ކ. މާލެ
|
18 އޮކްޓޯބަރ 2022 | އަންގާރަ 18:21
މާލެ ސިޓީގެ މޭޔަރު ޑރ.މުހައްމަދު މުއިއްޒު
މާލެ ސިޓީގެ މޭޔަރު ޑރ.މުހައްމަދު މުއިއްޒު
ރާއްޖެއެމްވީ
މާލެ ސިޓީ ކައުންސިލް
މާލެ ސިޓީ ކައުންސިލުން ވިޔަފާރި ކުރަނީ ލޯކަލް އޮތޯރިޓީ ކުންފުންޏެއް ނުހަދައި، ޖޫރިމަނާ ކުރަން ޗިޓު ފޮނުވައިފި
ތަހުގީގު ނިންމައި ފިޔަވަޅު އަޅާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނޭ
ސިޓީ ކައުންސިލުން ގަސް ވިއްކާ ފިހާރައެއް ހުޅުވީ ވިޔަފާރި ރަޖިސްޓްރީ ނުކޮށް
ސިޓީ ކައުންސިލް ޖޫރިމަނާ ކުރަން ޗިޓެއް ވަނީ ފޮނުވާފައި

ގަވާއިދާ ޚިލާފަށް ވިޔަފާރި ކުރަމުންދާތީ މާލެ ސިޓީ ކައުންސިލުގެ މައްސަލައެއް ބަލަމުންދާ ކަމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ބުނެފިއެވެ.

އެ މިނިސްޓްރީގެ ކޮމިއުނިކޭޝަންސް އެންޑް މީޑިއާ އޮފިޝަލް، އިސްމާއިލް މާއިޒު "ރާއްޖެ އެމްވީ" އަށް ވިދާޅުވީ ޤާނޫނާއި ގަވާއިދުގައި ބުނެފައިވާ ގޮތުގައި އެއްވެސް ކައުންސިލަކަށް ވިޔަފާރިއެއް ކުރެވޭނީ ލޯކަލް އޮތޯރިޓީ ކުންފުންޏެއް ރަޖިސްޓްރީ ކޮށްގެން ކަމަށެވެ. ނަމަވެސް މިހާތަނަށް އިކޮނޮމިކް މިނިސްޓްރީގެ ރެޖިސްޓްރޭޝަން ޑިޕާޓްމަންޓުގައި އެފަދަ އެއްވެސް ކުންފުންޏެއް މާލެ ސިޓީ ކައުންސިލުން ރަޖިސްޓްރީ ކޮށްފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މާއިޒު ވިދާޅުވީ ކުންފުނި ރަޖިސްޓްރީ ނުކޮށް ވިޔަފާރި ކުރަމުން އަންނަ ކަމުގެ ޝަކުވާ އެ މިނިސްޓްރީއަށް ލިބިފައިވާތީ އެ މައްސަލަ ބަލަމުންދާ ކަމަށެވެ. އަދި އެ މައްސަލައިގައި ހުއްދައާ ނުލައި ވިޔަފާރި ކުރާތީ ކައުންސިލަށް ޖޫރިމަނާގެ ޗިޓެއް ފޮނުވާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ނަމަވެސް ކައުންސިލް ޖޫރިމަނާ ކުރާ އަދަދެއް ހާމައެއް ނުކުރައްވައެވެ.

މި މައްސަލައިގައި މިހާރު އިކޮނޮމިކް މިނިސްޓްރީން ތަހުގީގުތައް ކުރިއަށްގެންދާއިރު އެ ތަހުގީގުތައް ކުރަމުން އަންނަނީ އެ މިނިސްޓްރީގެ އިންސްޕެކްޝަން ޔުނިޓުންނެެވެ. ތަހުގީގުތައް ނިންމައި ކައުންސިލާ މެދު އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުންދާނެ ކަމަށް އެ މިނިސްޓްރީން ބުނެފައި ވެއެވެ.

މާލެ ސިޓީ ކައުންސިލުން ވަނީ މި މަހުގެ އަށްވަނަ ދުވަހު "މާލެ ފެހި" ގެ ނަމުގައި ގަހާއި ގަސް ކާނާ ވިއްކުމަށް ހާއްސަ ފިހާރައެއް ހުޅުވައިފައެވެ. މިއީ ގަހާއި ގަސްކާނާ ވިއްކާ ވިޔަފާރިތަކުގެ ތެރެއަށް ސިޓީ ކައުނސިލުން ވަނުން ކަމަށާއި އޭގެ ސަބަބުން ވިޔަފާރިތަކަށް ގެއްލުން ވާނެ ކަމަށް ވެސް ބައެއް ވިޔަފާރިވެރިން ވަނީ ބުނެފައެވެ.

މާލެ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވި ގޮތުގައި އެ ކައުންސިލުން ވިސްނަނީ އެ ވިޔަފާރި ކުރިއަށް އޮތްތަނުގައި ފުޅާ ކުރުމަށެވެ. އެގޮތުން، މިހާރު ވެސް އެ ފިހާރައިން ރާއްޖޭން ލިބެން ނެތް ފަދަ ބައެއް ގަަސްތައް ލިބެން ހުންނަ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ސިޓީ ކައުންސިލުން މާލޭގައި ގަސް ވިއްކާ ފިހާރައެއް ހިންގުމަކީ ގާނޫނީ ގޮތުން ތަންދޭ ކަމެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލިހުގެ މެމްބަރުން ވެސް ވަނީ ވިދާޅުވެފައެވެ. މެމްބަރުން ވެސް ވިދާޅުވެފައިވަނީ އެ ވިޔަފާރި ކުރަނީ ލޯކަލް އޮތޯރިޓީ ކުންފުންޏެއް ނުއުފައްދައި ކަމަށާއި އެހެންކަމުން އެއީ ގަވާއިދާ ޚިލާފަށް ހިންގާ ވިޔަފާރިއެއް ކަމަށެވެ.

- ކޮމެންޓް