ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އާ ރަންވޭ ހުޅުވުމަށް ކުރަމުން އަންނަ މަސައްކަތުގެ ދަށުން އޮކްޓޯބަރު މަހުގެ 5 ވަނަ ދުވަހުގެ ރެއިން ފެށިގެން ދަތުރުތައް މެދުކަނޑާލާނެ ކަމަށް އެ އެއަރޕޯޓު ހިންގާ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފިއެވެ.
ރާއްޖެ ޓީވީގެ "ފަށާއިރު" ގައި މައުލޫމާތު ދެއްވަމުން ވީއައިއޭގެ ޓަރމިނަލް އޮޕަރޭޝަންސްގެ ޖެނެރަލް މެނޭޖަރު އިބްރާހިމް ހުސައިން ވިދާޅުވީ އޮކްޓޯބަރު މަހުގެ 6ވަނަ ދުވަހު އެއަރޕޯޓުގެ އާ ރަންވޭ ހުޅުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. މި މަސައްކަތުގެ ދަށުން 5 ވަނަ ދުވަހުގެ ރޭ 11:00 އިން ފެށިގެން އެއާޕޯޓުގެ ހުރިހާ މޫވްމަންޓެއް މެދުކަނޑާލެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ދަތުރުތައް މެދުކަނޑާލުމަށްފަހު އަލުން އެއަރޕޯޓަށް ދަތުރުތައް ފަށާނީ ހެނދުނު 7:00 ގައި ކަމަށް ވެސް އިބްރާހިމް ހުސައިން ވިދާޅުވިއެވެ. އޭނާ ވިދާޅުވި ގޮތުގައި އާ ރަންވޭ ހުޅުވައި ދަތުރުތައް ފަށާނީ އެމިރޭޓްސްގެ ވައިޑްބޮޑީ މަތިންދާބޯޓަކާ އެކުގައެވެ.
އޮކްޓޯބަރު މަހުގެ 5 ވަނަ ދުވަހުގެ ރޭ އިންޓަރނޭޝަނަލް އަދި ޑޮމެސްޓިކް ޓަރމިނަލުގެ ދަތުރުތައް ވެސް މެދުކަނޑާލާނެއެވެ.
އެމްއޭސީއެލް އިން ބުނެފައިވާ ގޮތުގައި އާ ރަންވޭއާއެކު އެ ދުވަހު އާ ސީޕްލޭން ޓާމިނަލް ވެސް ރަސްމީކޮށް ހުޅުވާނެއެވެ. މިއީ އެއަރޕޯޓު ތަރައްގީ ކުރުމުގެ ދަށުން ކުރިއަށްދިޔަ ވަރަށް ބޮޑު ދެ ޕްރޮޖެކްޓުކަމަށް ވެސް އެ ކުންފުނިން ފާހަގަކުރިއެވެ.
އައު ރަންވޭގެ ދިގުމިނުގައި 3،400 މީޓަރު ހުރެއެވެ. އަދި ފުޅާމިނުގައި 60 މީޓަރު ހުރެއެވެ. މި ރަންވޭގެ މަސައްކަތް ފަށާފައިވަނީ ކުރީގެ ރައީސް ޔަމީން އަބްދުލްގައްޔޫމްގެ ސަރުކާރުގައެވެ. އަދި 2018 ވަނަ އަހަރު އިއްތިހާދުގެ އޭ 380 ބޯޓެއް ޖައްސައި ރަންވޭ ހުޅުވާފައިވެސް ވެއެވެ. އެހެންނަމަވެސް އެއަށްފަހު ރަންވޭ ބޭނުމެއް ނުކުރެއެވެ.
އެމްއޭސީއެލްއިން މީގެ ކުރިން ބުނެފައިވަނީ އާ ރަންވޭ ބޭނުންކުރެވޭނީ މިހާރު ބޭނުންކުރަމުންދާ ސީޕްލޭން ޓާމިނަލް އެތަނުން ބަދަލުކުރެވިގެން ކަމަށެވެ. އަދި ރަންވޭއާއެކު ނިންމަންޖެހޭ ބައެއް މަސައްކަތްތައް ނުނިމި ހުރިކަން ވެސް އެ ކުންފުނިން ފާހަގަކުރިއެވެ.
އައު ރަންވޭ ބޭނުންކުރަން ފެށުމާއެކު ބޯޓު ޖެއްސުމުގައި ދިމާވާ ލަސްތައް ހައްލުވެގެންދާނެ ކަމަށް އެމްއޭސީއެލްއިން ބުނެއެވެ. އެ ކުންފުނިން ލަފާކޮށްފައިވާ ގޮތުގައި މި އާ ރަންވޭއާއެކު 3 ވަރަކަށް މިނެޓުގެ ތެރޭގައި ރަންވޭ ކްލިއަރ ކޮށްލެވޭނެއެވެ. އާ ރަންވޭ ބޭނުންކުރަން ފެށުމާއެކު މިހާރު ބޭނުންކުރާ ރަންވޭ ބޭނުންކުރާނީ ޓެކްސީވޭއެއް ގޮތުގައެވެ.
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ގިނަ މަސައްކަތްތަކެއް ކުރިއަށްދާއިރު މިހާރު ނުނިމި ހުރި ތަންތަނުގެ މަސައްކަތް ވެސް ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް އެމްއޭސީއެލް އިން ވަނީ ލަފާކޮށްފައެވެ.