ކ. މާލެ
|
6 އޮކްޓޯބަރ 2022 | ބުރާސްފަތި 05:38
ކައުންސިލްތަކުގެ ބައި އިލެކްޝަން އިންތިޚާބެއްގެ ތެރެއިން
ކައުންސިލްތަކުގެ ބައި އިލެކްޝަން އިންތިޚާބެއްގެ ތެރެއިން
އިލެކްޝަންސް ކޮމިޝަން
ބައި އިލެކްޝަން
ލޯކަލް ކައުންސިލް އިންތިޚާބަށްފަހު 40 ވަރަކަށް ބައި އިލެކްޝަން މިހާތަނަށް ބޭއްވިއްޖެ: އެސްޖީ ހަސަން ޒަކަރިއްޔާ
އެންމެ ޚަރަދު ކުޑަކޮށް ވެސް ބާއްވާ ބައި އިލެކްޝަނަށް އެއްލައްކަށްވުރެން ގިނަ ރުފިޔާ ހޭދަވޭ

ލޯކަލް ކައުންސިލް އިންތިޚާބަށްފަހު 40 ވަރަކަށް ބައި އިލެކްޝަން މިހާތަނަށް ބާއްވާފައިވާ ކަމަށް އިލެކްޝަން ކޮމިޝަންގެ ސެކެރެޓަރީ ޖެނަރަލް ހަސަން ޒަކަރިއްޔާ ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ "ފަލަސުރުޚީ" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ހަސަން ވިދާޅުވީ އެންމެ ޚަރަދު ކުޑަކޮށް ވެސް ބާއްވާ ބައި އިލެކްޝަނަށް އެއްލައްކަށްވުރެން ގިނަ ރުފިޔާ ހޭދަވާ ކަމަށެވެ.

މި ކުރެވޭ ޚަރަދުތަކަށް ބަލާއިރު އެންމެ އެދެވޭ ނަތީޖާތައް ފެނޭތޯ ސުވާލު އުފައްދަވާ ހަސަން ވިދާޅުވީ، ވޯޓް ލުމަށް ވެސް ނިކުންނަ މީހުންގެ އަދަދު މަދުވުމުން މިއީ ރައްޔިތުންގެ ފައިސާއިން ކުރެވޭ ބޮޑު އިސްރާފެއް ކަމަށެވެ.

ބައި އިލެކްޝަންތަކާ ގުޅޭގޮތުން އީސީ އިން ޤާނޫނަށް ގެންނަން ހުށަހެޅި އިސްލާހުތަކުގެ މައިގަނޑު ސަބަބަކީ، ހަސަން ވިދާޅުވި ގޮތުގައި ބައި އިލެކްޝަން ބާއްވަމުންދާ ގޮތުން ދައުލަތަށް އުފުލަންޖެހޭ މާލީ ބުރަ ބޮޑުވެގެންދިއުމާ އިލެކްޝަންސް ކޮމިޝަންގެ މަސައްކަތަކަށް ވެސް މިކަމުގެ ސަބަބުން ބުރޫ އެރުމެވެ.

ހަސަން އިތުރަށް ވިދާޅުވީ ސްޓްރެޖިކް އެކްޝަން ޕްލޭންގައި ކުރުމަށް ކަނޑައަޅާފައިވާ ކަންތައްތައް ނުކުރެވި މުއްދަތުތައް ފަހަނައަޅާދާ ކަމަށެވެ. އަދި ބައި އިލެކްޝަން އިތުރުވާވަރަކަށް ރައްޔިތުން ވޯޓުލާން ނިކުންނަ އިންސައްތަ މަދުވާ ކަމަށާއި އޭގެ ސަބަބުތަކުގެ ތެރޭގައި ރައްޔިތުން ފޫހިވުން ނުވަތަ އެންމެ ފުރިހަމަ މައުލޫމާތު ނުލިބުން އެކަށީގެންވާ ކަމަށް ވެސް ވިދާޅުވިއެވެ.

ބައި އިލެކްޝަންތައް އަވަސް އަވަހަށް ކައިރި ކައިރީގައި ބޭއްވުމުން ނުރަނގަޅު ނަތީޖާތައް ނިކުންނަ ކަމަށް ވެސް ވިދާޅުވިއެވެ.

އީސީ އިން ބައި އިލެކްޝަންތަކާ ގުޅޭގޮތުން ގޮތް ކަނޑައެޅުމުގެ ކުރިން ސިޔާސީ ޕާޓީތަކުގެ ޚިޔާލާ މަޝްވަރާ ހޯދި ކަމަށާއި އެއަށްފަހު މަޖިލީހަށް ބިލް ހުށަހެޅި ކަމަށް ހަސަން ފާހަގަކުރެއްވިއެވެ.

މި ބިލްގެ ބަހުސް މަޖިލީހުގައި ކުރިއަށްދާއިރު ބައި އިލެކްޝަންގެ ގާނޫނަށް ގެނައި އިސްލާހުގެ 9-56 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވަނީ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ކޯރަމް ނުގެއްލޭހާ ހިނދަކު އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ބައި އިލެކްޝަން ބާއްވަންވާނީ ކޮންމެ މީލާދީ އަހަރަކު އެއްފަހަރު، އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާ ތާރީހެއްގައި ކަމަށެވެ.

މީގެ އިތުރުން މި މާއްދާގެ (ށ) ގައި ބުނެފައިވަނީ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެންބަރެއްގެ މަގާމު ހުސްވެއްޖެނަމަ، އެކަން 14 ދުވަހުގެ ތެރޭގައި ލޯކަލް ގަވަރމަންޓް އޮތޯރިޓީން އަންގަންވާނެ ކަމަށެވެ. އަދި ލޯކަލް ގަވަރމަންޓް އޮތޯރިޓީން އިލެކްޝަންސް ކޮމިޝަނަށް އަންގާ ތާރީޚުން ފެށިގެން އެންމެ ފުރަތަމަ ބައި އިލެކްޝަނެއް ބާއްވަން އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ ތާރީޚެއްގައި އެ މެންބަރެއްގެ ބަދަލުގައި ކޮމިޓީއަށް މެންބަރަކު އިންތިޚާބު ކުރަންވާނެކަމަށެވެ.

މަގާމު ހުސްވުމުގެ ސަބަބުން ކޮމިޓީގެ ކޯރަމް ގެއްލޭ ހާލަތު މެދުވެރިވާނަމަ، މަގާމު ހުސްވެއްޖެކަން ލޯކަން ގަވަރމަންޓް އޮތޯރިޓީން އިލެކްޝަންސް ކޮމިޝަނަށް އަންގާ ތާރީޚުން ފެށިގެން ލަސްވެގެން 60 ދުވަހުގެ ތެރޭގައި އެ މެންބަރެއްގެ ބަދަލުގައި ކޮމިޓީއަށް މެންބަރަކު އިންތިހާބު ކުރަންވާނެކަމަށް އިސްލާހުގައި ބުނެފައިވެއެވެ. ނަމަވެސް ކޮމިޓީގެ މެންބަރެއްގެ މަގާމް ހުސްވިއިރު ކޮމިޓީގެ އުމުރުގެ 1 އަހަރު ދުވަސް ނުވަތަ އެއަށްވުރެ ކުރު މުއްދަތެއް ބާކީ އޮތްނަމަ އެ ހުސްވި ގޮނޑިއަކަށް މެންބަރަކު އިންތިހާބުކޮށްގެން ނުވާނެކަމަށް ބުނެފައިވެއެވެ. އަދި ބައި އިލެކްޝަނަކުން އިންތިހާބުކުރެވިފައިވާ މެންބަރަކަށް މެންބަރުކަމުގައި ހުރެވޭނީ ހިނގަމުންދާ ދައުރު ހަމަވަންދެންކަމަށް ބުނެފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 22 ގަޑިއިރު ކުރި
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް