ކ. މާލެ
|
14 އޯގަސްޓް 2024 | ބުދަ 20:56
ރައްޔިތުންގެ އިތުބާރާ އެކު ކުރިން ހިނގަމުން އައި އެމްޓީސީސީ ކުރިމަގު މިހާރު މިއޮތީ ސުވާލު މާކެއްގެ ތެރޭގަ
ރައްޔިތުންގެ އިތުބާރާ އެކު ކުރިން ހިނގަމުން އައި އެމްޓީސީސީ ކުރިމަގު މިހާރު މިއޮތީ ސުވާލު މާކެއްގެ ތެރޭގަ
ރާއްޖެއެމްވީ
އެމްޓީސީސީގެ ހިންގުން
"ރައްޔިތުންގެ ކުންފުނި" އެމްޓީސީސީ ގެނބެނީ! މިވީ ކިހިނެއް؟
ޑރ މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެން މިވީ އަށެއްކަ މަސް ދުވަހުގެ ކުންފުނީގެ ރެކޯޑްތަކަށް ބަލާލުމުން ކުރިން ކުންފުނިން ދެއްކި އުއްމީދި މަންޒަރުތައް މާޔޫސް ކަމަށް ބަދަލުވެ، ނާ އުއްމީދީ ކުންފުންޏެއްގެ ގޮތުގައި ފެންނަން ފަށައިފިއެވެ. މިއީ ޝައްކެއްވެސް ނެތް ގޮތުގައި އެތައް ބައެއްގެ ހައްގުތަކާއި ހިއްސާ އޮތް ރައްޔިތުންގެ ކުންފުންޏާ މެދު ކަންބޮޑުވުން އުފެދޭނެ ކަމެކެވެ.
ޚަބަރުގެ އޯޑިއޯ

ނިމިދިޔަ ސަރުކާރުން، މިހާރުގެ ބަހުރުވައިން ނަމަ، "ކުރީ ސަރުކާރުން" އެންމެ ރަނގަޅަށް، ހަރުދަނާކޮށް ހިންގި އެއް ކުންފުންޏަކީ އެމްޓީސީސީ އެވެ. އެއީ ވިދިވިދިގެން 3 އަހަރު، ކޮންމެ އަހަރަކު 200 މިލިއަން ރުފިޔާގެ ފައިދާ ރިޕޯޓް ކުރަމުން އައި ކުންފުންޏެކެވެ. ރައްޔިތުން އަދި ހިއްސާދާރުންގެ އިތުބާރު ލިބިފައިވާ ހަގީގީ ރައްޔިތުންގެ ކުންފުޏަކަށް ކުރީ ސަރުކާރު ނިމުނު އިރު އެމްޓީސީސީ ވަނީ ބަދަލު ކޮށްލާފަ އެވެ. އެހެން ނަމަވެސް ސަރުކާރު ބަދަލުވެ، އެ ބަދަލާ އެކު އައި އެހެން ބަދަލުތަކާއެކު މިހާރު އެމްޓީސީސީ ވެސް ބަދަލުވެއްޖެއެވެ. އެހެން ނަމަވެސް އެ ބަދަލު މިވީ މުޅިން ހެޔޮ ބަދަލަކަށް ނޫނެވެ.

ފައިދާ ބޮޑު ކުންފުންޏަކުން ގެއްލުން ބޮޑު ކުންފުންޏަކަށް

އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެ ކުންފުންޏަށް ހިންގުމުގެ ފައިދާގެ ގޮތުގައި 41.77 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އެމްޓީސީސީ އިން ރިޕޯޓް ކޮށްފައިވެއެވެ. އެހެން ނަމަވެސް އެއީ މިދިޔަ އަހަރުގެ މި މުއްދަތުގައި އެ ކުންފުންޏަށް ހިންގުމުގެ ފައިދާގެ ގޮތުގައި ލިބުނު 56.48 މިލިއަން ރުފިޔާ އަށް ވުރެ 14.71 މިލިއަން ރުފިޔާ މަދު އަދަދެއް ކަން ފާހަގަ ކުރެވެއެވެ. ފައިދާ ދަށްވި ސަބަބެއް ކަމަށް ބުނެފައިވަނީ ތެޔޮ އަގުބޮޑުވުމާއި ޑޮލަރު ގަންނަން ހޭދަ ކުރަން ޖެހޭ ފައިސާ ގިނަވުމުން ކަމުގައެވެ.

