ކ. މާލެ
|
13 ސެޕްޓެންބަރ 2022 | އަންގާރަ 20:44
ފަރެސްމާތޮޑާ މަސްވެރިން
ފަރެސްމާތޮޑާ މަސްވެރިން
ފަރެސްމާތޮޑާ މަސްވެރިއެއް
މަސްވެރިންގެ ދުވަސް
މި އަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކުރަނީ ގދ. ފަރެސްމާތޮޑާގައި
މިގޮތަށް ނިންމާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި

މި އަހަރުގެ މަސްވެރިންގެ ދުވަހުގެ ރަސްމީ އިޙްތިފާލުތައް ބާއްވާނެ ރަށަކީ ގދ. ފަރެސްމާތޮޑާކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ހަމަޖައްސަވައިފިއެވެ.

މިގޮތަށް ހަމަޖެއްސެވީ އަންގާރަ ދުވަހުގެ މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިން މިކަމާ ގުޅޭގޮތުން ހުށަހެޅުއްވި ކަރުދާހަށް ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރެއްވުމަށްފަހުގައެވެ.

1989 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ ޑިސެންބަރު މަހުގެ 10 ވަނަ ދުވަސް، މަސްވެރިންގެ ދުވަހުގެ ގޮތުގައި ރަސްމީކޮށް ސަރުކާރުން ގެންދަނީ ފާހަގަކުރައްވަމުންނެވެ. އެންމެފަހުން 2021 ވަނަ އަހަރު މަސްވެރިންގެ ދުވަސް ފާހަގަކޮށްފައި ވަނީ ކ.ގާފަރުގައި ކަމުގައިވާތީ މި ހިނގާ 2022 ވަނަ އަހަރު ފާހަގަކުރާ 42 ވަނަ މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ހުޅުވައިލީ ދެކުނުގެ ރަށްތަކަށެވެ.

މި އަހަރުގެ މަސްވެރިންގެ ދުވަސް ގދ. ފަރެސްމާތޮޑާގައި ބޭއްވުމަށް ހަމަޖައްސާފައިވާއިރު ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގާނޫނަށް 1 ވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސް ވަނީ ތަސްދީގުކުރައްވާފައެވެ. މިޤާނޫނަށް ގެނައި މައިގަނޑު އިސްލާޙަކީ، މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީގެ ޤާނޫނު، 13 ޑިސެމްބަރު 2021 ގައި އުވާލެއްވުމާއި ގުޅިގެން މަސްވެރިިކަމުގެ ޤާނޫނުގެ 56 ވަނަ މާއްދާގެ ޢިބާރާތަށް ގެނެސްފައިވާ ބަދަލެކެވެ.

މިގޮތުން އެމާއްދާގައި، ޓްރާންސްޕޯޓް އޮތޯރިޓީގެ ނަން އޮތްތަން އުނިކޮށް، މިޤާނޫނުގެ ދަށުން ކުރާ މަސްވެރިކަން މޮނީޓަރުކޮށް ކޮންޓްރޯލްކުރުމަށްޓަކައި، މޮނިޓަރިންގ، ކޮންޓްރޯލް އަދި ސަރވޭލަންސްއާބެހޭ ނިޒާމެއް ސިފައިންގެ ކޯސްޓްގާޑާއި، މޯލްޑިވްސް ޕޮލިސް ސަރވިސްއާއި، މޯލްޑިވްސް ކަސްޓަމްސް ސަރވިސްއާއި، ދަތުރުފަތުރުގެ ކަންކަމުގެ މަސްއޫލިއްޔަތު ޙަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާއާއި، އެނޫންވެސް ކަމާގުޅޭ އިދާރާތަކާ ގުޅިގެން މިނިސްޓްރީން ހަދައި ތަންފީޛުކުރަން ވާނެކަމަށް ވަނީ ބަދަލުކޮށްފައެވެ.

- ކޮމެންޓް