Advertisement
ކ. މާލެ
|
26 ސެޕްޓެންބަރ 2022 | ހޯމަ 13:52
މަޖިލީހުގެ މެމްބަރުން
މަޖިލީހުގެ މެމްބަރުން
މަޖިލިސް
ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް އިސްލާހު ގެނައުން
މެމްބަރުންގެ ކިބައިން ގާސިމް އެދޭ އެދުމަކީ ލިވާތުގެ ކުށާއި ސިޙާގުގެ ކުށުގެ އަދަބު މަތިކޮށްދިނުން
މި އިސްލާހުގެ ފުރަތަމަ ކިޔުން އިއްވާފައި ވަނީ އޮގަސްޓު މަހުގެ 31 ވަނަ ދުވަހު
އެއްޖިންސުން ގުޅުން ހިންގުމަކީ އާދައިގެ ކުށެއް ކަަމަށް ދެކި އެކަން ޕްރޮމޯޓު ކުރާތީ ޤާސިމް ކަންބޮޑުވުން ފާޅުކުރެއްވި
އެ ބިލަށް އެއްވެސް މެމްބަރަކު ވާހަކަދައްކަވާފައެއް ނުވޭ

ލިވާތުގެ ކުށާއި ސިޙާގުގެ ކުށަކީ ޖިނާއީ ބޮޑެތި ކުށްތަކުގެ ގޮތުގައި ކަނޑައަޅަން ވޯޓުދެއްވަން މާމިގިލީ ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް މެމްބަރުންގެ އަރިހުން އެދިވަޑައިގަންނަވައިފިއެވެ.

ލިވާތުގެ ކުށާއި ސިޙާގުގެ ކުށަކީ ޖިނާއީ ބޮޑެތި ކުށްތަކުގެ ގޮތުގައި ކަނޑައަޅަން ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް އޭނާ ހުށަހަޅުއްވާފައިވާ އިސްލާހު މަޖިލީހަށް ހުށަހަޅުއްވާދެއްވަމުން ގާސިމް ވަނީ އެފަދަ އަމަލުތައް ހިންގާ މުޖުތަމައުތައް ހަލާކުގެ ތެރެއަށް ހުށަހެޅުނުކަން ތާރީހަށް ބަލާލުމުން އެނގެން އެބައޮތް ކަމަށް ވިދާޅުވެފައެވެ. އެހެންކަމުން ސައްތައިން ސައްތަ މުސްލިމް ގައުމެއްގެ ހައިސިއްޔަތުން އެފަދަ ކަންކަމުގައި ދީނުގައި ކަނޑައަޅާފައިވާ އަދަބު ދޭން ޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށް ގާސިމް ވިދާޅުވިއެވެ.

Advertisement

ގާސިމް ހުށަހެޅުއްވި އެ ބިލުގައި އެއްޖިންސުން ގުޅުން ހިންގުމަކީ އާދައިގެ ކުށެއް ކަަމަށް ދެކި، އެފަދަ އަމަލުތައް ކުރާ ފަރާތްތައް ފަސޭހައިން މުޖުތަމައު ތެރެއަށް ދޫވެފައި ތިބުމަކީ ޝަރުއީ މަރުހަލާ ނިމުމުގެ ކުރިން ބަޔަކާ އެކު ވަހުޝީ އަމަލެއް ހިންގުމަށް ފުރުސަތު ލިބޭ ކަމެއްކަމަށް ވިދާޅުވެފައެވެ. އަދި އެފަދަ މީހުންނަކީ މުޖުތަމައަށް ނުރައްކާތެރި ބައެއް ކަމަށް ސިފަކުރައްވާ ޤާސިމް ވަނީ އެ ފަދަ މީހުންގެ ވަސްވާސް އެ މީހުންގެ އާއިލާ އާއި މުޖުތަމައަށް ފޯރުމުގެ ކުރިން އެކަހެރި ކުރަން ޖެހޭ ކަމަށް ވިދާޅުވެފައެވެ. އެއީ އިސްލާމީ މުޖުތަމައުގެ ސަލާމަތަށްޓަކައި ގައުމުގެ ވެރިންނާއި، މެމްބަރުން ސީރިއަސްކޮށް ވިސްނަވަން ޖެހޭ މައްސަލަ އެއް ކަމަށް ޤާސިމް ވަނީ ވިދާޅުވެފައެވެ.