ކުންފުންޏަށް ވަމުންދާ ގޮތް ފެންނަނީ ފުރަތަމަ ކުއާޓަރ ދޫކޮށް އަހަރުގެ ފުރަތަމަ ހަމަސް ދުވަހުގެ ހިސާބުތަކަށް ބަލާލުމުންނެވެ. 2023 ވަނަ އަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ފައިދާ ގޮތުގައި 100 މިލިއަން ރުފިޔާ ރިޕޯޓް ކުރި އެމްޓީސީސީ ވަނީ 2024 ވަނަ އަހަރު ގެ މި މުއްދަތުގައި، 50 މިލިއަން ރުފިޔާގެ ގެއްލުން ލިބިފައިވާ ކަން ރިޕޯޓް ކޮށްފައެވެ.

ހިންގުމުގެ ހަރަދު ބޮޑު، މަތިވެސް ބަރު

ސަރުކާރު ބަދަލުވުމާއެކު ކުންފުނިތަކަށް ވެސް ވަރަށް ބޮޑަށް ސިޔާސީ އޮއިވަރު ވަދެ "ސިޔާސީ މަގާމު" ތަކަށް ގިނަ އަދަދެއްގެ މީހުން ލަމުން ދިޔަ ވާހަކަ އަކީ ފެންނަން އޮތް ހަގީގަތެކެވެ. ޚާއްސަ ކޮށް އެންމެ ފަހުން އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް "ބަންޑާރަ ކަފަ އަމިއްލަ ބާލީހަށް ލާ" އުސޫލުން ކުންފުނިތަކަށް ވޯޓު ހޯދުމުގެ ބޭނުމުގައި މީހުން ވައްދަމުން ގެންދިޔައެވެ. އެމްޓީސީސީ އަކީ ކުރިން މެރިޓް އުސޫލުން މީހުން ރެކްރޫޓް ކުރަމުން ދިޔަ ކުންފުންޏެއް ކަމަށް ވީނަމަވެސް މުއިއްޒުގެ ސަރުކާރުން އެންމެ ކުޑަ މިނުން ކުށުގެ ރެކޯޑަކަށް ރިޓަޔަރމަންޓް އުމުރުކަށް ވެސް ބެލުމެއް ނެތި ކުންފުނިތަކަށް މީހުން ލީ ގޮތައް އެމްޓީސީސީގެ ވަޒީފާ ތަކަށް ވެސް މީހުން ލަމުން ގެންދިޔައެވެ.

އޭގެ ނަތީޖާއެއްގެ ގޮތުން ހިންގުމުގެ ޚަރަދު ބޮޑުވެ، އެކަން އެމްޓީސީސީ އިން ރިޕޯޓް ކޮށްފައިވާ ކުއަރޓާލީ ރިޕޯރޓް 2023 އަދި 2024 އަޅާކިޔާލުމުން އެނގެ އެވެ.

ޖުމްލަ އާމްދަނީ 21 އިންސައްތަ ދަށްވެފައި ވާއިރު، ކުންފުނި ހިންގުމުގެ ހަރަދު 5 އިންސައްތަ އިތުރުވެފައި ވާކަން ފާހަގަ ކުރެވެއެވެ. އެމްޓީސީސީ އަކީ ކޮންޓްރެކްޓިންގ ކުންފުންޏެކެވެ. މައިގަނޑު ވިޔަފާރި އަކީ ޕްރޮޖެކްޓް ހިންގުމެވެ. އެހެން ކަމުން، ކުންފުނީގެ އާންމްދަނީ ދައްވާއިރު، އުސޫލެއްގެ ގޮތުން، ހިންގުމުގެ ހަރަދުވެސް އެއް މިންގަނޑަކުން ނޫން ނަމަވެސް ދަށް ނުކޮށް ހިންގަން އުޅޭނަމަ ދަރަނި ބޮޑުވުން ނޫން ކަމެއް ނުވާނެކަން އެނގެއެވެ. އެހެން ކަމުން ކުންފުނީގެ ދުޅަހެޔޮކަން ދެމެހެއްޓުމަށް ވުރެ އިސްކަން ދެވިފައި އޮތްތަން ފެންނަނީ ސިޔާސީ މަގްސަދު ހާސިލް ކުރުން ކަން އޮތީ ފެންނާށެވެ.

އެމްޓީސީސީ އިން ރިޕޯޓް ކޮށްފައިވާ މާލީ ހިސާބުތަކަށް ބެލުމުން 2024 ވަނަ އަހަރު ކުންފުންޏަށް ގިނަ އަދަދަކަށް "ސިޔާސީ މުވައްޒަފުން" ނަގާފައި ވާކަން ސާފުކޮށް ފެންނާން އެބައޮތެވެ. މިގޮތުން މިއަހަރު މިހާތަނަށް 217 މުވައްޒަފުން އިތުރު ވެފައި ވާކަން ފާހަގަ ކުރެވެ އެވެ.

މީގެ އިތުރުން ކުންފުނީގެ އޮނިގަނޑަށް ބޮޑެތި ބަދަލުތައް ގެނެސް، ރަނގަޅަށް ހިނގަމުން އައި ކުންފުންޏެއް މިސްމެނޭޖް ވެފައި ވާކަންވެސް ފާހަގަކުރެވެއެވެ. މި ގޮތުން މަތިފަޑީގެ އިތުރު ފަށަލައެއް އުފައްދައި، ޗީފުންގެ ލެވެލް ގެ ބޮޑެތި މުސާރަ ލިބޭ ގޮތައް 13 ވަޒީފާ އުފައްދާފައިވާކަން ފާހަގަ ކުރެވެވެއެވެ. އަދި ޖެނެރަލް މެނޭޖަރުންގެ ގޮތުގައި 15 މީހުން އެބަތިއްބެއެވެ. މުއިއްޒުގެ ސަރުކާރުން އެމްޓީސީސީގެ އޮނިގަނޑަށް ގެނައި ބަދަލުގައި ޖުމްލަ 28 މީހުން ޓޮޕް މެނޭޖްމެންޓްގައި އެބަތިއްބެވެ. އެމްޓީސީސީ އެންމެ ރަނގަޅަށް ޕާރފޯމް ކުރިއިރުގެ އޮނިގަނޑަށް ބަލާއިރު އޭރު ޓޮޕް މެނޭޖްމަންޓްގައި ތިބީ 18 މީހުންނެވެ. އެހެން ކަމުން އާމްދަނީ ދަށްވެ، ފައިދާ ކުޑަވެގެން ދިޔައިރު، މަތިބަރުވެ، ހިންގުމުގެ ޚަރަދު ބޮޑު ކުންފުންޏަކަށް މި އޮތީ ބަދަލުވެފައެވެ.

މިސްރާބު ގެއްލި ދުވެލި ހުއްޓިފައި

2024 ވަނަ އަހަރުގެ ދެ ވަނަ ކުއަރޓާލީ ރިޕޯޓް ދިރާސާ ކުރުމުން ފެންނީ އެމްޓީސީސީ ގެނބި އަޑިޔަށް ދާ މަންޒަރެވެ. ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އެންމެ ދުޅަހެޔޮ ކަމަށް ފެނުނު އެއް ކުންފުނީގެ ޙާލަތު އަށެއްކަ މަސްދުވަސް ތެރޭގައި ނިކަމެތި ވެގެން ދިޔަ މިންވަރު ޚުދު އެކުންފުނިން އާންމު ކުރާ ރިޕޯޓްތަކުން އޮތީ ފެންނާށެވެ. ކުރީ ސަރުކާރުން ކޮންމެ 11 ދުވަހަކުން މަޝްރޫއެއް ނިންމާ ރޭޓުގައި އޭރު ދިޔައީ ކުންފުނި ޕާފޯމް ކުރަމުންނެވެ. ދިވެހި ރައްޔިތުންނަށް ސާފުކޮށް އެނގޭ މިންވަރަށް އެމްޓީސީސީ އިން އޭރު ދައްކަމުން ގެންދިޔައީ އަވަސް ސްޕީޑްގައި ރަނގަޅު ކޮލިޓީގައި އިތުބާރާއެކު "ރައްޔިތުންގެ ކުންފުނި" ހިނގާނެ ކަމެވެ. އެ ރެޕިއުޓޭޝަން އާއެކު އައު ސަރުކާރާ ހަވާލު ކުރި އެކުންފުންޏަށް ނިމިދިޔަ ކުއަރޓަރ ގައި ނިންމުނު ކަމަށް ރިޕޯޓް ކޮށްފައި ވަނީ އެންމެ 4 ޕްރޮޖެކްޓެވެ. ޕްރޮޖެކްޓްތައް ނުނިމި ދިގުލައި ދިއުމަކީ ޕްރޮޖެކްޓް ހިންގާ ފަރާތައް އޭގެ އަގު އަދާކުރަން ޖެހޭ ކަމަކަށް ވާއިރު އެއީ ޔަގީނުންވެސް މިހާރު މަތި ބަރު ދުވެލި މަޑު އެމްޓީސީސީ އަށް އުފުލަން ޖެހޭނެ އިތުރު ތަކުލީފެކެވެ.

