ކ. މާލެ
|
1 ނޮވެންބަރ 2022 | އަންގާރަ 18:30
އެމްޓީސީސީ ޓަވަރ
އެމްޓީސީސީ ޓަވަރ
ކޯޕަރޭޓް މޯލްޑިވްސް
އެމްޓީސީސީގެ ކުއާޓަރލީ ރިޕޯޓް
ތިންވަނަ ކުއާޓަރގައި އެމްޓީސީސީއަށް 40.5 މިލިއަން ރުފިޔާގެ ފައިދާ
ތިންވަނަ ކުއާޓާގައި އާމްދަނީގެ ގޮތުގައި ކުންފުންޏަށް ލިބުނީ 593،407،169 ރުފިޔާ

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އަށް މިއަހަރުގެ ތިންވަނަ ކުއާޓާރގައި ސާފު ފައިދާގެ ގޮތުގައި 40.5 މިލިއަން ރުފިޔާ ލިބިއްޖެއެވެ.

އެ ކުންުފނިން އާއްމުކޮށްފައިވާ ކުއާޓަރލީ ރިޕޯޓުން ދައްކާ ގޮތުގައި މިއަހަރުގެ ތިންވަނަ ކުއާޓަރގައި އާމްދަނީގެ ގޮތުގައި ކުންފުންޏަށް ލިބުނީ 593،407،169 (ފައްސަތޭކަ ނުވަދިހަ ތިން މިލިއަން ހަތަރު ލައްކަ ހަތް ހާސް، ސަތޭކަ ފަސްދޮޅަސް ނުވަ) ރުފިޔާއެވެ. މިއީ އަހަރުގެ ފުރަތަމަ ދެ ކުއާޓަރާ އަޅާ ބަލާއިރު އިތުރު އަދަދެކެވެ.

މިއަހަރުގެ ފުރަތަމަ ކުއާޓަރގައި އެމްޓީސީސީއަށް އާމްދަނީގެ ގޮތުގައި 550،491،636 (ފައްސަތޭކަ ފަންސާސް މިލިއަން ހަތަރު ލައްކަ ނުވަދިހަ އެއްހާސް ހަސަތޭކަ ތިރީސް ހަ) ރުފިޔާ ލިބުނުއިރު ދެވަނަ ކުއާޓަރގައި ލިބުނީ 593،106،158 (ފައްސަތޭކަ ނުވަދިހަ ތިން މިލިއަން އެއް ލައްކަ ހަ ހާސް ސަތޭކަ ފަންސާސް އަށް) ރުފިޔާއެވެ.

ރިޕޯޓުތައް ދައްކާ ގޮތުގައި މިއަހަރުގެ ތިން ވަނަ ކުއާޓަރގައި ލިބުނު އާމްދަނީ އިތުރުވި ނަމަވެސް ފައިދާ ވަނީ އެހެން ކުއާޓަރތަކާ އަޅާ ބަލާއިރު ދަށްވެފައެވެ. އެގޮތުން، ޓެކްސްއަށް ކެނޑުމުގެ ކުރިން ފުރަތަމަ ކުއާޓަރގައި 75.3 މިލިއަން ރުފިޔާ އަދި ދެވަނަ ކުއާޓަރގައި 77.78 މިލިއަން ރުފިޔާ ލިބުނުއިރު ތިންވަނަ ކުއާޓަރގައި ލިބުނީ 47.7 މިލިއަން ރުފިޔާއެވެ.

ޓެކްސްއަށް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި މިއަހަރުގެ ތިންވަނަ ކުއާޓަރގައި އެމްޓީސީސީއަށް ލިބިފައިވަނީ 40.5 މިލިއަން ރުފިޔާއެވެ. ފުރަތަމަ ކުއާޓަރގައި 64 މިލިއަން ރުފިޔާ ލިބުނުއިރު ދެވަނަ ކުއާޓަރގައި ލިބުނީ 66.1 މިލިއަން ރުފިޔާއެވެ.

އެމްޓީސީސީއަށް ލިބުނު ފައިދާ ތިންވަނަ ކުއާޓަރގައި ދަށްވެފައިވަނީ އެ ކުންފުނީގެ ޚަރަދުތައް ފުރަތަމަ ދެ ކުއާޓަރާ އަޅާ ބަލާއިރު އިތުރުވެފައިވާތީއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް