ކ. މާލެ
|
1 މެއި 2024 | ބުދަ 13:33
އެމްޓީސީސީ ޓަވަރ
އެމްޓީސީސީ ޓަވަރ
ރާއްޖެއެމްވީ
އެމްޓީސީސީގެ ފައިދާ
އެމްޓީސީސީގެ މި އަހަރުގެ ފުރަތަމަ ކުއާޓަރގެ އާމްދަނީގެ ގޮތުގައި 644.44 މިލިއަން ރުފިޔާ
އެހެނިހެން ވިޔަފާރި ދާއިރާތަކަށް އަމާޒުކޮށް ތަފާތު އެކި މޭކެޓިންގ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައިވޭ
އެކި މަރުހަލާގައި ޖުމްލަ 196 މަޝްރޫއެއްގެ މަސައްކަތް ދަނީ ކުރަމުން
ފުރަތަމަ ކުއާޓަރގައި އުމްރާނީ ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ހިންގިފައިވޭ

މޯލްޑިވްސް ޓްރާންސްޕޯޓު އެންޑް ކޮންޓްރެކްޓިންގ ކޮންޕެނީ (އެމްޓީސީސީ)ގެ މި އަހަރުގެ ފުރަތަމަ ކުއާޓަރގެ އާމްދަނީގެ ގޮތުގައި 644.44 މިލިއަން ރުފިޔާ ލިބިއްޖެއެވެ.

އެމްޓީސީސީގެ 2024 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރގެ މާލީ ނަތީޖާ ވަނީ ވެބްސައިޓުގައި އާއްމުކޮށްފައެވެ. ކުންފުނީގެ 2024 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރގެ މާލީ ނަތީޖާ ދައްކާގޮތުން ހިންގުމުގެ ފައިދާގެ ގޮތުގައި 41.77 މިލިއަން ރުފިޔާ ވަނީ އެކުންފުންޏަށް ވަނީ ލިބިފައެވެ.

ކުންފުނީގެ 2024 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރގެ މާލީ ނަތީޖާގެ ތަފްސީލަށް ބަލާއިރު، ފުރަތަމަ ކުއާޓަރގައި ޖުމްލަ 664.44 މިލިއަން ރުފިޔާގެ (2023 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރ 749.15 މިލިއަން ރުފިޔާ) ވިޔަފާރި ކޮށްގެން 41.77 މިލިއަން ރުފިޔާ ހިންގުމުގެ ފައިދާގެ ގޮތުގައި (2023 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރ 92.87 މިލިއަން ރުފިޔާ) ވަނީ ރިކޯޑް ކުރެވިފައެވެ.

ނަމަވެސް ދުނިޔޭގެ ބާޒާރުގައި ތަކެތި އަގު އަދި ޚާއްސަކޮށް ތެލުގެ އަގު އުފުލުމުގެ ސަބަބުންނާއި ބޭރުފައިސާ ހޯދުމަށް ކުންފުނިން ކުރަންޖެހުނު ހަރަދު އިތުރު ކުރުމާއި ގުޅިގެން ކުންފުނީގެ ސަޕްލައިޗޭނަށް ދިމާވި ނޭދެވޭ އަސަރުގެ ސަބަބުން 2024 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރގައި ޓެކުހަށް ކެނޑުމުގެ ކުރިން ލިބުނު ފައިދާގެ ގޮތުގައި ވަނީ 6.17 މިލިއަން ރުފިޔާ ރިކޯޑު ކުރެވިފައެވެ. މިއަދަދަކީ މި މުއްދަތުގައި ލިބޭނެ ކަމަށް ކުރިން އަންދާޒާކުރި ސާފު ފައިދާއަށް ވުރެން ދަށް އަދަދެއް ކަމުގައި ވީނަމަވެސް ހާލަތަށް ބަލައި ކުންފުނީގެ މެނޭޖްމަންޓުން އެޅި ފިޔަވަޅުތަކުގެ ސަބަބުން ހާސިލު ކުރެވުނު ކުރިއެރުމެއް ކަމަށް އެމްޓީސީސީން ބުނެއެވެ.

