Advertisement
ކ. މާލެ
|
28 އޮކްޓޯބަރ 2022 | ހުކުރު 15:19
ގަލޮޅު ސަހަރާ ކައިރިއަށް އަބްދުﷲ ރަޝީދުގެ އާއިލާގެ މީހުން އެއްވެފައި
ގަލޮޅު ސަހަރާ ކައިރިއަށް އަބްދުﷲ ރަޝީދުގެ އާއިލާގެ މީހުން އެއްވެފައި
ރާއްޖެއެމްވީ
އަބްދުﷲ ރަޝީދުގެ މަރުގެ މައްސަލަ
ޢަބްދުﷲ ރަޝީދު މަރުވި ޙާދިސާގައި ކަންހިނގައި ދިޔަ ގޮތް އިންސާފުވެރިކަމާއެކު ތަހުޤީޤު ކުރުމަށް ރައީސް އެދިވަޑައިގެންފި
މައްސަލައިގައި ކަން ހިނގަމުންދާ ގޮތް ރައީސުލްޖުމްހޫރިއްޔާ ގާތުން ބައްލަވަމުން ގެންދަވާ

ފުލުހުންގެ ހައްޔަރުގައި ހުއްޓާ މަރުވި ޢަބްދުﷲ ރަޝީދު މަރުވި ޙާދިސާގައި ކަންހިނގައި ދިޔަ ގޮތް އިންސާފުވެރިކަމާއެކު، ރަނގަޅަށް ތަހުގީގުކުރުމަށް އިރުޝާދު ދެއްވައި، ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުﷲއާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވާހަކަފުޅު ދައްކަވައިފިއެވެ.

މިކަމާއި ގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ މި މައްސަލައިގައި ކަން ހިނގަމުންދާ ގޮތް ރައީސުލްޖުމްހޫރިއްޔާ ގާތުން ބައްލަވަމުން ގެންދަވާ ކަމަށެވެ.

ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ މަރުވި ގދ. ހޯނޑެއްދޫ އަބްދުﷲ ރަޝީދުގެ ހަށިގަނޑު, އާއިލާގެ ރުހުންނެތި ޕޯސްޓްމޯޓަމް ހަދަން މަސައްކަތްކޮށް، އާއިލާއަށް ހަށިގަނޑު ނުދައްކާތީ އެކަމާ އޭނާގެ އާއިލާއިން ދަނީ ނުރުހުން ފާޅުކުރަމުން ނެވެ.

މި މަހުގެ 25 ވަނަ ދުވަހު، ތުހުމަތެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނިކޮށް އަބްދުﷲ ރަޝީދު މަރުވި ސަބަބު ބެލުމަށް ޕޯސްޓްމޯޓަމް ހެދުމަށް ފޮނުވަން ނިންމާފައިވާކަމަށް ފުލުހުންވަނީ ބުނެފައެވެ. މީގެ ކުރިން ފުލުހުން ބުނެފައިވަނީ އޭނާގެ އާއިލާއިން ޕޯސްޓްމޯޓަމް ހަދަން އެއްބަސްވިކަމަށެވެ. ނަމަވެސް އޭނާގެ އާއިލާއިން "ރާއްޖެއެމްވީ"އާ ވާހަކަދައްކަމުން ބުނެފައިވަނީ ޕޯސްޓް މޯޓަމް ހަދަން އާއިލާއިން އެއްބަސްނުވާ ކަމަށާއި، އެކަމާ ދެކޮޅުކަމަށެވެ.

އަބްދުﷲ ރަޝީދުގެ ހަށިގަނޑު މާލެ ގެނެސް މިހާރު އޮތީ ގަލޮޅު ސަހަރާގެ މޯޗަރީގައެވެ. ބުރާސްފަތި ދުވަހު އޭނާގެ އާއިލާއިން ވަނީ ސަހަރާދޮށަށް ގޮސް ހަށިގަނޑު އާއިލާއަށް ދެއްކުމަށް އެދިފައެވެ. ނަމަވެސް ފުލުހުން އެކަމާ ދެކޮޅުހަދާފައިވެއެވެ.

Advertisement

މި މައްސަލައިގައި ފުލުހުން ނެރުނު ބަޔާނުގައި ބުނެފައިވާ ވާހަކަތައް އާއިލާއިން ވަނީ ދޮގުކޮށްފައެވެ. އަދި އަބްދުﷲ ރަޝީދުގެ މަރުގެ ފުރިހަމަ ޒިންމާ ފުލުހުން ނަގަންޖެހޭނެކަމަށާއި، މި މައްސަލައިގައި އިހުމާލުވާ ފުލުސް އޮފިސަރުންނަށް ފިޔަވަޅު އެޅުމަށްވެސް އާއިލާއިން ވަނީ އެދިފައެވެ.

ސަހަރާ ކައިރިއަށް އާއިލާއިން ދިޔަނަމަވެސް، ހަށިގަނޑު ދައްކަން ފުލުހުން އައީ ދެކޮޅުހަދަމުންނެއެވެ. އަދި ފަހުން އާއިލާއަށް ހަށިގަނޑު ދައްކަން އެއްބަސްވީނަމަވެސް، އާއިލާގެ ނުރުހުމުގައިވެސް ޕޯސްޓްމޯޓަމް ހަދަން ފުލުހުން ވަނީ ނިންމާފައެވެ.

އަބްދުﷲ ރަޝީދުގެ އާއިލާގެ ގިނަ ތުހުމަތުތަކެއް އޭނާ ހައްޔަރުކުރި ފުލުހުންނަށް އަމާޒުވެފައިވާއިރު، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަންގާރަ ދުވަހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ މައްސަލަ މިހާރު ޕްރޮފެޝަނަލް ސްޓެންޑަރޑްސްއިން ބަލަން ފަށާފައިވާ ކަމަށެވެ. އަދި އެހެނިހެން އިދާރާތަކުންވެސް އެ މައްސަލައަށް ޚާއްސަ ސަމާލުކަމެއް ދީގެން ބެލުމަށް ދަންނަވާފައިވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މި މައްސަލައިގައި ފުލުހުން އިހުމާލުވެފައިވާކަމަށް ނުވަތަ އަނިޔާވެރި އަމަލެއް ހިންގާފައިވާކަމަށް ތަހުގީގަށް ސާބިތުވެއްޖެނަމަ އަޅަންޖެހޭ ފިޔަވަޅެއް އަޅުއްވާނެކަމަށާއި، އަދި ފިޔަވަޅު އެޅުމުގައި ފަސްޖެހިވަޑައިނުގަންނަވާނެ ކަމަށްވެސް ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް