ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީން އަބަދުވެސް ވޯކް ޕަރމިޓް ހިފައިގެން އުޅުމަށް މޯލްޑިވްސް އިމިގްރޭޝަނުން އިލްތިމާސްކޮށްފިއެވެ.
އިމިގްރޭޝަނުން ވަނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓާއި ގުޅިގެން ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ހޯދުމުގެ މަސައްކަތް ފަށާފައެވެ. އެހެންކަމުން ރާއްޖޭގައި އުޅޭ ހުރިހާ ބިދޭސީ މަސައްކަތްތެރިން އަބަދުވެސް ވޯކް ޕަރމިޓް ހިފައިގެން އުޅުމަށް އިމިގްރޭޝަނުން ވަނީ އިލްތިމާސްކޮށްފައެވެ.
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ ވޯކް ޕަރމިޓްގައި ބަޔާންކޮށްފައިވާ ތަން ނޫން އެހެން ތަނަކަށް މަސައްކަތްކުރުމަކީ މަނާކަމެކެވެ. އަދި ވޯކް ޕަރމިޓެއް ނެތި މިގޮތަށް ގަވާއިދާ ޚިލާފަށް ރާއްޖޭގައި މަސައްކަތްކުރަމުންދާ ބިދޭސީން ހޯދާ އެމީހުންނާއިމެދު ފިޔަވަޅު އެޅުމުގެ މަސައްކަތް އިމިގްރޭޝަނުން ދަނީ ކުރަމުންނެވެ.
އިމިގްރޭޝަން ޤާނޫނާ ޚިލާފުވެގެން ރާއްޖެއިން ފޮނުވާލަންޖެހޭ ފަރާތްތައް ބަންދުކުރާ މަރުކަޒެއްގެ ގޮތުގައި ކަނޑައަޅައި ހުޅުމާލެ ދެވަނަ ފިޔަވަހީގައި ގާއިމްކޮށްފައިވާ ޑިޓެންޝަން ސެންޓަރު މިހާރު ވަނީ އޮޕަރޭޝަނަށް ގެނެސްފައެވެ. އިމިގްރޭޝަނުން ބުނި ގޮތުގައި މި ޑިޓެންޝަން ސެންޓަރާއެކު ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން އަނބުރާ އެ ފަރާތްތަކުގެ ޤައުމުތަކަށް ފޮނުވާލުމުގެ މަސައްކަތްވަނީ ފަށައިފައެވެ.
މި މަސައްކަތް 2019 ވަނަ އަހަރު ފެށީ އިކޮނޮމިކް މިނިސްޓްރީ އާއި ފޮރިން މިނިސްޓްރީ އާއި މޯލްޑިވްސް އިމިގްރޭޝަނާ ގުޅިގެންނެވެ. މި މަސައްކަތުގެ ދަށުން ކޮވިޑުގެ ތެރޭގައި 18،000 އަށްވުރެ ގިނަ ބިދޭސީން ރާއްޖޭން ވަނީ ފޮނުވާލާފައެވެ. ނަމަވެސް ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަކީ އަދިވެސް ރާއްޖޭގައި ހައްލުނުވެ އޮތް މައްސަލައެއް ކަމުން އަލުން މި މަސައްކަތް ފުޅާ ދާއިރާއެއްގައި އަލުން ފަށާފައިވެއެވެ.