އެމްޓީސީސީން ބުނީ 2024 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރގައި ކުންފުނިން ހާސިލްކޮށްފައިވާ ލަނޑުދަނޑިތަކަށް ބަލާއިރު، ރާއްޖޭގެ އުމްރާނީ ތަރައްގީގެ ބައިވެރިއެއްގެ ގޮތުން ފުރަތަމަ ކުއާޓަރގައި އުމްރާނީ ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ކާމިޔާބުކަމާއެކު ހިންގިފައިވާ ކަމަށެވެ.

އެގޮތުން އެކި މަރުހަލާގައި ޖުމްލަ 196 މަޝްރޫއެއްގެ މަސައްކަތް ކުރަމުންދާ ކަމަށް އެމްޓީސީސީން ބުނެއެވެ. އަދި މިކުއާޓަރގެ ތެރޭގައި 03 މަޝްރޫއެއްގެ މަސައްކަތް ނިންމާލާފައިވާއިރު، 8 މަޝްރޫއެއްގެ އަމަލީ މަސައްކަތް މިކުއާޓަރގައި ފެށިފައިވާ ކަމަށް އެކުންފުނިން ބުނެއެވެ. އަދި އައު 6 މަޝްރޫއެއްގެ މަސައްކަތް އެމްޓީސީސީއާ ވަނީ ހަވާލުކޮށްފައެވެ.

މީގެ އިތުރުން އެމްޓީސީސީން ބުނީ ކުންފުނީގެ އާއްމު ވިޔަފާރި ދާއިރާއާއި ކުންފުނީގެ އެހެނިހެން ވިޔަފާރި ދާއިރާތަކަށް އަމާޒުކޮށް ތަފާތު އެކި މޭކެޓިންގ ހަރަކާތްތަކެއް މިކުއާޓާރ ތެރޭގައި ހިންގާފައިވާ ކަމަށެވެ. އަދި ކުންފުނީގެ މަޝްރޫއުތައް ހިންގަމުންދާ ރަށްރަށަށް ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދީ ގިނަ މަސައްކަތްތަކެއް ކޮށްދީފައިވާ ކަމަށެވެ. ކުންފުނީގެ އެކި ވިޔަފާރިތައް އިތުރަށް ފުޅާކޮށް ހަރުދަނާ ކުރުމަށް އަޅަންޖެހޭ އެންމެހާ ފިޔަވަޅުތަކާއި އިސްތިރާޖީ ޕްލޭންތައް އެކުލަވާލާ ހާލަތު ބަދަލުވަމުންދާ މިންވަރަށް ރިޔާއަތްކޮށް މުރާޖައުކުރަމުންދާ ކަމަށް އެމްޓީސީސީން ބުނެއެވެ.

އެމްޓީސީސީން ބުނީ ވިޔަފާރިތަކަށް ގެންނަންޖެހޭ ބަދަލުތައް ދިރާސާކޮށް ވިޔަފާރި ކުރިއަރުވާ ކުންފުނީގެ މަގުސަދުތައް ހާސިލްކުރުމަށް މިވަގުތު އަޅަންޖެހޭ މުހިންމު ފިޔަވަޅުތައް ދެނެގަނެ މި ފިޔަވަޅުތަށް ތަންފީޒު ކުރަމުންދާ ކަމަށެވެ. އިޖާދީ ތަރައްގީއަށް ހިތްވަރު ދިނުމާއި ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް ކުންފުނީގެ ކަންކަން އިސްލާހު ކުރުމުގައި މެދުނުކެނޑި މަސައްކަތް ކުރާނެ ކަމަށާއި، އެންމަހައި ވިޔަފާރިތައް ކުރިއަރުވާ ކުންފުނީގެ ހިއްސާދާކުރުންނާއި މުޖުތަމައުއަށް ނަފާ ލިބޭގޮތަށް މަސައްކަތްތައް ރާވާ އިންތިޒާމްކުރަމުން ގެންދާނެ ކަމުގެ ޔަގީންކަންދޭ ކަމަށް އެމްޓީސީސީން ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް