ސްޕެނިޝް ލީގުގައި ރަޔޯ ވަޔެކާނޯއާ ދެކޮޅަށް ކުޅުނު މެޗުން ޗެމްޕިއަން ރެއާލް މެޑްރިޑް ބަލިވެއްޖެއެވެ.
ހޯމަ ދުވަހުގެ ރޭ ވަޔެކާނޯގެ ދަނޑުގައި އެ ޓީމާ ދެކޮޅަށް ނުކުތްއިރު ރެއާލް އޮތީ ތާވަލްގެ ދެ ވަނަ މަގާމުގައެވެ. އެއީ އެއް ވަނައިގައި އޮތް ބާސެލޯނާ އަށްވުރެ އެއް މެޗު މަދުން ކުޅެގެންނެވެ. އެހެންކަމުން ވަޔެކާނޯ ބަލިކޮށް އަލުން އެއް ވަނަ އަށް އެރުމުގެ ފުރުސަތު ރެއާލަށް އޮތެވެ. މެޗުގައި ރެއާލުން ލީޑު ނަގާފައި ވަނިކޮށް ވަޔެކާނޯ އިން ވަނީ ފަހަތުން އަރައި ދެ ލަނޑު ޖަހައިގެން ރެއާލް ބަލިކޮށްފައެވެ. މެޗު ވަޔެކާނޯ އިން ކާމިޔާބުކުރީ 2-3 އިންނެވެ.
މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ވަޔެކާނޯ އިންނެވެ. މެޗުގެ ފަސް ވަނަ މިނެޓުގައި އެ ޓީމަށް ލީޑު ނަގައިދިނީ ސަންޓީ ކޮމެސާނާއެވެ. އޭގެ ފަހުން މެޗުގެ 37 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ރެއާލަށް ނަތީޖާ ހަމަހަމަކޮށްދިނީ ލޫކާ މޮޑްރިޗްއެވެ. އޭގެ ހަތަރު މިނެޓު ފަހުން މާކޯ އަސެންސިއޯގެ އެހީތެރިކަމާ އެކު ރެއާލަށް ލީޑު ނަގައިދިނީ އެޑާ މިލިޓާއޯއެވެ. ނަމަވެސް ފުރަތަމަ ހާފު ނިމެން މިނެޓަކަށްވެފައި ވަނިކޮށް ވަޔެކާނޯގެ އަލްވާރޯ ގާސިއާ ވަނީ ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ. މެޗުން ވަޔެކާނޯ މޮޅުކޮށްދިނީ އޮސްކާ ޓްރެހޯއެވެ. އެއީ މެޗުގެ 67 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުންނެވެ.
މިއީ މި ސީޒަންގެ ސްޕެނިޝް ލީގުގައި ރެއާލް ބަލިވި ފުރަތަމަ މެޗެވެ. ލީގުގައި ކުޅުނު 13 މެޗުން އެ ޓީމު ވަނީ 10 މެޗުން މޮޅުވެ އެއް މެޗުން ބަލިވެފައެވެ. ދެ މެޗު ވަނީ އެއްވަރުވެފައެވެ.
ލީގުގައި 13 މެޗުން ލިބުނު 32 ޕޮއިންޓާ އެކު ރެއާލް އޮތީ ދެ ވަނަ މަގާމުގައެވެ. ހަމަ އެ އަދަދަށް މެޗު ކުޅެގެން އެއް ވަނައިގައި އޮތް ވާދަވެރި ބާސެލޯނާ އަށް ލިބެނީ 34 ޕޮއިންޓެވެ. ރެއާލް އަތުން މޮޅުވި ވަޔެކާނޯ އޮތީ 21 ޕޮއިންޓާ އެކު އަށް ވަނަ މަގާމުގައެވެ.