އެހެންނަމަވެސް ޤައުމުގެ ބޮޑުންގެ ތެރެއިން ބަޔަކު އެފަދަ އަމަލުތައް ކުރާ މީހުން ހިމާޔަތް ކުރާ ހިސާބަށް ކަންކަން ދިއުމަކީ ލަދުވެތި ކަމެއް ކަމަށާއި ރުހުމުގައި ޒިނޭކުރުމާއި، ލިވާތުކުރުން ފަދަ އަމަލުތައް ކުރުމަކީ މައްސަލައެއް ނޫން ކަމަށް ގަބޫލުކުރާ މީހުން މުޖުތަމައުގައި ގިނަވެފައިވާ ކަމަށާއި، އެފަދަ އަމަލުތަކަކީ ބޮޑުކަމެއް ނޫން ކަަމަށް ދޭހަވާ މޭރުމަކުން ބައެއް ސިޔާސީ މީހުން ވެސް ވާހަކަދައްކާ ކަަމަށް ޤާސިމް ހުށަހެޅުއްވި މައްސަލައިގައި ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން އެ އަމަލު ޕްރޮމޯޓުކުރުމަށް ބަޔަކު މަސައްކަތް ކުރާ ކަމަށް ވެސް ޤާސިމް ވަނީ ތުހުމަތުކުރައްވާފައެވެ. އެހެންކަމުން ބިލް ފާސްކުރަން މެމްބަރުންގެ އެއްބާރުލުން ދެއްވުމަށް ޤާސިމް ވަނީ އެދިވަޑައިގަންނަވާފައެވެ.

މިއީ އިސްލާމުންގެ ގޮތުގައި ތިބެގެން ކުރާ ނުވަތަ މުޅި އިންސާނިއްޔަތަށް ވެސް ގެއްލުން ހުރި ކަމެއްކަން އަޅުގަނޑުމެންނަށް އެނގިގެންދޭ ކިރިތި ރަސޫލާގެ ހަދީސްފުޅުތަކުން. މިކަމަކީ ހައްދު ކަނޑައެޅިފައިވާ ބޮޑު ކުށަކަށް ވާއިރު އެކަމުގެ އަދަބު ކަނޑައެޅިފައިވާ މިންވަރު މައްޗަށް ޖެއްސުން އަޅުގަނޑު ދަންނަވާފައި މިއޮތީ
ގާސިމް އިބްރާހިމް

އެ ބިލަށް އެއްވެސް މެމްބަރަކު ވާހަކަދައްކަވާފައެއް ނުވެއެވެ. ޤާސިމް މަޖިލީހަށް ހުށަހެޅުއްވި އެ އިސްލާހުގައި ހުށަހަޅާފައި ވަނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 22 ވަނަ މާއްދާ އަށް އަކުރެއް އިތުރުކުރުމަށެވެ.

ގާނޫނުލްޢުގޫބާތުގައި ބުނާ ގޮތުން މީހަކާ ނީނދެ ކާވެންޏެއްގެ މަތީގައި ހުރި މީހަކާއި ޒިނާ ނުވަތަ ލިވާތުކުރުމަކީ ޖުނަޙުގެ 1 ވަނަ ދަރަޖައިގެ ކުށެވެ. މީހަކާ ނީނދެ ހުރެ ކައިވެންޏެއްގެ މަތީގައި ނުވާ މީހަކާ އެކު ކުރި ކުށެއް ނަމަ އެއީ ޖުނަޙުގެ 2 ވަނަ ދަރަޖައިގެ ކުށެކެވެ. ޖުނަޙުގެ 1 ވަނަ ދަރަޖައިގެ ކުށުގައި ޖަލަށް ލެވޭނީ ގިނަވަގެން 1 އަހަރު ދުވަހެވެ. ޖުނަޙުގެ 2 ވަނަ ދަރަޖައިގެ ކުށެއްގައި ޖަލަށް ލެވޭނީ ގިނަ ވެގެން 6 މަސް ދުވަހެވެ.

ޖިންސީ ކުށުގެ ޤާނޫނުގައި "އެއް ޖިންސުން ގުޅުން ހިންގުމުގެ ކުށް" ބަޔާންކޮށްފައިވެއެވެ. އެގޮތުން އެފަދަ އަމަލެއް ރުހުމުގައި ކޮށްފިނަމަ ކުށުގެ އަދަބަކީ 5 އަހަރާއި 7 އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށް ލުމެވެ. އެ އަމަލު ހިންގީ އެތަނުން އެކެއްގެ ނުރުހުމުގައި ނަމަ އަދަބަކީ 7 އަހަރާއި 10 އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް