ކ. މާލެ
|
13 ސެޕްޓެންބަރ 2022 | އަންގާރަ 20:50
ޖޫރިމަނާ ކުރި އުޅަނދު
ޖޫރިމަނާ ކުރި އުޅަނދު
ފިޝަރީސް މިނިސްޓްރީ
މަސްވެރިކަން ކުރި ބޭރުގެ ދެ އުޅަނދު
ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި މަސްވެރިކަން ކުރި ބޭރުގެ ދެ އުޅަނދު ޖޫރިމަނާކޮށްފި
ޖޫރިމަނާ ފައިސާ ދެއްކުމުން އެ އުޅަނދުތައް ފުރައިގެން ދިއުމުގެ ހުއްދަ ވަނީ ދީފައި

ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި މަސްވެރިކަން ކުރި ބޭރުގެ 2 މަސްވެރި އުޅަނދެއްގެ މައްސަލަ ފިޝަރީޒް މިނިސްޓްރީގެ ފަރާތުން ބެލުމަށްފަހު އުޅަނދު ޖޫރިމަނާކޮށްފިއެވެ.

މަސްވެރިކަމުގެ ޤާނޫނުގެ ދަށުން އުޅަނދުތަކުގެ ވެރިފަރާތަށް އިދާރީ ފިޔަވަޅުގެ ގޮތުގައި ކަނޑައެޅި ޖޫރިމަނާ ފައިސާ ދެއްކުމުން އެ އުޅަނދުތައް ފުރައިގެން ދިއުމުގެ ހުއްދަ މިހާރު ދީފައިވާކަމަށް ފިޝަރީޒް މިނިސްޓްރީން ވަނީ ބުނެފައެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ އެތަނުން އެއް އުޅަނދު ޖޫރިމަނާކޮށްފައިވަނީ 6 ލައްކަ ރުފިޔާއިން ކަމަށާއި އެއީ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުން މަސްވެރިކަން ކޮށްފައިވާތީ ފަސްލައްކަ ރުފިޔާއާއި، ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދަށް މިނިސްޓްރީގެ ހުއްދަ ހޯދުމަކާއި ނުލައި ވަނުމުގެ ސަބަބުން އެއްލައްކަ ރުފިޔާ އިން ކަމަށެވެ. މި އުޅަނދުގައި 3 ޓަނުގެ ކަނޑުމަހުގެ ބާވަތްތައް ހުރިކަމަށް މިނިސްޓްރީން ބުންޏެވެ.

ދެވަނަ އުޅަނދު އެއްލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފައިވަނީ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދަށް މިނިސްޓްރީގެ ހުއްދަ ހޯދުމަކާއި ނުލައި ވަނުމުގެ ސަބަބުންނެވެ. މި އުޅަނދު އަތުލައިގަތް އިރު މި އުޅަނދުގައި މަސް ނެތް ކަމަށް މިނިސްޓްރީން ބުނެއެވެ.

މަސްވެރިކަމުގެ ޤާނޫނުގެ ދަށުން އިދާރީ ފިޔަވަޅު އެޅުމުގެ ކުރިން އުޅަނދުގެ މާސްޓަރު އަދި ވެރިފަރާތަށް ޖަވާބުދާރީވުމުގެ ފުރުސަތު ދީފައިވާ ކަމަށާއި ވެރިފަރާތަށް ޖަވާބުދާރީވުމުގެ ފުރުސަތު ދިނުމަށް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް އަޑުއެހުމެއް ބާއްވާފައިވާ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

އެމްއެންޑީއެފް ކޯސްޓްގާޑުން މި 2 އުޅަނދު އަތުލައިގަތީ 13 އޯގަސްޓް 2022 ވަނަ ދުވަހުއެވެ. މި 2 އުޅަންދުވެސް ނިސްބަތްވަނީ ސްރީލަންކާއަށެވެ.

- ކޮމެންޓް