ވަޒީފާ އަށް ދާ މައިބަފައިންނަށް ކުދިން ބެލެހެއްޓުމުގައި ދިމާވާ ދަތިތައް ހައްލު ކޮށްދިނުމުގެ ގޮތުން ސަރުކާރުގެ އޮފީސްތަކުގައި "ޗައިލްޑް ކެއާ ސްޕޭސް" ގާއިމުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ޖެންޑާ މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީ ވިދާޅުވެއްޖެއެވެ.
އެކަމަނާ މި ފަދައިން ވިދާޅުވީ އަންހެނުންނަށް ދިމާވާ އެންމެ ބޮޑު އެއް ގޮންޖެހުން ހައްލުކުރުމަށްޓަކައި ސަރުކާރުން ރާވާފައިވާ މާލޭގައި އަގު ހެޔޮ ޑޭ ކެއާ ސެންޓަރުތަކެއް ހެދުމުގެ މަސައްކަތް ކުރިއަށްދާ ގޮތާއި ގުޅޭ ގޮތުން މެންބަރަކު ކުރެއްވި ސުވާލަކަށް ލިޔުމުން ޖަވާބުދެއްވަމުންނެވެ. ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ އެމްޑީޕީގެ މެމްބަރު ޖީހާން މަހުމޫދް ފޮނުއްވި ސުވާލަށް ޖެންޑާ މިނިސްޓަރު ޖަވާބުދެއްވީ އަންގާރަ ދުވަހުގެ ޖަލްސާގައެވެ.
ޖެންޑާ މިނިސްޓަރު ވަނީ މާލޭގައި ޑޭ ކެއާ ސެންޓަރެއް ގާއިމްކުރުމަށް ޖާގައެއް ހޯދަން ކުރި މަސައްކަތް ކާމިޔާބުވެފައި ނުވާ ކަމަށް ވިދާޅުވެފައެވެ. މިނިސްޓަރު ފޮނުއްވި ޖަވާބުގައި، އޭޑީބީގެ އެހީގައި ޖެންޑާ މިނިސްޓްރީން ފަށާފައިވާ "ސްޓްރެންތަނިން ޖެންޑާ އިންކްލޫސިވް އިނީޝިއޭޓިވްސް (އެސްޖީއައިއައި) ޕްރޮޖެކްޓް" ގައި ހިމަނައިގެން ވެސް މާލެ އިން ރަނގަޅު ޖާގައެއް ނުލިބުނު ކަމަށް ވިދާޅުވިއެވެ. އެހެންނަމަވެސް ޖާގަ ނުލިބުމުގެ ސަބަބުން އެ ޕްރޮޖެކްޓުން އެ މަސައްކަތް އުނިކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ، ކުދިން ބެލުމަށް ބޭނުން ކުރެވޭނެ އެހެން ލުޔެއް ހޯދައި ދިނުމަށް ތަފާތު އެހެން މޮޑަލްތައް ދިރާކޮށްފައިވާ ކަމަށެވެ. އެގޮތުން ވަޒީފާ އަދާކުރާ ތަނުގައި ކުދިން ބެލެހެއްޓޭނެ އިންތިޒާމެއް ހަމަޖެއްސުމުގެ ގޮތުން ޗައިލްޑް ކެއާ ސްޕޭސް ގާއިމުކުރުމަށް ރައީސް އޮފީހާއެކު މި އަހަރުގެ އޮގަސްޓު މަހު މަޝްވަރާކުރައްވާފައިވާ ކަމަށެވެ.
އެކަމާއި ގުޅޭ އިތުރު ތަފްސީލުތައް ހިއްސާކުރައްވަމުން މިނިސްޓަރު ވިދާޅުވީ އެ މަސައްކަތް ކުރުމަށް ސޯޝަލް ކައުންސިލަށް ހުށަހެޅުމުން އެކަން ތަންފީޒު ކުރަން އަންގާފައިވާ ކަމަށާއި އެކަމާ ގުޅޭ ގޮތުން ސަރުކާރުގެ ކުންފުނިތަކާ އެކު މަޝްވަރާކުރައްވަމުންދާ ކަމަށެވެ. އެގޮތުން ކުރި މަޝްވަރާތަކަށް ފަހު ސްޓެލްކޯ އާއި އެމްޕީއެލުން އެ ހިދުމަތް ގާއިމުކުރާނެ ކަމުގެ ޔަގީންކަން ދީފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.