ކ. މާލެ
|
27 އޯގަސްޓް 2022 | ހޮނިހިރު 09:39
އެމްޑީޕީގެ 4 ވަނަ ކޮންގްރެސްގެ ތެރެއިން
އެމްޑީޕީގެ 4 ވަނަ ކޮންގްރެސްގެ ތެރެއިން
އަޒްމީން / ޓްވިޓަރ
އެމްޑީޕީގެ ރިޔާސީ ޓިކެޓް
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބޭއްވުމާއި މެދު އަދި ގޮތެއް ނުނިންމާ: އެމްޑީޕީ
ރިޔާސީ އިންތިޚާބުގައި ވާދަކުރާނެކަން އިއުލާންކޮށްފައިވާ އިތުރު ބޭފުޅުންގެ ތެރޭގައި ޑީއާރުޕީގެ ލީޑަރު އަބްދުﷲ ޖާބިރު، އެމްއެންޕީން ކާނަލް ނާޒިމް އަދި އެމްޑީއޭއިން އަހުމަދު ޝިޔާމް ހިމެނޭ
ޕީޕީއެމްގެ ޓިކެޓް އިންތިޚާބަކާއި ނުލާ ކުރީގެ ރައީސް ޔާމީނަށް ވަނީ ދީފައި
އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވަން ބޭނުންވާކަން ރައީސް ސާލިހު ވަނީ ހާމަކުރައްވާފައި

ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީ އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓަކު ކަނޑައަޅަން ބާއްވާ ރިޔާސީ ޕްރައިމަރީ ބާއްވާނެ ތާރީހެއް އަދި ނިންމާފައި ނުވާ ކަމަށް އެމްޑީޕީ އިން ބުނެފިއެވެ.

އެމްޑީޕީގެ ޗެއަރޕަރސަން ފައްޔާޒް އިސްމާއިލް ރާއްޖެ އެމްވީ އަށް ވިދާޅުވީ ރިޔާސީ ޕްރައިމެރީ ބޭއްވުމާއި މެދު އަދި މަޝްވަރާކޮށްފައި ނުވާ ކަމަށެވެ. މި މަހު ކުރިއަށް ދިޔަ އެޕާޓީގެ ކޮންގްރެސްއަށް ފަހު އެ ޕާޓީގެ ރިޔާސީ ޕްރައިމަރީ ބާއްވާނެކަމަށް ވަނީ އިއުލާންކޮށްފައެވެ. ކުރިއަށްއޮތް ރިޔާސީ އިންތިޚާބުގައި އެމްޑީޕީން ވާދަކުރާނެ ކެނޑިޑޭޓެއް އެ ޕާޓީ އިން އަދި ނިންމާފައެއް ނުވެއެވެ. އެހެންނަމަވެސް އެޕާޓީގެ ބައެއް ބޭފުޅުން ވަނީ ރިޔާސީ ޓިކެޓަށް ޝައުގުވެރިކަން ހުރިކަން ފާހަގަކުރައްވާފައެވެ. އެގޮތުން އެމްޑީޕީގެ ޓިކެޓްގައި ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަން ބޭނުންފުޅުވާކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވަނީ މީގެ ކުރިން ހާމަކުރައްވާފައެވެ.

އަދި ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ރިޔާސީ ޓިކެޓަށް ވާދަކުރައްވާނެ ކަމަށް ވާހަކަދެކެވުނު ނަމަވެސް ރިޔާސީ ނިޒާމެއްގެ ތެރެއިން ބާއްވާ އިންތިޚާބެއްގައި ވާދަކުރުމާއި މެދު އެމަނިކުފާނު އަދި ވަކި އެއްޗެއް ވިދާޅެއް ނުވެއެވެ. ރައީސް ނަޝީދު ވަނީ އެމަނިކުފާނު މަސައްކަތް ކުރައްވާނީ ކުރިއަށް އޮތް އިންތިޚާބަކީ ބަރުލަމާނީ ނިޒާމެއްގެ ތެރެއިން ހިނގާ އިންތިޚާބަކަށް ހައްދަވަން ކަމަށެވެ. އެކަމާއި ގުޅޭ މައްސަލަ އެއް އެމްޑީޕީގެ ކޮންގްރެސް އަށް ވެސް އެމަނިކުފާނު ވަނީ ހުށަހަޅުއްވާފައެވެ. އެހެންނަމަވެސް ފަހުން އެ ގަރާރު ވަނީ މަޑުޖައްސާލާފައެވެ. އެހެންކަމުން ރިޔާސީ ޓިކެޓް ދިނުމަށް ބާއްވާ އިންތިޚާބުގައި ރައީސް ނަޝީދު ވާދަކުރައްވާނެކަން ނުވަތަ ނޫންކަން އަދި ޔަގީނެއް ނޫނެވެ.

އިދިކޮޅު ޕީޕީއެމްއިން ވަނީ އެ ޕާޓީގެ ރިޔާސީ ޓިކެޓް އިންތިޚާބަކާއި ނުލައި ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީންއަށް އަރުވާފައެވެ. ރިޔާސީ އިންތިޚާބުގައި ވާދަކުރާނެކަން އިއުލާންކުރައްވާފައިވާ އިތުރު ބޭފުޅުންގެ ތެރޭގައި ޑީއާރުޕީގެ ލީޑަރު އަބްދުﷲ ޖާބިރު، އެމްއެންޕީ ގެ ލީޑަރު ކާނަލް ނާޒިމް އަދި އެމްޑީއޭއިން އަހުމަދު ޝިޔާމް ހިމެނެއެވެ.

- ކޮމެންޓް