Advertisement
ކ. މާލެ
|
8 ނޮވެންބަރ 2025 | ހޮނިހިރު 17:10
ފަހިރޯޅި ބޯޓު ފަރަށް އެރި ސަރަހައްދުގައި ކޯސްޓްގަރޑް ހަރަކާތްތެރިވަނީ
ފަހިރޯޅި ބޯޓު ފަރަށް އެރި ސަރަހައްދުގައި ކޯސްޓްގަރޑް ހަރަކާތްތެރިވަނީ
އެމްއެންޑީއެފް
ގދ. ފަރެސްމާތޮޑާ
ފަހިރޯޅި ބޯޓު ފަރަށް އެރިތާ 24 ގަޑިއިރު ފަހުން އެ ސަރަހައްދުގައި ކޯސްޓްގަރޑް ހަރަކާތްތެރިވާ ކަމަށް އެމްއެންޑީއެފުން ބުނެފި
މި ބޯޓު ފަރަށް އަރާފައިވާ ކަމުގެ މައުލޫމާތު ލިބުނު ކަމަށް ބުނަނީ 7 ނޮވެންބަރު 2025 ވަނަ ދުވަހުގެ ފަތިހު 5:01 އެހާއިރު
ބޯޓުގައި ތިބި 12 މީހުން ފެލިދޫ އަށް ގެންގޮސްފައި، އެންމެންގެ ހާލު ރަނގަޅު
މި ހާދިސާ ހިނގި ގޮތް ފުލުހުން ދަނީ ތަހުގީގު ކުރަމުން

މާލެއިން މުދާ ބަރުކޮށްގެން ގދ. ފަރެސްމާތޮޑާ އަށް ދަތުރުކުރި ބޯޓެއް ފަރަށް އެރުމާ ގުޅިގެން ކޯސްޓްގަރޑް ހަރަކާތްތެރި ވަމުންދާ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.

ހޮނިހިރު ދުވަހު އެމްއެންޑީއެފުން ބުނީ، މާލެއިން ފުރައިގެން ގއ. އަތޮޅަށް ދަތުރުކުރި "ފަހިރޯޅި ފަރެސްމާތޮޑާ" ދޯނި، ވ.ފެލިދޫ ހުޅަނގުން 5 ނޯޓިކަލް މޭލު ބޭރުން ފަރަކަށް އެރުމާ ގުޅިގެން، އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަން ޑައިވަރުންނާ އެކު ހަރަކާތްތެރި ވަމުންދާ ކަމަށެވެ.

މި ހާދިސާ ހިނގި ސަރަހައްދުގައި ކޯސްޓްގާރޑް ހަރަކާތްތެރި ވަމުންދާ ކަމަށް އެމްއެންޑީއެފުން ހާމަކޮށްފައި މިވަނީ ހާދިސާ ހިނގިތާ 24 ގަޑިއިރު ފަހުންނެވެ.

މީގެ އިތުރުން ފުލުހުން ބުނީ، މި ބޯޓު ފަރަށް އަރާފައިވާ ކަމުގެ މައުލޫމާތު 7 ނޮވެންބަރު 2025 ވަނަ ދުވަހުގެ ފަތިހު 5:01 އެހާއިރު ލިބިފައިވާ ކަމަށެވެ.

ފުލުހުން ބުނީ، ބޯޓުގައި ތިބި 12 މީހުން ފެލިދޫ އަށް ގެންގޮސްފައިވާ ކަމަށާއި، އެންމެންގެ ހާލު ރަނގަޅު ކަމަށެވެ.

އޭގެ ތެރޭގައި ހަ ދަތުރުވެރިން ހިމެނެއެވެ. އެއީ ދިވެއްސަކާއި 5 ބިދޭސީން ކަމަށް ފުލުހުން ބުންޏެވެ. އޭގެ އިތުރުން ދެން އެ ބޯޓުގައި ތިބީ ބޯޓުގެ ކައްޕިއާއި، ވެރިފަރާތާއި، ހަތަރު ބިދޭސީ ފަޅުވެރިންނެވެ.

މީގެ އިތުރުން ފުލުހުން ބުނީ، ބޯޓު ފަރަށް އަރައި، ބޯޓުގެ މައްޔާ ފަޅައިގެން ގޮސް ދިޔަވެ، ބޯޓުގެ ބޮޑު ބައި މިހާރު އޮތީ އަޑީގައި ކަމަށެވެ.

މި ހާދިސާ ހިނގި ގޮތް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

- ކޮމެންޓް