ސްޕެނިޝް ލީގުގައި ވިޔަރެއާލްއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، ރެއާލް މެޑްރިޑް އިން ލީގު ތާވަލްގެ އެއް ވަނަ އަށް ޖެހިލައިފި އެވެ.
ރެއާލްގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗު އެ ޓީމުން ކާމިޔާބު ކުރީ 3-1 އިންނެވެ. މެޗުގައި ދެ ޓީމުން ވެސް ލަނޑުތައް ޖެހީ މެޗުގެ ދެ ވަނަ ހާފުގަ އެވެ.
މެޗުގެ ދެ ވަނަ ހާފު ފަށައިގެން ދެ ވަނަ މިނެޓުގައި ރެއާލް އަށް ލީޑު ނަގައިދިނީ ވިނީޝިއުސް ޖޫނިއާ އެވެ. އެއީ ފްރާންސްގެ ކެޕްޓަން ކީލިއަން އެމްބާޕޭ ތަނަވަސްކޮށްދިން ފުރުސަތެއްގައި ވިނީޝިއުސް ޖެހި ލަނޑެކެވެ.
އޭގެ ފަހުން މެޗުގެ 69 ވަނަ މިނެޓުގައި ރެއާލް އަށް ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް ލީޑު ފުޅާ ކޮށްދިނީ ވެސް ވިނީޝިއުސް އެވެ. އެއީ ވިޔަރެއާލްގެ އޭރިޔާ ތެރެއިން އެ ޓީމުގެ ކުޅުންތެރިޔަކު ވިނީޝިއުސް އަށް ކުރި ފައުލަކާ ގުޅިގެން ދިން ޕެނަލްޓީ އެވެ.
އޭގެ ހަތަރު މިނެޓު ފަހުން ވިޔަރެއާލްގެ ހަމައެކަނި ލަނޑު ޖެހީ ޖިއޯޖެސް މިކައުޓަޓްޑްޒޭ އެވެ. މެޗުގައި ރެއާލްގެ ތިން ވަނަ ލަނޑު އެމްބާޕޭ ޖެހީ މެޗުގެ 81 ވަނަ މިނެޓުގަ އެވެ. އެއީ ބްރަހިމް ޑިއާޒް ތަނަވަސްކޮށްދިން ފުރުސަތެއްގައި އެމްބާޕޭ ޖެހި ލަނޑެކެވެ.
މެޗަށް ފަހު ވާހަކަ ދައްކަމުން ރެއާލްގެ ކޯޗު ޒަބީ އަލޮންސޯ ބުނެފައި ވަނީ މެޗުގެ ފުރަތަމަ ހާފުގައި ވެސް ރެއާލް އިން ލަނޑު ޖަހަން މަސައްކަތް ކުރި ކަމަށާއި، ނަމަވެސް ރެއާލް އަށް ބައެއް ކަންކަން މަދުވީ ކަމަށެވެ. ނަމަވެސް، ދެ ވަނަ ހާފުގައި ގެނައި ބަދަލުތަކާ އެކު ރެއާލް އިތުރަށް ކުރިއަށް ޖެހުނު ކަމަށް އޭނާ ބުންޏެވެ.
އަލޮންސޯ ބުނީ ވިޔަރެއާލް އަކީ ވެސް ރަނގަޅު ޓީމެއް ކަމަށާއި، އެ މެޗުގައި އެ ޓީމު ވެސް ފެނުނީ ވަރުގަދަކޮށް ކަމަށެވެ. އެހެން ނަމަވެސް ރެއާލް އިން ރަނގަޅު މެޗެއް ކުޅެން ބޭނުންވި ކަމަށާއި، ރެއާލް ކުޅެމުން ދިޔައީ ހަމަ ޖެހިގެން ކަމަށް އަލޮންސޯ ބުންޏެވެ.
މޮޅާއެކު ރެއާލް އެއް ވަނައިގައި އޮތީ މިހާތަނަށް އެ ޓީމު ކުޅެފައިވާ އަށް މެޗުން 21 ޕޮއިންޓާ އެކު އެވެ. ރެއާލް އަށް ވުރެ އެއް މެޗު މަދުން ކުޅެގެން ދެ ވަނައިގައި އެންމެ ފަހުގެ ޗެމްޕިއަންސް ބާސެލޯނާ އަށް ލިބެނީ 19 ޕޮއިންޓެވެ. ލީގުގައި ސެވިއްޔާއާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެ އެއް ވަނަ އަށް ޖެހިލުމުގެ ފުރުސަތު ބާސެލޯނާ އަށް އޮންނާނެ އެވެ.