގަ ކުރެއްވި އެވެ. އެގޮތުން މުބާރާތް ކުޅެވޭ ސްޓޭޑިއަމް ތަކުން ފެށިގެން ގޮސް، ވަކި ވަކި ކުޅުންތެރިންގެ މައުލޫމާތު ވެސް އެ ޕޭޖުން ލިބެން ހުރި ކަމަށް ސާޔާ ވިދާޅުވި އެވެ.

ސްޓޭޑިއަމަކަށް ވިޔަސް، ޓީމެއްގެ އިންޑިވިޖުއަލް ކުޅުންތެރިޔަކަށް ވިޔަސް، މިހެން ގޮސް ހަމަ މުބާރާތެއްގައި ބޭނުންވާނެ ހުރިހާ މައުލޫމާތެއް މި ޕޭޖުން ލިބޭނެ. އެވަރަށް ތައްޔާރުވެފައި މިއޮތީ. އަޅުގަނޑު ވެސް މީގެ ކޮންޓެންޓް ބަލާލާ ހެދި، މި ފުރުސަތު ލިބުމުން. ހަމަ ހަގީގަތުގައި ވެސް ވަރަށް ފުރިހަމަ.
ޝާހު އިސްމާއީލް (ސާޔާ) / އެފްއޭއެމްގެ ކުރީގެ ޖެނަރަލް ސެކްރެޓަރީ

ޔޫރޯ އަދި ކޮޕާ އެމެރިކާ އަށް ޚާއްސަކޮށްގެން ރާއްޖެ ޓީވީން ތައްޔާރު ކޮށްފައިވާ ޕޭޖުގައި މެޗުތަކުގެ އެންމެ ފަހުގެ މައުލޫމާތު ކިޔުންތެރިންނަށް ފެންނާނެހެން، މެޗު ހިނގަމުންދާ ވަގުތު ލައިވް ބްލޮގެއް ވެސް ވަނީ ހިމަނައިފަ އެވެ. ކޮންމެ މެޗެއްގެ މައުލޫމާތު ވެސް އެ ބްލޮގުން ފެންނާނެ އެވެ.

ރާއްޖެ ޓީވީން ވަނީ އެންމެ ފަހުން 2021 ވަނަ އަހަރު އޮތް ޔޫރޯ ފުޓުބޯޅަ މުބާރާތް އަދި 2022 ވަނަ އަހަރު އޮފް ފީފާ ވޯލްޑް ކަޕަށް ޚާއްސަކޮށްގެން ވެސް ޕޭޖު ތައްޔާރުކޮށް، ކިޔުންތެރިންނަށް އެންމެ ފަހުގެ މައުލޫމާތު ގެނެސްދީފަ އެެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
0%
0%
0%
0%
0%
0%
ކޮމެންޓް