ކ. މާލެ
|
1 އޮކްޓޯބަރ 2022 | ހޮނިހިރު 22:07
އިކޮނޮމިކް މިނިސްޓްރީން ހަނިމާދޫގައި ފެށި ޕްރޮގްރާމުގެ ތެރެއިން
އިކޮނޮމިކް މިނިސްޓްރީން ހަނިމާދޫގައި ފެށި ޕްރޮގްރާމުގެ ތެރެއިން
އިކޮނޮމިކް މިނިސްޓްރީ
އަންހެން ވިޔަފާރިވެރިން ކުރިއަރުވަން ޕްރޮގްރާމެއް
އަންހެން ވިޔަފާރިވެރިން ކުރިއެރުވުމަށް އިކޮނޮމިކް މިނިސްޓްރީން ޙާއްސަ ޕްރޮގްރާމެއް
މި ޕްރޮގްރާމް ފެށީ ހަނިމާދޫގައި
މި ޕްރޮގްރާމު ނިންމާ ބައިވެރިންނަށް ސެޓެފިކެޓްވެސް ލިބިގެންދާނެ

އަންހެން ވިޔަފާރިވެރިނަށް ޙާއްސަކޮށްގެން، "ވިމެން އިން ސަސްޓެއިނަބަލް އެންޓަރޕްރެނިއަރޝިޕް" ނުވަތަ "ވައިސް" ގެ ނަމުގައި ތަމްރީން ޕްރޮގްރާމްއެއް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ފަށައިފިއެވެ.

ސިލްސިލާކޮށް ރާއްޖޭގެ ހުރިހާ ރަށެއްގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމް ފަށާފައިވަނީ ހޮނިހިރު ދުވަހު ހދ.ހަނިމާދޫ ގައެވެ. މި ޕްރޮގްރާމް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އިކޮނޮމިކް ޑިވެލޮޕްމަންޓް ނީޒާ އިމާދުއެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނިގޮތުގައި މި ޕްރޮގްރާމުގެ މަގުސަދަކީ ވިޔަފާރިއެއް ފެށުމަށް ގަސްދުކުރާ އަންހެނުންނަށާއި މިހާރުވެސް ވިޔަފާރި ކުރަމުންދާ ފަރާތްތަކަށް ބޭނުންވާ ފަންނީ ތަމްރީނު ދިނުމާއި، ސަރުކާރު ފަރާތުން އާއްމުންނަށާއި އަދި ވިޔަފާރިކުރާ ފަރާތްތަކަށް ލިބެންހުރި ފުރުސަތުތަކުގެ މައުލޫމާތު ފޯރުކޮށްދިނުމެވެ. އެގޮތުން، ދެ ދުވަހުގެ މި ޕޮރޮގްރާމްގައި ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީން ފާސްކޮށްފައިވާ ނޭޝަނަލް ސެޓްފިކެޓް 3 އިން އެންޓަރޕްރެނިއަރޝިޕް ސްޓޭންޑާރޑްއަށް ކިޔަވައިދޭނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

މި ޕްރޮގްރާމު ނިންމާ ބައިވެރިންނަށް ސެޓެފިކެޓްވެސް ލިބިގެންދާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ.

މިފަދަ ޕްރޮގްރާމެއް ހިންގުމުގެ މައިގަނޑު މަގްސަދަކީ ކޮވިޑާއި ގުޅިގެން ރާއްޖޭގެ ވަޒީފާގެ ބާޒާރުގައި ހަރަކާތްތެރިވަމުންދާ މީހުންނަށް ކުރިމަތިވި ދަތިތަކުން އަރައިގަތުމަށް އެހީވުންކަމަށް އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ. އެގޮތުން އެފަރާތްތަކަށް މާލީ އެހީ ނުވަތަ ސެލްފް އެމްޕްލޮއިޑް ގްރާންޓް ޕްރޮގްރާމަށް އެދުމުގެ ފުރުސަތުވެސް ލިބޭނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

މި ގްރާންޓް ޕްރޮގްރާމްގެ ދަށުން ދިނުމަށް ހަމަޖެހިފައިވާ އެހީގެ 40 އިންސައްތަ ހާއްސަކުރެވިފައިވަނީ އަމިއްލަ މަސައްކަތް ކުރާ އަންހެނުންނަށެވެ.

މި ޕްރޮގްރާމްތަކަށް ކުރިމަތިލުމުގެ ފުރުސަތު ޖޮބް ސެންޓަރ ޕޯޓަލް މެދުވެރިކޮށް މިހާރު ވަނީ ހުޅުވާލައިފައެވެ.

- ކޮމެންޓް