މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބިފައިވާ އާމްދަނީ 19.3 ބިލިއަން ރުފިޔާއަށް އަރާފައިވާކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފިއެވެ.
ފިނޭންސް މިނިސްޓްރީން ކޮންމެ ހަފްތާއަކު އާންމުކުރާ ތަފާސްހިސާބު ތަކުން ދައްކާގޮތުގައި ސެޕްޓެމްބަރު 15 ގެ ނިޔަލަށް ދައުލަތަށް ލިބުނު އާމްދަނީ އޭގެ ކުރީ ހަފްތާއާ އަޅާ ބަލާއިރު ވަނީ ގާތްގަނޑަކަށް 168 މިލިއަން ރުފިޔާ އިތުރުވެފައެވެ. އަދި މިހާތަނަށް ދައުލަތަށް ލިބުނު އާމްދަނީ ފާއިތުވި އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރުވެސް އިތުރެވެ. މިގޮތުުން މިދިޔަ އަހަރުގެ މި މުއްދަތުގައި ދައުލަތަށް ލިބިފައިވަނީ 13.4 ބިލިއަން ރުފިޔާގެ އާމްދަނީއެކެވެ.
އަހަރުގެ މިހާތަނަށް ދައުލަތަށް ލިބުނު އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޓެކުހުން ލިބުނު އާމްދަނީންނެވެ. ޖުމްލަ 14 ބިލިއަން ރުފިޔާ ޓެކުހުން ދައުލަތަށް ލިބިފައިވާއިރު، މުދަލާއި ޚިދުމަތުގެ އަގުން ނަގާ ޓެކުހުގެ ގޮތުގައި 6.7 ބިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވެއެވެ. ވިޔަފާރިއާއި، ޕްރޮޕަރޓީ ޓެކްސްގެ ގޮތުގައި 3.7 ބިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވެއެވެ. އަދި 2.2 ބިލިއަން ރުފިޔާ އިމްޕޯޓު ޑިއުޓީގެ ގޮތުގައި ދައުލަތަށް ވަނީ ލިބިފައެވެ.
ޓެކްސް ނޫން އެހެނިހެން ގޮތްގޮތުން ދައުލަތަށް ލިބުނު އާމްދަނީ 5 ބިލިއަނަށް ވަނީ އަރާފައެވެ. މިގޮތުން ފީ އާއި ޗަޖުގެ ގޮތުގައި 1.9 ބިލިއަން ރުފިޔާ ލިބިފައިވާއިރު، ބިމުން ލިބުނު އާމްދަނީ 1.4 ބިލިއަން ރުފިޔާއަށް އަރައެވެ. ކެޕިޓަލް ރިސިޕްޓުގެ ގޮތުގައި 12.9 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވާއިރު، ގްރާންޓުގެ ގޮތުގައި 257.7 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވެއެވެ.
މިހާތަނަށް ދައުލަތަށް ލިބުނު އާމްދަނީ 20 ބިލިއަނާ ގާތްކުރާއިރު، މިހާތަނަށް ހިނގާފައިވާ ޚަރަދު ވަނީ 25.5 ބިލިއަނަށް އަރާފައެވެ.