2019 ވަނަ އަހަރުގެ ކުރިން، މަހުގެ ޝިޕްމެންޓްތަކާއި، މަސް ގަންނަ ފަރާތުން ހަވާލުވާއިރު، މަހުގެ ޝިޕްމެންޓްތަކުގެ ހާލަތު މިފްކޯއިން އެކަށީގެންވާ ގޮތެއްގައި ކަށަވަރުކޮށްފައި ނުވާކަމަށް އެ ކުންފުނީގެ އޮޑިޓް ރިޕޯޓުން ދައްކައިފިއެވެ.
އޮޑިޓަރ ޖެނެރަލްގެ އޮފީހުން ނެރެފައިވާ އޮޑިޓް ރިޕޯޓުގައި ބުނެފައިވަނީ މިފްކޯއިން އެކްސްޕޯޓްކުރާ މަހުގެ ޝިޕްމަންޓްތައް ބޭރުގެ ބަނދަރުތަކަށް ބޭލުމުގައި ކަންހިނގާގޮތް ބެލުމަށް މިފްކޯގެ ފަރާތުން މަހުގެ ޝިޕްމެންޓްތަކާއެކު 2019 ވަނަ އަހަރުގެ ކުރިން މުވައްޒަފުން ފޮނުވާފައި ނުވާ ކަމަށެވެ. ނަމަވެސް އެ އަހަރުގެ ފަހުން ބައެއް ޝިޕްމެންޓްތަކާއެކު މުވައްޒަފުން ފޮނުވާފައިވާ ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފައިވެއެވެ.
މި ރިޕޯޓުގައި ބުނެފައިވަނީ މަހުގެ ޝިޕްމަންޓްތައް ބަނދަރަށް ބޭލުމުގައި މަހުގެ ހާލަތާ ގުޅޭގޮތުން މިފްކޯގެ މެނޭޖްމަންޓަށް ހުށަހަޅަންޖެހޭ ރިޕޯޓް ގަވާއިދުން ހުށަހަޅާފައި ނުވުމާއި، އަދި ހުށަހަޅާ ރިޕޯޓްތަކުގައި މަހުގެ ކޮލިޓީއަށާއި، މަހުގެ އަދަދަށް އަސަރުކުރާ ގިން ކަންތައްތަކެއް ފާހަގަކޮށްފައިވެއެވެ. ނަމަވެސް މިކަންކަން ހައްލުކުރުމަށް މިފްކޯއިން އެކަށީގެންވާ ފިޔަވަޅު އަޅާފައިކަން އެނގެންނެތްކަން ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
މިފްކޯގެ އޮޕަރޭޝަން މެނުއަލްގައި ބަޔާންކޮށްފައިވާ ގޮތުން، ބރުގެ ފަރާތްތަކަށް ވިއްކާ މަސް ކެރިއަރ ބޯޓުގައި ގެންދިއުމަށްފަހު، މަސް ބާލަންޖެހޭ ބަނދަރަކަށް ބާލާއިރު، މަސް ހުރި ހާލަތާއި ބޯޓުން ބޭލުމުގެ މަސައްކަތް ހިނގަމުންދާގޮތް ބެލުމަކީ ކުންފުނީގެ ޒިންމާއެކެވެ. އަދި މިކަމުގެ ތަޖްރިބާ ހުރި ކުންފުނީގެ ޒިންމާދާރު މީހަކު ކެރިއަރ ބޯޓުން މަސް ބާލާ ބަނދަަރަށް ފޮނުވައިގެން އެ މަސައްކަތް ހިނގަމުންދާގޮތް ބަލަންޖެހެއެވެ.
މީގެ އިތުރުން މިފްކޯއާއި މަސް ގަންނަ ފަރާތްތަކުގެ ދެމެދުގައި ވެވޭ އެއްބަސްވުންތަކުގައި ވާގޮތަށް މަހުގެ ޝިޕްމަންޓަށް ފައިސާ ބައިބަޔަށް ބަހާލައިގެން ދެއްކުމުގެ އެންމެ ފަހު މަރުހަލާފައި ތައްޔާރުކުރަންޖެހޭ ރިޕޯޓްތައް ގަވާއިދުން ފޮނުވަމުން ނުދާކަން ވަނީ ފާހަގަކޮށްފައެވެ. މިފްކޯއިން މަސް ބޭރުކުރާ ފަރާތްތަކާ ދެމެދު ވެވޭ އެއްބަސްވުންތަކުގައި ވާގޮތުން މަހުގެ އަދަދާއި މަހުގެ ކޮލިޓީ ބެލުމަށްފަހު، މަސް ގަންނަ ފަރާތްތަކުން ތައްޔާރުކުރަންޖެހޭ މި ރިޕޯޓް ތައްޔާރުކުރަންވާނީ، މަސް ބޭރުކުރެވުނު ގައުމުގެ ބަދަރަށް ބާލާތާ 30 ދުވަހުގެ ތެރޭގައި ނުވަތަ ކޮންމެ ޝިޕްމަންޓެއްގެ 70 އިންސައްތަ ޕްރޮސެސްކުރުމާއި މި ދެކަންތަކުން ކުރިން ނިމެ ކަމަކަށް ބެލުމަށްފަހުގައެވެ.
ނަމަވެސް މި ރިޕޯޓްތައް 30 ދުވަހުގެ ތެރޭގައި ފޮނުވުމުގެ ބަދަލުގައި 180 ދުވަސް ފަހުން ވެސް ފޮނުވާފައިވާ ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފައިވެއެވެ. އަދި ނަތީޖާއެއްގެ ގޮތުން ބަނދަރަށް މަސް ބާލާތާ 180 ދުވަސް ފަހުން ވެސް މަހުގެ ކޮލިޓީ ޗެކްކޮށް ރިޕޯޓް ކުރުމުގެ ފުރުސަތު ހުޅުވިފައިވާ ކަމަށާއި، އެހެންކަމުން މަސް ގަންނަ ފަރާތުގެ ބެލުމުގެ ދަށުގައި އެ ފަރާތުގެ ކޯލްޑް ސްޓޯރޭޖުތަކުގައި ހުރެގެން މަހުގެ ކޮލިޓީއަށް އަސަރުކުރިނަމަވެސް، އެކަމުގެ ގެއްލުން މިފްކޯއިން އުފުލަން ނުޖެހޭކަން ފާހަަގަކޮށްފައިވެއެވެ.