ދައުލަތަށް ގެއްލޭ ފައިސާ ހޯދާނީ ޖިނާއީ މިންގަނޑުންތޯ ނުވަތަ މަދަނީ މިންގަނޑުންތޯ ބަހުސްކުރަން ދޫކޮށްލައިގެން ތިބެވޭކަށް ނެތްކަމަށް އޭސީސީގެ ރައީސް އަލްއުސްތާޛް އާދަމް ޝާމިލް ވިދާޅުވެއްޖެއެވެ.
އެސެޓް ރިކަވާ ކުރުމުގެ ނިޒާމު ޤާއިމް ކުރުމަށް އޭސީސީން އިސްނަގައިގެން ފެށި ބައްދަލުވުމުން ފެށުމުގެ މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޝާމިލް ވިދާޅުވީ ކޮރަޕްޝަންގެ ކުށުން ދައުލަތުން ގެއްލިގެންދާ ފައިސާގެ އަދަދު ވަރަށް ބޮޑު ކަމަށެވެ. އަދި އެ ފައިސާ ހޯދަން ދަތިވަނީ އެ ފައިސާ ހޯދުމަށް އެކަށީގެންވާ އިޖުރާއަތުތައް ވަށާޖެހިފައި ނެތުމުގެ ސަބަބުން ކަމަށެވެ. އަދި އެ މަސައްކަތް ކުރުމަށް މުއައްސަސާތަކުގެ ދައުރު އިތުރަށް ރަނގަޅުކުރަން ޖެހޭ ކަަމަށް ވެސް އޭނާ ވަނީ ފާހަގަކުރައްވާފައެވެ. އެ ފައިސާ ހޯދާނީ ކޮން މިންގަނޑަކުންތޯ ކަނޑައެޅުމުގެ ބަހުސްއަކީ ގިނަ ދުވަސްވެފައިވާ ބަހުސެއް ކަަމަށާއި އެ ބަހުސް އިތުރަށް ދިގުލައިގެން ދާން ދޫކޮށްލެވެން ނެތް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ކޮރަޕްޝަންގެ ސަބަބުން ގެއްލިގެންދާ ފައިސާއަކީ އެ ކޮރަޕްޝަންގެ އަމަލު ނުހިނގި ނަމަ ތަރައްޤީއަށް ކުރެވޭނެ ހޭދައެއްކަމަށް ވާއިރު އެ ފައިސާ ހޯދުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަން ޝާމިލް ވިދާޅުވިއެވެ. މީގެ އިތުރުން އޭސީސީގެ އަމާޒަކީ ކޮރަޕްޝަނުން ގެއްލިގެންދާ ފައިސާ ހޯދައި ހަރުދަނާ ނިޒާމެއް ގާއިމް ކުރުން ކަމަށް ޝާމިލް ވިދާޅުވިއެވެ.
އޭސީސީގެ އިސްނެގުމާއި އެކު އާދިއްތަ ދުވަހު ބާއްވާ ބައްދަލުވުމުގައި ކަމާއި ބެހޭ ފަރާތްތަކާއި އެކު މަޝްވަރާކޮށް ދައުލަތަށް ގެއްލޭ ފައިސާ ހޯދޭނެ ގޮތްތަކާއި މެދު މަޝްވަރާކުރުމަށް ވަނީ ހަމަޖެހިފައެވެ.