މިއަހަރުގެ ނޮވެމްބަރު މަހު ގަތަރުގައި ފަށާ ފީފާ ވޯލްޑް ކަޕްގެ ހުރިހާ މެޗެއް ރާއްޖެ ޓީވީއާއި އައިސްޕްލަސްއިން ބެލުންތެރިންނާ ހަމައަށް ގެނެސްދިނުމަށް ނިންމައިފިއެވެ.
ބެލުންތެރިންނާއި ހަމައަށް މުބާރާތުގެ ހުރިހާ މެޗެއް ގެނެސްދިނުމަށް ރާއްޖެ ޓީވީން މިހާރު ވަނީ މީޑިއާނެޓާއެކު އެއްބަސްވުމުގައި ސޮއިކޮށްފައެވެ. މި އެއްބަސްވުމުގައި ރާއްޖެޓީވީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ ޗީފް އޮޕަރޭޓީންގ އޮފިސަރ ނާޒްމީ ސައީދުއެވެ.
މީޑިއާނެޓް މެދުވެރިކޮށް މުބާރާތުގެ މެޗުތައް ދައްކާނީ ރާއްޖެ ޓީވީ އަދި އައިލެންޑް ކޮމިއުނިކޭޝަންސް އެންޑް އެންޓަޓެއިންމެންޓް ޕްރައިވެޓް ލިމިޓެޑް 'އައިސް ޕްލަސް' އިންނެވެ. މެޗުތައް ފެންނާނީ މި ދެޗެނަލް މެދުވެރިކޮށް މީޑިއާނެޓުގެ ނެޓްވޯކުންނެވެ.
މިއީ ސައްތައިން ސައްތަ ދިވެހި ޗެނަލްތަކަކުން މި ފޯރިގަދަ މުބާރާތް ރާއްޖެ ސަރަޙައްދަށް ދެއްކުމުގެ ފުރުސަތު ލިބުނު ފުރަތަމަ ފަހަރެވެ.
މި މުބާރާތް ވިޔަފާރި އުސޫލުން ސްޕޮންސަރ ކުރައްވަން ބޭނުންފުޅުވާ ފަރާތްތަކަށް މިހާރު ވަނީ އެފުރުސަތު ހުޅުވާލާފައެވެ. ސްޕޮންސަރ އާއި ގުޅޭ އިތުރު މައުލޫމާތު ބޭނުންފުޅުނަމަ 7783158 ށް ގުޅުއްވައިގެން މައުލޫމާތު ސާފު ކުރެވޭނެއެވެ.
ކޮންމެ ހަތަރު އަހަރަކުން އެއް އަހަރު ބާއްވާ ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރު މުބާރާތް މިފަހަރު އޮންނާނީ ގަތަރުގައެވެ. މުބާރާތް ކުރިއަށްދާނީ ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހުން ފެށިގެން ޑިސެމްބަރު 18 ގެ ނިޔަލަށެވެ.