ސްޕެނިޝް ލީގުގެ ވިލަރެއާލް ކޯޗުކަމަށް ކީކޭ ސެޓިއެން ހަމަޖެއްސުމަށް އެ ކުލަބުން މަސައްކަތް ފަށައިފިއެވެ.
ވިލަރެއާލްގެ ކޯޗުކަން ހުސްވީ އެ މަގާމުގައި ހުރި އުނާއި އެމެރީ ޕްރިމިއާ ލީގުގެ އެސްޓަން ވިލާއާ ހަވާލުވުމުންނެވެ. ކުރިން ވެސް އޮތީ މި ސީޒަން ނިމުމުން އެމެރީ ވިލަރެއާލް ދޫކޮށްލާ ގޮތަށެވެ. ނަމަވެސް އެސްޓަން ވިލާއިން ރިލީޒް ފީ ދެއްކުމަށްފަހު އެ ޓީމަށް އެމެރީ ހަމަޖެއްސީއެވެ.
ބޭރުގެ މީޑިއާތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި ވިލަރެއާލްގެ ރައީސް ފެނާންޑޯ ރޮއިގް އަލްފޮންސޯ ވަނީ ސެޓިއެންއާ ވާހަކަ ދައްކާފައެވެ. އެ ވާހަކަތަކުގެ ނަތީޖާ ރަނގަޅު ކަމަށާއި، ސެޓިއެން ވިލަރެއާލާ ހަވާލުވާނެ ކަމަށް ވެސް މީޑިއާ ރިޕޯޓުތައް ބުނެއެވެ.
ސެޓިއެން އެންމެ ފަހުން އިރުޝާދު ދިނީ ވެސް ސްޕެނިޝް ލީގުގެ ޓީމަކަށެވެ. އޭނާ ވަނީ 2020 ވަނަ އަހަރު ބާސެލޯނާގެ ކޯޗުކަމަށް ހަމަޖައްސާފައެވެ. އެއީ އޭނާގެ ކުރިން އެ މަގާމުގައި ހުރި އާނެސްޓޯ ވަލްވާޑޭ ވަކިކުރުމަށްފަހުއެވެ. ނަމަވެސް ސެޓިއެންއާއެކު ވެސް ބާސެލޯނާގެ ނަތީޖާތައް ދަށްވުމުގެ ސަބަބުން އެ ކުލަބުން ވަނީ އެ މަގާމުން ވަކިކޮށްފައެވެ. ސެޓިއެންގެ އިރުޝާދުގެ ދަށުން ބާސެލޯނާ ވަނީ ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގައި ބަޔާން މިއުނިކް އަތުން 8-2 އިން ބަލިވެފައެވެ. އެއީ 74 އަހަރު ތެރޭގައި ބާސެލޯނާ ކޮޅަށް އަށް ލަނޑު ވަތް ފުރަތަމަ މެޗެވެ. އަދި 1951 ވަނަ އަހަރުގެ ފަހުން ހަ ލަނޑުގެ ތަފާތަކުން އެ ޓީމު ބަލިވި ފުރަތަމަ މެޗެވެ.
ސެޓިއެން ވަކިކުރުމަށް ބާސެލޯނާ އިން ބޭނުންވީ އެހިސާބުންނެވެ. އޭގެ ތިން ދުވަސް ފަހުން ބާސެލޯނާ އިން ވަނީ ކޯޗުކަމުން އޭނާ ވަކިކޮށްފައެވެ. ނަމަވެސް ސެޓިއެން ވަނީ ބާސެލޯނާ އިން އޭނާގެ އެއްބަސްވުން އުވާލީ އުސޫލާ ޚިލާފަށް، އިހުތިރާމް ކުރުމެއް ނެތި ކަމަށް ބުނެ މައްސަލަ ހުށަހަޅާނެ ކަމަށް ބުނެފައެވެ. ބާސެލޯނާ އިން ސެޓިއެއް ވަކިކުރި ފަހުން މިވީ މުއްދަތުގައި އޭނާ ހުރީ ވަޒީފާއެއްގަ ނޫނެވެ.