މަޝްރޫއުތައް ހުއްޓާލަން އެންގުން

އެމްޓީސީސީ ގެ އާމްދަނީގެ މައިގަނޑު ރޮނގަކީ ސަރުކާރުގެ މަޝްރޫއުތައް ހިންގުން ކަމަށްވާއިރު، ސަރުކާރުގެ މަޝްރޫއުތައް ޕައިޕްލައިންގައި ނެތް ނަމަ ކުންފުނީގެ ކައިރި ކުރިމަގު އުޖާލާވާނެ ގޮތެއް ނޯންނާނެއެވެ.

ސަރުކާރު ބަދަލުވި އިރު އެކި ރަށްރަށުގައި ހިނގަމުން ދިޔަ މަޝްރޫއުތައް މަޑު ޖެހި ބައެއް މަޝްރޫއުތައް މުޅިން ހުއްޓި އަނެއް ބައި މަޝްރޫއުތަކަށް ވާނުވާ އެއް ނޭގިގެން ދިޔަތަން ފެނުނެވެ. މަޝްރޫއުތައް ހިންގުމަށް ރަށްރަށުގައި ގާއިމް ކުރި ޕްރޮޖެކްޓް ސައިޓްތައް ދިޔައީ ވަޅު ޖަހަމުންނެވެ. މެޝީނަރީތައް ހުއްޓި، މުވައްޒަފުންގެ ކެއުން ބުއިމަށް ދަންދެން ދަށަށް ދިޔަކަން ވަނީ ފާހަގަ ކުރެވިފައެވެ. މިކަންކަން މިހެން އޮއްވާ ސަރުކާރުން ވަނީ ޖުލައި މަސް ނިމެން ދަނިކޮށް އެމްޓީސީސީ އާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ ގިނަ މަޝްރޫއުތައް މަޑުޖައްސާލަން އަންގާފައެވެ.

ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނެފައިވަނީ މަޝްރޫއުތައް މަޑުޖައްސާލަނީ ރާއްޖެއަށް ދިމާވާ މާލީ ތާށިކަން ބޮޑުވެ މަޝްރޫއުތައް ރީ-ޕްރިއޮރަޓައިޒް ކުރުމަށް ކަމަށެވެ. މިގޮތުން 60 މަޝްރޫއެއް މަޑުޖައްސާލަން އެންގި އިރު އޭގެ ތެރޭގައި ހިނގަހިނގާ ހުރި 17 މަޝްރޫއުވެސް ހިމެނެއެވެ.

ކުރިމަގު ސުވާލު މާކެއްގައި

ސަރުކާރު ބަދަލުވިއިރު ކުންފުނިން ކުރިން ފުރިހަމަ ކޮށްފައިވާ މަސައްކަތްތަކަށް ލިބެންޖެހޭ 1.7 ބިލިއަން ރުފިޔާ ނުލިބި އޮތްކަމަށް އައު މެނޭޖްމަންޓުން ބުނެފައިވެއެވެ. އެހެން ކަމުން ފެށިއިރުވެސް ގިނަ އަދަދެއްގެ ފައިސާ އާމްދަނީގެ ގޮތުގައި އޮތީ ކުންފުންޏަށް ލިބޭށެވެ.

އެހެން ނަމަވެސް ނަތީޖާ ފެނުނީ ހިންގުން ދަށްވެ، ކުންފުނީގެ ޕާފޯމަންސް ދަށަށް ދިޔަތަނެވެ. ޑރ މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެން މިވީ އަށެއްކަ މަސް ދުވަހުގެ ކުންފުނީގެ ރެކޯޑްތަކަށް ބަލާލުމުން ކުރިން ކުންފުނިން ދެއްކި އުއްމީދީ މަންޒަރުތައް މާޔޫސް ކަމަށް ބަދަލުވެ، ނާ އުއްމީދީ ކުންފުންޏެއްގެ ގޮތުގައި ފެންނަން ފަށައިފިއެވެ. މިއީ ޝައްކެއްވެސް ނެތް ގޮތުގައި އެތައް ބައެއްގެ ހައްގުތަކާއި ހިއްސާ އޮތް ރައްޔިތުންގެ ކުންފުންޏާ މެދު ކަންބޮޑުވުން އުފެދޭނެ ކަމެކެވެ. ރައްޔިތުންގެ އިތުބާރާ އެކު ކުރިން ހިނގަމުން އައި ކުންފުނީގެ ކުރިމަގު މިހާރު މިއޮތީ ސުވާލު މާކެއްގެ ތެރޭގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް
14 އޯގަސްޓް 2024 | ބުދަ 21:04
ޙަސަން
ކަލޯގަޔާ އެމް އޭ ސީއެލް ވެސް ތިޙާލަތަށް މިސަރުކާރުން ވައްޓާލާފި