ހުޅުމާލޭގައި ތަރައްޤީ ކޮށްފައިވާ ކޮންޓެއިނަރ ޕާކުގެ ކޯ ވޯކިންގ ސްޕޭސް ރަސްމީކޮށް ހުޅުވައިފިއެވެ.
އަންގާރަ ދުވަހު ބޭއްވި ރަސްމިއްޔާތެއްގައި މި ކޯ ވޯކިންގ ސްޕޭސް ހުޅުއްވައިދެއްވީ އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ރިޔާޒު މަންސޫރެވެ. މި ރަސްމިއްޔާތުގައި އަރބަންކޯގެ އިސް ބޭފުޅުންނާއި މުވައްޒަފުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ކޮންޓެއިނަރ ޕާކަކީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓްގެ ބިޒްނަސް ސެންޓަރ ކޯޕަރޭޝަން އަދި އަރބަންކޯ ގުޅިގެން ކުރިއަށްގެންދާ މަޝްރޫއެކެވެ. މިއީ ހުޅުމާލެ ޒަމާނީ "އަރބަން" ސިޓީއެއްގެ ގޮތުގައި ތަރައްޤީކުރުމަށް އަރބަންކޯއިން ކުރިއަށްގެންދާ މަޝްރޫއުތަކުގެ ތެރެއިން އެއް މަޝްރޫއެވެ.
ޒަމާނީ އަދި "އާޓިސްޓިކް" ޕްލޭނެއްގެ ދަށުން، ހުޅުމާލެއަށް އިތުރު ފުރިހަމަކަމެއް ގެނެސްދޭނެ ގޮތަކަށް ތައްޔާރުކޮށްފައިވާ މި ޕާކުގައި ކޯ ވޯކިންގ ސްޕޭސް ހުޅުވިގެންދާއިރު ވަރަށް އަވަސް މުސްތަގުބަލެއްގައި އެތަނުގައި ޓޭކް-އަވޭ ކެފޭއަކާއި، ފާސްޓް ފުޑް އައުޓްލެޓް އަދި މީޓިން ރޫމެއް ހަދާނެ ކަމަށް އަރބަންކޯއިން ބުނެއެވެ. އަދި އެ ސަރަހައްދުގެ އޯޕަން އޭރިއާ އާންމުންނަށް އެއްވެ އުޅެވޭ ޕާކެއްގެ ގޮތުގައި ތަރައްގީކުރުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.
އަރބަންކޯއިން ބުނީ މި ކޯ ވޯކިންގ ސްޕޭސް މެދުވެރިކޮށް ހުޅުމާލޭގައި އަލަށް ވިޔަފާރި ފަށާ ފަރާތްތަކަށާއި އެފަދަ ފުރުސަތުތައް ބޭނުންވާ މީހުންނާއި ގްރޫޕްތަކަށް އެ ފުރުސަތު ފަހިކޮށްދެވޭނެ ކަމަށެވެ. އަދި މި ކޯ ވޯކިންގ ސްޕޭސް ފުރަތަމަ މަހުގެ ތެރޭގައި ހިލޭ ދޫކުރާއިރު އޮންލައިން ޕޯޓަލް މެދުވެރިކޮށް ބުކިންގ ހެއްދޭގޮތަށް ހަމަޖެހިގެންދާނެ ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ. މި ކޯ ވޯކިންގ ސްޕޭސް ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 9:00ން އިރުއޮއްސި 6:00ހާ އަމަށް ހުޅުވާފައި ހުންނާނެއެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ މިފަދަ ކޯ ވޯކިންގ ސްޕޭސެއް ތަރައްޤީ ކުރުމުގެ ބޭނުމަކީ އަލަށް ފަށާ ވިޔަފާރިތަކަށް މަސައްކަތް ކުރެވޭނެ ފަހި މާހައުލެއް ގާއިމުކޮށްދީ، އެފަދަ ވިޔަފާރިތައް ކުރިއަރުވަން ފަންނީ އެހީއާއި ވަސީލަތްތައް ފޯރުކޮށްދިނުން ކަމަށެވެ. އެގޮތުން މި ކޯ ވޯކިންގ ސްޕޭސްގައި 16 ވޯކް ސްޓޭޝަނާއި މީޓިންގ ރޫމްގެ ވަސީލަތްތައް ގާއިމްކޮށްފައިވާ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
ހުޅުމާލޭގައި ގާއިމުކޮށްފައިވާ ކޮންޓެއިނަރ ޕާކުގެ މައިގަނޑު މަގްސަދަކީ ލައިވްލީ އަދި ކޮމިއުނިޓީ އެންގޭޖިންގ މާހައުލެއް ބިނާކުރުމެވެ. އަދި އާޓިސްޓުންނަށް ވެސް ފުރުސަތު ލިބިގެންދާނެ ފަދަ ހަބެއް ތައްޔާރުކުރުމަކީ މަގުސަދެއް ކަމަށް އަރބަންކޯއިން ބުނެއެވެ.