ކ. މާލެ
|
3 އޮކްޓޯބަރ 2022 | ހޯމަ 18:43
އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ
އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ
ރާއްޖެއެމްވީ
އެމްޕީއެލްގެ ހިޔާފްލެޓްތައް
މިހާރު ކުރިއަށް ދަނީ އެމްޕީއެލްގެ ހިޔާފްލެޓްތަކުގެ ފިނިޝިންގެ މަސައްކަތް: ސީއީއޯ
އެމްޕީއެލް އިން އަޅަނީ 15 ބުރީގެ 3 ޓަވަރު
ފްލެޓްތަކަށް ފައިސާ ދެއްކުމަށް މުވައްޒަފުންނަށް 4 އޮޕްޝަންއެއް ވަނީ ދީފައި

މިހާރު ކުރިއަށް ދަނީ އެމްޕީއެލް ހިޔާފްލެޓްތަކުގެ ފިނިޝިންގެ މަސައްކަތްކަމަށް އެމްޕީއެލްގެ މެނޭޖިންގ ޑިރެކްޓަރ ޝާހިދު އަލީ ވިދާޅުވެއްޖެއެވެ.

ޝާހިދު ވިދާޅުވީ މިހާރު ކުރިއަށްދާ ހިޔާފްލެތްތަކުގެ އެތެރޭގެ ކުލަ ލުމާއި ޓައިލްސް ޖެހުން ފަދަ މަސައްކަތްތަކުގެ ބޮޑުބައި ނިމިފައިވާ ކަމަށެވެ. މިހާރު އިތުރަށް ކުރަން ހުރި ކަންތައްތަކުގެ ތެރޭގައި ހިމެނެނީ ސީސީޓީވީ އާއި ފައިބަރ ނެޓްވޯރކްތަކާއި ލިފްޓް އިންސްޓޯލްކުރުމާއި އެތެރޭގެ ދޮރުތަކުގެ މަސައްކަތް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރގެ ތެރޭގައި މަސައްކަތް ނިންމާ މުވައްޒަފުންނާއި ފްލެޓްތައް ހަވާލުކުރާނެ ކަމަށް އަންދާޒާކުރެވޭ ކަމަށް ވެސް ޝާހިދު ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން މި ފްލެޓްތަކަށް ފައިސާ ދެއްކުމަށް މުވައްޒަފުންނަށް 4 އޮޕްޝަންއެއް ދީފައިވާނެ ކަަމަށް ވެސް ޝާހިދު ވިދާޅުވިއެވެ. އޭގެ ތެރޭގައި ވަރަށް ރަނގަޅު ލުއި ގޮތްތަކެއް ފަހިކޮށްދީފައިވާ ކަމަށް ޝާހިދު ވިދާޅުވިއެވެ. ޑައުންޕޭމަންޓް ދެއްކުމަށް ފަހު 20 އަހަރަށް ބަހާލައިގެން ފްލެޓްތަކަށް ފައިސާ ދެއްކުމަށް ފުރުސަތު ލިބޭކަން ޝާހިދު ވަނީ ފާހަގަކުރައްވާފައެވެ.

މިހާރު އެމްޕީއެލް ފްލެޓްތަކުގެ ގުރުލުމުގެ މަރުހަލާ ނިންމާފައިވާ ކަަމަށާއި މަސައްކަތް ނިންމާ ކޮންޓްރެކްޓަރ ފްލެޓްތައް ހަވާލުކުރާ ހިސާބުން މުވައްޒަފުންނަށް ތަނުގެ ތަޅުދަނޑި ހަވާލުކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެމްޕީއެލް އިން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އަޅަމުން އަންނަ ފްލެޓްތަކަކީ ޖާގައިގެ ގޮތުން، އެ ސަރަހައްދުގައި ހަދަމުން އަންނަ އެހެން އެޕާޓްމަންޓުތަކާ އަޅައިބަލާއިރު ބޮޑެތި އެޕާޓްމަންޓުތަކެކެވެ. އެ އެޕާޓްމަންޓުތައް ޑިޒައިންކޮށްފައިވަނީ ވީހާވެސް ފަސޭހަކަމާއެކު ދިރިއުޅެވޭ ގޮތަކަށް ބަލައިގެންކަމަށް އެމްޕީއެލްއިން ވަނީ ބުނެފައެެވެ.

އެ ކުންފުނިން 15 ފަންގިފިލާގެ 3 ޓަވަރުގެ މަސައްކަތް ކުރަމުން ދާއިރު މި ޓަވަރުތަކުގައި 534 އެޕާޓްމަންޓް ހިމެނެއެވެ. އޭގެ ތެރޭގައި ހިމެނެނީ 1 ކޮޓަރީގެ 204 ފްލެޓާއި 2 ކޮޓަރިއާއި މެއިޑް ރޫމް ހިމެނޭ 330 ފްލެޓެވެ.

އެމްޕީއެލްއިން ވަނީ ޖާގައަށް ބަލައި، އެއްކޮޓަރިއާއި، 1+2 ކޮޓަރީގެ ފްލެޓްތައް ދެ ކެޓަގަރީއަކަށް ބަހާލާފައެވެ. 1 ކޮޓަރީގެ ފްލެޓްތަކުގެ ޓައިޕް އޭ ފްލެޓުތަކުގައި 454 އަކަފޫޓު ހުންނައިރު، ޓައިޕް ބީގައި 471 އަކަފޫޓު ހުރެއެވެ. އަދި 1+2 ކޮޓަރީގެ ފްލެޓްތަކުގެ ޓައިޕް އޭގައި 670 އަކަފޫޓު ހުރެއެވެ. އަދި ޓައިޕް ބީގައި 686 އަކަފޫޓު ހުރެއެވެ.

- ކޮމެންޓް