ކ. މާލެ
|
1 ސެޕްޓެންބަރ 2022 | ބުރާސްފަތި 17:04
ނެޝަނަލް ފިޒިކަލް އެކްޓިވިޓީ ޕޮލިސީއާއި މޯލްޑިވްސް ގައިޑްލައިން އޮން ފިޒިކަލް އެކްޓިވިޓީ ލޯންޗްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ އަޙުމަދު ނަސީމް ވާހަކަފުޅުދައްކަވަނީ
ނެޝަނަލް ފިޒިކަލް އެކްޓިވިޓީ ޕޮލިސީއާއި މޯލްޑިވްސް ގައިޑްލައިން އޮން ފިޒިކަލް އެކްޓިވިޓީ ލޯންޗްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ އަޙުމަދު ނަސީމް ވާހަކަފުޅުދައްކަވަނީ
ހެލްތު މިނިސްޓްރީ
ގައިން ގަޔަށް ނާރާ ބަލިތައް
ގައިން ގަޔަށް ނާރާ ބަލިތަކާބެހޭގޮތުން ހަދާފައިވާ ދިރާސާ ވަރަށް އަވަހަށް އާންމުކުރާނެ: މިނިސްޓަރ ނަސީމް
ރާއްޖޭގައި އެންމެ ބޮޑު ސަމާލުކަމެއް ދޭންޖެހިފައިވާ މައްސަލައަކީ ސީދާ ދިރިއުޅުމުގެ އާދަކާދައާ ގުޅިފައިވާ، ގައިން ގަޔަށް ނާރާ ބަލިތަކަށް

ގައިން ގަޔަށް ނާރާ ބަލިތަކާބެހޭގޮތުން ހަދާފައިވާ ދިރާސާ ވަރަށް އަވަހަށް އާންމުކުރާނެކަމަށް، ހެލްތު މިނިސްޓަރ އަޙުމަދު ނަސީމް ވިދާޅުވެއްޖެއެވެ.

ނެޝަނަލް ފިޒިކަލް އެކްޓިވިޓީ ޕޮލިސީއާއި މޯލްޑިވްސް ގައިޑްލައިން އޮން ފިޒިކަލް އެކްޓިވިޓީ ލޯންޗްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ނަސީމް ވިދާޅުވީ، ގައިން ގަޔަށް ނާރާ ބަލިތައް ކޮންޓްރޯލްކުރުމަށް ސަރުކާރުން ރާވާފައިވާ ކަންކަމާބެހޭ މައުލޫމާތު ވަރަށް އަވަހަށް އިއުލާންކުރާނެކަމަށެވެ.

މިވަގުތު ރާއްޖޭގައި އެންމެ ބޮޑު ސަމާލުކަމެއް ދޭންޖެހިފައިވާ މައްސަލައަކީ ސީދާ ދިރިއުޅުމުގެ އާދަކާދައާ ގުޅިފައިވާ، ގައިން ގަޔަށް ނާރާ ބަލިތަކަށް ކަމަށާއި، ރާއްޖޭގެ ތަފާސްހިސާބުތަކުން ދައްކާގޮތުން، ގައިން ގައިން ނާރާ ބަލިތަކުގެ ސަބަބުން 84 އިންސައްތަ މީހުންނަށް، މަރުވުން ނުވަތަ ނުކުޅެދުންތެރިކަމާ ކުރިމަތިލާންޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.

އޭގެތެރޭގައި ކެންސަރާއި ހިތުގެ ބަލިތަކާއި ސްޓްރޯކްގެ އިތުރުން، ޕުއްޕާމޭގެ ބަލިތަކާއި ނަފްސާނީ ބަލިތައް ތަހައްމަލުކުރަމުންދާ މީހުންގެ ނިސްބަތް ހުރީ މަތީގައިކަން ފާހަގަކުރައްވައި މިނިސްޓަރ ވިދާޅުވީ، އެކަމުގެ ސަބަބުން ސިއްހީ ނިޒާމަށް ބުރަވެ، ބާރު ބޮޑުވެ، ރާއްޖޭގެ އިގުތިސާދަށާއި އުފެއްދުންތެރިކަމަށް ނޭދެވޭ އަސަރު ކުރާނެކަމަށެވެ. ދިރާސާތަކުން ދައްކާގޮތުގައި އެކަންކަމަށް މަގުފަހިވާ އާދަތައް މުޖުތަމައުގައި އަށަގެންފައިވާކަމަށް ވިދާޅުވިއެވެ.

ސިއްހީ ދާއިރާގެ މިހާރުގެ އަމާޒަކީ، ދުރާލައި ބަލިތަކުން މީހުން ރައްކާތެރިކުރުންކަމަށާއި، ދުޅަހެޔޮ ދިރިއުޅުމަކަށް މަގުފަހިކުރުން ކަމަށާއި، އާންމުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމުތައް އެކި މުއައްސަސާތަކާ ގުޅިގެން ކުރިއަށް ގެންދިއުންކަމަށް މިނިސްޓަރ ނަސީމް ވިދާޅުވިއެވެ.

މީގެ ތެރޭގައި އިބްތިދާއީ ސިއްހީ ނިޒާމުގެ ތެރޭން، ބަލިތައް ދުރާލާ ދެނެގަތުމާ، ރައްޔިތުންނާ ގާތުން ސިއްހީ މައުލޫމާތާއި ސިއްހީ ޚިދުމަތް ފޯރުކޮށްދިނުން ހިމެނޭ.
ހެލްތު މިނިސްޓަރ އަޙުމަދު ނަސީމް

ގައިން ގަޔަށް ނާރާ ބަލިތަކުން ތިމާ ދުރުވުމަށް ކުރެވިދާނެ ކަންތައްތަކަކީ; ކަސްރަތުކުރުމާއި ހަށިގަނޑުގެ ބަރުދަން ވަކި މިންވަރެއްގައި ހިފެހެއްޓުން ކަމަށްވެސް ވިދާޅުވިއެވެ.

ކަސްރަތުކުރުމަށް ބާރު އެޅުމަށް ރަސްމީ އިދާރާތަކުން ގިނަކަންތައްތަކެއް ކުރަންޖެހޭކަން ފާހަގަކުރައްވައި ނަސީމް ވިދާޅުވީ، ރަށްރަށުގެ ލޭންޑް ޔޫސް ޕްލޭން ހެދުމާއި ޕާކްތައް ހެދުމާއި މަދަރުސީ ދައުރުގައި ކަސްރަތާއި ކުޅިވަރަށް މުޖުތަމައު އަހުލުވެރިކުރުން މުހިންމުކަމަށެވެ.

- ކޮމެންޓް