19 އަހަރުން ދަށުގެ އެލީޓް ޕޫލަށް ކުދިން ހޮވުމަށް ޚާއްސަ ސެޝަންތަކެއް ބާއްވަން އެފްއޭއެމްއިން ނިންމައިފިއެވެ.
ސެޝަންތައް ބާއްވާނީ އަންނަ އޮކްޓޯބަރު މަހުގެ 7 އަދި 8 ވަނަ ދުވަހު ހަވީރު 15:30ގައި، އެއް ނަމްބަރު ޓާފް ދަނޑުގައެވެ. މިސެޝަންތަކުގައި ބައިވެރިވެ, އެލީޓް ޕޫލަށް ދިއުމުގެ ފުރުސަތު އޮތީ 2005 އަދި 2006 ވަނަ އަހަރު އުފަންވެފައިވާ ކުދިންނަށެވެ. 17 އަދި 18 އަހަރުގެ ކުދިންނަށް އަމާޒުކޮށްގެއް މިސެޝްނަތައް ކުރިއަށްގެންދާނީ އެފްއޭއެމްގެ ހެޑް އޮފް އެލީޓް އެންޑް ޔޫތު، އަދި 19 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކޯޗު އަހުމަދު ޝާކިރު (ޝާކިއްޓެ)އެވެ.
ޝާކިއްޓެ ބުނީ މި ދެ ސެޝަންގައި އަތޮޅުތަކުގެ ކުދިންނަށްވެސް ބައިވެރިވެވޭނެކަމަށާއި, ބަންދު ދެ ދުވަހަށް ސެޝަން ޝެޑިއުލްކުރީވެސް އެފުރުސަތު ދިނުމަށްކަމަށެވެ. އަދި އަތޮޅުތަކުގައި އުޅޭ ކުދިންގެ ތެރެއިންވެސް ސެޝަންގައި ބައިވެރިވާ ކުދިންގެ ހުނަރު ފާހަގަކުރާނެކަމަށް އޭނާ ބުންޏެވެ. ފުރުސަތު އާއްމުކޮށް ވަނީ ހުޅުވާލާފައެވެ.
ސެޝަންގަ ބައިވެރިވީމަ އަޅުގަނޑުމެން ހުނަރު ފާހަގަކުރާނަން. އޭރުން މުބާރާތެއް ކައިރިވީމަ އަތޮޅުތަކުގަ ތިބި ކުދިންގެ ތެރޭންވެސް އާދެވެން ތިބި ކުދިންނަށް ފުރުސަތު ދޭނަން. މިޕޫލަށް ނަގާ ކުދިންގެ ތެރޭން ރަނގަޅު ކުދިންނަށް ޒުވާން ގައުމީ ޓީމުން ފުރުސަތު ލިބޭނެ. ޕޫލްގެ ޕްރެކްޓިސްތައްވެސް ގަވާއިދުން ކުރިއަށްގެންދާނެ.އަހުމަދު ޝާކިރު / އެފްއޭއެމްގެ ހެޑް އޮފް އެލީޓް އެންޑް ޔޫތު
ޒުވާން ޓީމުތައް ސެޕްޓެމްބަރު މަހާއި އޮކްޓޯބަރު މަހު ގިނަ މުބާރާތްތަކެއްގައި އަންނަނީ ވާދަކުރަމުންނެވެ. 17 އަހަރުން ދަށާއި, 20 އަހަރުން ދަށުގެ ޓީމް ދެ މުބާރާތެއްގައި ވަނީ ވާދަކޮށްފައެވެ.