ކ. މާލެ
|
8 ނޮވެންބަރ 2022 | އަންގާރަ 09:17
މޯލްޑިވްސް ޕޮލިސް ސަރވިސްގެ ހެޑް ކުއާޓާރ، ޝަހީދު ހުސެއިން އާދަމް ބިލްޑިންގ
މޯލްޑިވްސް ޕޮލިސް ސަރވިސްގެ ހެޑް ކުއާޓާރ، ޝަހީދު ހުސެއިން އާދަމް ބިލްޑިންގ
ރާއްޖެއެމްވީ
ފޭކް ސްލިޕް ބޭނުންކުރުން
ފޭކް ސްލިޕް ބޭނުންކޮށްގެން މަކަރާއި ހީލަތުން 170,000 ރުފިޔާގެ ވިޔަފާރި ކުރި މީހަކު ހައްޔަރުކޮށްފި
ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ 30 އަހަރުގެ ދިވެހި ފިރިހެނެއް
އެކި ދުވަސްމަތިން އެ ފިހާރައިން އޭނާ 170,000 އަށްވުރެ ގިނަ ރުފިޔާގެ ވިޔަފާރި ކޮށްފައިވޭ

ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް ފައިސާ ޖަމާކޮށްފައިވާކަމުގެ ސައްހަ ނޫން ސްލިޕްތަކެއް ބޭނުންކޮށްގެން ޅ. ހިންނަވަރު ފިހާރައަކުން މަކަރާއި ހީލަތުން ވިޔަފާރިކުރަމުންދިޔަ މީހަކު ހައްޔަރުކޮށްފިއެވެ.

ސައްހަ ނޫން ސްލިޕް ފޮނުވައިގެން އެ ފިހާރައިން އެކި ދުވަސްމަތިން މުދާ ގަނެފައިވާ ކަމަށް ހުށަހަޅާފައިވާ މައްސަލައާ ގުޅިގެން ނޮވެމްބަރު 1 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ 30 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ސައްހަ ނޫން ސްލިޕް ބޭނުންކޮށްގެން އެކި ދުވަސްމަތިން އެ ފިހާރައިން އޭނާ 170,000 އަށްވުރެ ގިނަ ރުފިޔާގެ ވިޔަފާރި ކޮށްފައިވެއެވެ. އޭނާއަކީ މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ ގިނަ މައްސަލަތަކެއްގައި ޝާމިލުވެ ފުޅާ ދާއިރާއެއްްގައި މިކަން ކުރަމުންދާ މީހެއްކަން ތަހުގީގުގައި މިހާތަނަށް ބެލިބެލުމުން އެނގިފައިވެއެވެ.

މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތު ދީފައިވެއެވެ.

މި މައްސަލަ ފުލުހުންދަނީ ތަހުގީގު ކުރަމުންނެވެ.

ފަހަކަށް އައިސް މާލޭގެ ފިހާރަތަކުން މުދާ ގަތުމަށްފަހު ސައްހަނޫން ޓްރާންސްފަރ ސްލިޕް ހަދައި ވައިބަރކޮށް އޮޅުވާލައި މަކަރާއި ހީލަތުން މުދާ ހޯދަމުންދާ މައްސަލަތައް ފެންމަތިވަމުން އަންނަކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ، މިފަދަ ފަރާތްތަކުން އެޑިޓްކޮށް، އެ ސްލިޕްގެ ތާރިހާއި ވަގުތާ އަދި ގަންނަން ބޭނުންވާ އެއްޗަކަށް އަރާ އަގު ބަދަލުކޮށް އެޑިޓް ކޮށްގެން ބޭނުން ކުރަމުން އަންނަކަމަށެވެ. އެފަދަ ކަންކަމަށް ސަމާލުވުމަށް ފުލުހުން އިލްތިމާސް ކުރެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް